ޚަބަރު

ރައީސް ޔާމީންއަށް ތާޢީދުކުރަން ޒައިދުލްއަމީން ނިންމައިފި


ކުރީގެ ރައީސް މައުމޫން އަބްދޫލް ޤައްޔޫމަށް ކުރި ތާއިދު އަނބުރާ ގެންގޮސް ރައީސް އަބްދުﷲ ޔާމީންއަށް ތާއިދުކުރަން މާލޭ ސިޓީ ކައުންސިލްގެ ކުރީގެ މެމްބަރު ޒައިދުލް އަމީން ނިންމައިފިއެވެ.

ޕީޕީއެމްގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގައި ރައީސް މައުމޫނު ފަޅީގައި ހުރެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ދިޔަ ޒައިދުލް އަމީން ރައީސް ޔާމިނަށް ތާއިދުކުރާކަން ހާމަކޮށްފައިވަނީ އެނާގެ ފޭސްބުކްގައި ޢާއްމުކުރި ލިޔުމެއްގައެވެ.

ޒައިދުލް އަމީން ބުނީ ދެހާސް އަށްވަނަ އަހަރުން ފެށިގެން އެނާ ރައީސް މައުމޫނަށް ކުރަމުން ގެންދިޔަ ތާއިދު މިއަދުން ފެށިގެން އަނބުރާ ގެންދާކަމަށެވެ. އަދި ރައީސް ޔާމީނަށް މިހާރުން ފެށިގެން ތާއިދުކުރާކަމަށާއި އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން ތައްޔާރަށް ހުރިކަމަށް އޭނާ ބުނެފައިވެއެވެ.