ޚަބަރު

ބީއެމްއެލްގެ ކޭޝް އެޖޭންޓެއްގެ ގޮތުގައި ފެނަކަ ހަމަޖައްސައިފި


ބޭންކް އޮފް މޯލްޑިވްސްގެ ކޭޝް އޭޖެންޓަކަށް ފެނަކަ ކޯޕަރޭޝަން ހަމަޖައްސައިފިއެވެ.

ބީއެމްއެލްގެ ހެޑް އޮފީހުގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތެއްގައި ބީއެލްއެލް އިން ވަނީ ފެނަކަ ކޯޕަރޭޝަނާއެކު މިކަމާއި ގުޅޭ އެއްބަސްވުމުގެ ސޮއިކޮށްފައެވެ. އެއްބަސްވުމުގައި ސޮއިކުރެއްވީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ އާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފްއެވެ.

މިވަގުތު ބޭންކް އޮފް މޯލްޑިވްސްގެ 200 އަށްވުރެ ގިނަ ކޭޝް އެޖެންޓުން އަތޮޅުތަކުގައި ޚިދުމަތް ދެމުންދެއެވެ. އަދި މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ކޭޝް އޭޖެންޓުންގެ ނެޓްވޯކް އިތުރަށް ފުޅާވެ އަތޮޅުތަކުގައި ހުރި ހުރިހާ ފެނަކަ އޮފީސްތަކަކުން ފައިސާ ނެގޭނެ އިންތިޒާމު ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ.

ކޭޝް އޭޖެންޓުންގެ ޚިދުމަތަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އަސާސީ ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ތަޢާރަފްކޮށްފައިވާ ޚިދުމަތެކެވެ. 

ދެހާސް ސާދަވަނަ އަހަރު ތަޢާރަފްކުރި މި ޚިދުމަތުގެ ސަބަބުން މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ބޭންކްގެ ބްރާންޗެއް ނެތް ރަށްރަށުގެ ވިޔަފާރިވެރިން މެދުވެރިކޮށް ކަސްޓަމަރުންނަށް ފައިސާ ނެގޭނެ އިންތިޒާމުވަނީ ހަމަޖައްސާފައެވެ. ބީއެމްއެލްގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޑެބިޓް ކާޑު ބޭނުންކޮށްގެން ފިހާރަތަކުގައި ހުންނަ ބޭންކްގެ ޕޮއިންޓް އޮފް ސޭލް، ޕީއޯއެސް މެޝިންތަކުން ފައިސާ ނެގެއެވެ.