ޚަބަރު

އެއަރޕޯޓް މަޝްރޫއާއެކު ޓޫރިޒަމް ދާއިރާ އިތުރަށް ފުޅާކުރަނީ


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ތަރައްޤީގެ މަޝްރޫޢުއާއެކު، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ފުޅާކުރަންޖެހޭ ދާއިރާތައް މިހާރަށްވުރެ ބޮޑަށް ފުޅާކުރުމަށް ސަރުކާރުން ނިންމަވާފައިވާކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީއާއި ލިވްއަބޯޑް އެސޯސިއޭޝަން ގުޅިގެން ކޮލެޖްތަކުގެ ދަރިވަރުންނަށް އަމާޒްކޮށްގެން ޑައިވިން ހުނަރުތައް ދަސްކޮށްދިނުމުގެ ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ޑައިވް މާކެޓަކީ ވަރަށް މުހިއްމު މާކެޓެއްކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ މިހާރަށްވުރެ ބޮޑަށް ރާއްޖޭގެ ޑައިވް މާކެޓް ފުޅާކުރުންކަމަށާ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ތަރައްޤީގެ މަޝްރޫޢުއާއެކު ދިވެހި ޒުވާނުނަށް އަމާޒްކޮށްގެން ކުރިއަށްގެންދާ މިފަދަ ޕްރޮގްރާމްތަކުން ޒުވާނުނަށް އިތުރު ފުރުސަތު ލިބިގެންދާނެކަމަށް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ލިވްއަބޯޑް އެސޯސިއޭޝަނުގެ ސެކްރެޓަރީ ޖެނެރަލް މުޙަންމަދު އިގްނާޒު ވިދާޅުވީ، ޑައިވިންގގެ ދާއިރާގައި ދިވެހި ޒުވާނުން ހިއްސާވާމިންވަރު އިތުރުކުރަން ޖެހޭކަމަށެވެ. މިދާއިރާއަކީ ރަނގަޅު އާމްދަނީއެއް ލިބޭ ދާއިރާއެއް ކަމަށްވެސް އިގްނާޒް ވިދާޅުވިއެވެ.

ފަތުރުވެރިންގެ މެދުގައި ރާއްޖެއަކީ ޑައިވިނަށް ޚާއްސަ މަންޒިލެކެވެ. ރާއްޖެއަށް މިހާރު ޒިޔާރަތްކުރާ ފަތުރުވެރިންގެ %6 އަކީ ޑައިވިން ކުރުމަށް އަންނަ ފަތުރުވެރިންކަމުގައި ވީނަމަވެސް ސަރުކާރުގެ އަމާޒަކީ ކުރިއަށްއޮތްތަނުގައި މިއަދަދު އިތުރުކުރުމެވެ. ރާއްޖޭގައި ހާހަކަށްވުރެ ގިނަ ޑައިވް މާސްޓަރުން އުޅޭއިރު، ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ހިންގާ ދުއިއްސައްތަ ޑައިވް ސެންޓަރު ހުރިކަން ފާހަގަކޮށްލެވެއެވެ.