ވިޔަފާރި

ބޭރުގެ އިންވެސްޓްމަންޓްތަކުގެ އަދަދު ދަނީ އިތުރުވަމުން- އަފީފް


މީގެކުރިން ރާއްޖެއަށް އިންވެސްޓަރުން ނާންނަހާ ގިނަ އަދަދަކަށް މިހާރު ރާއްޖޭގައި ބޭރުގެ އިންވެސްޓަރުން މަޝްރޫއުތައް ހިންގަމުންދާ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީގެ ވައިސް ޗެއަރމަން ޙުސެއިން އަފީފު ވިދާޅުވެއްޖެއެވެ.

ރާއްޖެއަކީ ބޭރުގެ އިންވެސްޓަރުންނަށް ފަހި މާހައުލެއް އޮތް ޤައުމަކަށް ހެދުމަށް ދިވެހި ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

އެގޮތުން ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ކުރެޑިޓް ރޭޓިންގެއް ވަނީ ހަދާފައެވެ. ކްރެޑިޓް ރޭޓިންގ އަކީ ޤައުމެއްގެ އިޤްތިޞާދީ ކަންކަން މެނޭޖްކުރުމަށް މާލީގޮތުން ލިބިފައިވާ ޤާބިލުކަން މަތީ ފެންވަރެއްގައި ވަޒަންކުރުމަށް ކިޔާ ނަމެކެވެ. މި ވަޒަންކުރުމުގެ ނުވަތަ ރޭޓިންގ ގެ މައިގަނޑު ބޭނުމަކީ އިންވެސްޓަރުންނަށް އެ ރޭޓިންގ އިން ފުރުޞަތު ފަހިކޮށްދިނުމާއި އިންވެސްޓްމަންޓްތަކުގެ އިތުބާރު ދެމެހެއްޓުމެވެ.

ޑަބްލިއުޓީއެމް ފެއަރގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީގެ ވައިސް ޗެއަރމަން އަދި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ރިސޯޓް ހިންގާ ކުރައުން އެންޑް ޗަމްޕާ ރިސޯޓްސް ކުންފުނީގެވެސް އިސް މަޤާމެއް ފުރުއްވަމުންގެންދަވާ ޙުސެއިން އަފީފު ވިދާޅުވީ ރާއްޖެއަށް މިހާގިނަ އިންވެސްޓަރުން އައުމުގެ އެއް ސަބަބަކީ މޫޑީސް އާއި ފިޗްއުން ރާއްޖެއަށް ދީފައިވާ ކުރެޑިޓް ރޭޓިންކަމަށެވެ.

"މިހާގިނަ އިންވެސްޓަރުން އެއްފަހަރާ އައިސްގެން އުޅޭތަން އަޅުގަނޑަށް ފެނިފައެއް ނެތް. ދެން އަޅުގަނޑަށް ހީވަނީ އޭގެ ސަބަބަކީ އަޅުގަނޑުމެންނަށް މޫޑީސް އާއި ފިޗްއިން ދީފައިވާ ރޭޓިންގ މިހާރު ދެ އަހަރު އެއް ރޭޓިންގއެއް ދިނުން. މިއާއެކު އިންވެސްޓަރ ކޮންފިޑެންސް އުފެދެނީ، އެހެންވީމަ އަޅުގަނޑަށް ހީވަނީ އެއީ ވަރަށް ރަގަނޅަށް ސައިންއެއްހެން" އަފީފު ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ބޭރުގެ ފަރާތްތަކުން އިންވެސްޓްކޮށް ރިސޯޓްތައް ތަރައްޤީކުރަމުން ދިޔުމަކީ ވަރަށް ހިތްހަމަޖެހޭ ކަމެއް ކަމަށް އަފީފް ވިދާޅުވިއެވެ. ސަބަބަކީ އަމިއްލަ ވިޔަފާރި އިތުރަށް ކުރިއެރުވުމަށް އޭގެ ސަބަބުން އިތުރު ހިތްވަރެއް ލިބިގެންދާތީ ކަމަށް އަފީފް ވިދާޅުވިއެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށްވުރެ ރާއްޖޭގައި ހުޅުވާ ރިސޯޓުތަކުގެ އަދަދު އިތުރުވަމުން ދިޔުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ގެއްލުން ވާނެ ކަމެއް ކަމަށް ބުނާ ބުނުމަށް ރައްދުދެއްވާ، ޙުސެއިން އަފީފް ވިދާޅުވީ ރާއްޖެއަށް އިތުރު ފްލައިޓްތަށް ދަތުރުކުރާނީވެސް އެވަރަށް ރާއްޖޭގައި ރިސޯޓްތައް ހުރެގެން ކަމަށެވެ.

"އެހާވަރަށް ރިސޯޓު ނެތިފަ އެކަމަކު ރާއްޖެއަށް އެވަރަށް ޓޫރިސްޓުން އަންނަ ކަމުގަ ވަންޏާ ކާކަށްބާ ގެއްލުންވާނީ؟ އެހެންވީމަ އަޅުގަނޑަށް ހީވަނީ އެކަށްޗެއް ހުރިއްޔާހެން އަނެކަށްޗަށް އާދެވޭނީ. ކުރީބައިގަ މަތިންދާ ބޯޓް އައީމަ ބެޑް އުފެދޭނީ ނޫނީ ބެޑު ހުރީމަ އިތުރު މަތިންދާ ބޯޓު އާދެވޭނީ، އަޅުގަނޑު ޤަބޫލުކުރާ އެއްޗެއް ނޫން އެއީ. އަޅުގަނޑަށް ހީވަނީ ފުޅާކޮށްގެން ކުރިއަށް ދެވޭނީ ޖާގަ އޮވެގެންހެން" އަފީފު ވިދާޅުވިއެވެ.

އަފީފް ވިދާޅުވީ ބައެއް މީހުން ދެކޭގޮތުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނީ އިތުރު އެއަރލައިންތަކުގެ ދަތުރުތައް ފެށުމުން އެކަނި ކަމަށެވެ. އެހެން ނަމަވެސް ރާއްޖެއަށް އުދުހުންތައް ބާއްވާ އެއަރލައިންތަކުން ރާއްޖެއަށް އުދުހުމަށް ބޭނުންކުރާ ފްލައިޓްތައް، ޖާގަ ބޮޑު ފްލައިޓްތަކަކަށް ބަދަލުކުރުމާއި ރާއްޖެއަށް ކުރާ ދަތުރުތަކުގެ އަދަދު އިތުރުކުރުމަކީވެސް ހަމަ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑުތަން އިތުރުވެގެންދާ ކަމެއް ކަން އަފީފް ފާހަގަކުރެއްވިއެވެ.