ވިޔަފާރި

އެސްޓީއޯއިން ޑީސަލާއި ޕެޓްރޯލް ވިއްކާ އަގަށް ބަދަލުގެނެސްފި


ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިއުމާ ގުޅިގެން އެސްޓީއޯއިން ވިއްކާ ޑީސަލާއި ޕެޓްރޯލުގެ އަގަށް ބަދަލުގެނެސްފިއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަމުންދާ ބަދަލާއެކު، އެކި ޤައުމުތަކުގައި ވިއްކާ ތެލުގެ އަގަށް ދަނީ ބަދަލު ގެންނަމުންނެވެ. ތެލުގެ އަގު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުން ދުނިޔޭގައި ތެލަށް އޮތް ޑިމާންޑް މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިއާއެކު ތެލުގެ އަގުވެސް ދަނީ އުފުލެމުންނެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަމުންދާ ބަދަލާއެކު އެސްޓީއޯއިން މިވަނީ އެކުންފުނިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގަށްވެސް ބަދަލު ގެނެސްފައެވެ. އެގޮތުން ޑީސަލް ލީޓަރަކުން 44 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 35 ލާރި ވަނީ ބޮޑުކޮށްފައެވެ. މި ބަދަލާއެކު މިހާރު ތެޔޮ ލިބެން ހުންނާނީ ޑީސަލް ލީޓަރެއް 9.61ރ އަދި ޕެޓްރޯލް ލީޓަރެއް 9.87ރ އަށެވެ.

އެސްޓީއޯއިން ބުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވާ ކޮންމެ ފަހަރަކު އެސްޓީއޯއިން ރާއްޖޭގައި ވިއްކާ ތެލުގެ އަގު ބޮޑު ނުކުރާ ކަމަށާއި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލޭ ނިސްބަތާ އަޅާ ބަލާއިރު، ތެލުގެ އަގަށް ބަދަލު ގެންނައިރުވެސް ގެންނަނީ ނިސްބަތުން ކުޑަ ބަދަލެއް ކަމަށެވެ. މިކަން އެންމެ ބޮޑަށް ފާހަގަކުރެވެނީ މި ސަރަހައްދުގެ ޤައުމުތަކުގައި ތެޔޮ ލިބެން ހުރި އަގުތަކަށް ބަލާލުމުންނެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން އެންމެ ހެޔޮ އަގެއްގައި ހަކަތައިގެ ގޮތުން ބޭނުންކުރާ ތެލުގެ ބާވަތްތައް ލިބެނީ ރާއްޖެއިންނެވެ. އެގޮތުން އިންޑިއާގައި ޕެޓްރޯލް ލީޓަރެއް 17.42ރ އަށް ގަންނަން ލިބޭ އިރު، ޑީސަލް ލީޓަރެއްގެ އަގު ހުރީ 14.47ރ އަށް. ސްރީލަންކާގައި ޕެޓްރޯލް ލީޓަރެއްގެ އަގު 12.79ރ އަށް ހުރިއިރު، ޑީސަލް ލީޓަރެއް ލިބެނީ 9.56ރ އަށެވެ.

ބަންގްލަދޭޝްގައި ޕެޓްރޯލް ލީޓަރެއްގެ އަގު ހުރީ 16.35ރ އަށެވެ. ޑީސަލް ލީޓަރެއްގެ އަގު ހުރީ 11.85ރ އަށެވެ. އަދި ޕާކިސްތާނުގައި ޕެޓްރޯލް ލީޓަރެއްގެ އަގު 11.08ރ އަށް ހުރިއިރު، ޑީސަލް ލީޓަރެއްގެ އަގު ހުރީ 12.31ރ އަށެވެ.

އެހެންނަމަވެސް ރާއްޖޭގައި ޕެޓްރޯލް ލީޓަރެއް މިހާރު ވިއްކަމުންދަނީ 9.87ރ އަށެވެ. ޑީސަލް ލީޓަރެއް ވިއްކަނީ 9.61ރ އަށެވެ.

އެކި ޤައުމުތަކުގައި ވިއްޔާ ތެލުގެ އަގު ބިނާވެފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލާއެއްގޮތަށްކަމަށްވާއިރު، ތެލުގެ އަގު ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުން ދުނިޔޭގައި ތެލަށް އޮތް ޑިމާންޑް ބޮޑުވަމުންދިއުމާއެކު ކުރިއަށް އޮތް ތަނުގައިވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިތުރަށް މައްޗަށް އުފުލޭނެ ކަމަށް ލަފާކުރެވެއެވެ.