ޚަބަރު

ލަންކާގައި ރާއްޖޭގެ ޖުމްހޫރީދުވަސް ފާހަގަކޮށްފި


ރާއްޖޭގެ 49 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ފަރާތުން ދިދަ ނެގުމުގެ ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ. 

މިއަދު މެންދުރުފަހު ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ބޭއްވި މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރު، އަދި ޗެއަރމަން އޮފް ސްޓޭންޑިންގ ކޮމިޓީޒް ސެލްވަމް އަޑައިކަލަނަތަންއެވެ. 

މިރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ ނަންގަވާ ދެއްވީ، ސްރީލަންކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މުހައްމަދު ހުސައިން ޝަރީފްއެވެ. 

img:http://s2.psmnews.mv/images/660x400/15104002348168.jpg|ޖުމްހޫރީދުވަހުގެ މުނާޞަަބަތުގައި ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ރާއްޖެ އެމްބަސީ

ދިދަ ނަންގަވައިދެއްވުމަށްފަހު ސަފީރު ދެއްކެވި ވާހަކަފުޅުގައި ޖުމްހޫރީދުވަހުގެ ތަޙުނިޔާ، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށާއި ސްރީލަންކާގައި އުޅޭ ހުރިހާ ދިވެހި ރައްޔިތުންނަށް އަރިސްކުރެއްވިއެވެ.

ސަފީރުގެ ވާހަކަފުޅުގައި ސްރީލަންކާއާއި ރާއްޖެއާ އޮންނަ ގާތް ގުޅުން ފާހަގަކުރައްވާ، މިގުޅުން އިތުރަށް ވަރުގަދަކުރެއްވުމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ. 

img:http://s2.psmnews.mv/images/660x400/15104002243518.jpg|ޖުމްހޫރީދުވަހުގެ މުނާޞަަބަތުގައި ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި އެމްބެސެޑަރ މުހައްމަދު ހުސައިން ޝަރީފް ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ރާއްޖެ އެމްބަސީ

ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނު، އެމްޕީ ސެލްވަމް ދެއްކެވި ވާހަކަފުޅުގައި ޖުމްހޫރީދުވަހުގެ ތަޙުނިޔާ ދިވެހި ސަރުކާރަށް އަރިސްކުރެއްވިއެވެ. 

މިރަސްމިއްޔާތުގައި، މޯލްޑިވްސް އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރ، އެމްއީސީސީގެ ދަރިވަރުން ސަޤާފީ އައިޓަމެއް ހުށަހަޅައިދިނެވެ. 

img:http://s1.psmnews.mv/images/660x400/15104001976065.jpg|ޖުމްހޫރީދުވަހުގެ މުނާޞަަބަތުގައި ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ރާއްޖެ އެމްބަސީ

ޖުމްހޫރީދުވަހުގެ މުނާޞަބަތުގައި ލަންކާގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި، ސްރީލަންކާގެ ފޮރިން މިނިސްޓްރީގެ އިސްބޭފުޅުންނާއި އެމްބަސީގެ މުވައްޒަފުންނާއި އެމްއީސީސީގެ ސްޓާފުންނާއި މުދައްރިސުން ބައިވެރިވިއެވެ.