މިއަހަރުގެ އިންވެސްޓްމަންޓް ފޯރަމްގައި ބައިވެރިވުމަށް މިހާތަނަށް ބޭރުގެ ސަތޭކަ ސާޅީސް ފަރާތަކުން ރަޖިސްޓްރީ ވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.
މިއަހަރުގެ އިންވެސްޓުމަންޓް ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ އަށާރަވަނަ ދުވަހު ދުބާއީގައެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އިކޮނަމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގް ވިދާޅުވީ މިއަހަރުގެ އިންވެސްޓްމަންޓް ފޯރަމަށް ބޭރުގެ އިންވެސްޓަރުންގެ ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ.
އަދި އަމާޒަކީ މިއަހަރުގެ އިންވެސްޓްމަންޓް ފޯރަމަށް ބޭރުގެ 300 އަށްވުރެ ގިނަ ކުންފުނިން ބައިވެރިވުން ކަމަށް ތައުފީޤު ވިދާޅުވިއެވެ. ތައުފީޤު ވިދާޅުވީ އިންވެސްޓްމަންޓް ފޯރަމްގެ ކަންތައްތަކުގައާއި ބޭރުގެ ކުންފުނިތަކަށް އެކަމާއި ގުޅޭގޮތުން މައުލޫމާތުދިނުމުގައި ދުބާއީގެ ފޮރިން މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީ އަދި ދުބާއީ ޗެމްބަރގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުންދާ ކަމަށެވެ.
އަދި މިއަހަރުގެ އިންވެސްޓްމަންޓް ފޯރަމްގައި ދުބާއީގެ އިކޮނޮމިކް މިނިސްޓަރ ބައިވެރިވަޑައިގެން ވާހަކަފުޅުދައްކަވާނެ ކަމަށް ތައުފީޤު ވިދާޅުވިއެވެ.
މިއަހަރުގެ އިންވެސްޓްމަންޓް ފޯރަމްގައި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް ޚާއްސަ ސްޓޯލެއް ބެހެއްޓުމަށް ވަނީ ނިންމާފައެވެ. މިއަހަރުގެ އިންވެސްޓްމަންޓް ފޯރަމްގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ ފަރާތްތަކަށް އެ ފުރުސަތު އަންނަ މަހުގެ ދިހައެއްގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
މިއަހަރުގެ އިންވެސްޓްމަންޓް ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރގެ އަލް މަޚްތޫމް ހޯލްގައެވެ.
އިންވެސްޓްމަންޓް ފޯރަމަކީ ވިޔަފާރިއާއި އިޤްތިޞާދު އިތުރަށް ފުޅާކޮށް، ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުޞަތުތައް ދުނިޔޭގެ އިންވެސްޓްމަންޓް ކޮމިއުނިޓީއާއި ޙިއްޞާކުރުމަށާއި، ރާއްޖޭގެ ވިޔަފާރިވެރީންނާއި ބޭރުގެ ވިޔަފާރިވެރީންނާ ދެމެދު ގުޅުން ބަދަހިކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ސަރުކާރުން އިންތިޒާމްކޮށްގެން ބާއްވާ އިވެންޓެކެވެ.