ވިޔަފާރި

މި އަހަރު ނިމޭއިރު ދައުލަތަށް ލިބޭނެ އާމްދަނީ %12 އިތުރުވާނެ!


2016 ވަނަ އަހަރު ދައުލަތަށް ލިބުނު އާމްދަނީއާ އަޅައިބަލާއިރު މިއަހަރު އަހަރު ނިމޭއިރު ދައުލަތަށް ލިބޭނެ އާމްދަނީ 12 އިންސައްތަ އިތުރުވާނެ ކަމަށް ލަފާކޮށްފިއެވެ.

މިއަހަރު ދައުލަތަށް ލިބުނު އާމްދަނީ ފާހަގަ ކުރެވޭ މިންވަރަކަށް އިތުރުވެފައިވަނީ ރާއްޖޭގެ އިޤްތިސާދީ ދުވެލި ހަލުވިވެފައިވުމާއި، އާމްދަނީ އިތުރުކުރުމަށް ހުށަހެޅި އައު ކަންތައްތަކުގެ ތެރެއިން ބައެއް ކަންތައްތައް އަހަރުގެ ތެރޭގައި ތަންފީޒުކޮށްފައިވުމުގެ ސަބަބުންނެވެ.

އާމްދަނީ އިތުރުކުރުމަށް ހުށަހެޅި ކަންތައްތަކުގެ ތެރެއިން، ސިނގިރޭޓާއި ފިޒީ ބުއިންތައް އަދި އެނަރޖީ ބުއިންތަކުން ނަގާ އިމްޕޯޓް ޑިއުޓީ ވަނީ ބޮޑުކޮށްފައެވެ. ވޭލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރާ ފަސިންޖަރުންގެ އަތުން ނަގަން ފެށި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީން މި އަހަރުގެ މޭމަހުން ފެށިގެން ވަނީ އާމްދަނީ ލިބެންފަށާފައެވެ.

އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއާއެކު އެއަރޕޯޓް ސަރވިސް ޗަރޖް ނެގުމުގެ ނިޒާމަށްވެސް އަހަރުގެ ތެރޭގައި ބަދަލު ގެނެވި، ފާއިތުވި އަހަރުތަކުގައި ނުލިބި ހުރި އާމްދަނީވެސް މި އަހަރުގެ ތެރޭގައި ވަނީ ލިބިފައެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ސަރުކާރުންވަނީ މި އަހަރުގެ ތެރޭގައި ޓެކުހުގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރެވޭ އާމްދަނީ 9.8 އިންސައްތަ އިތުރުވެ، ޓެކްސްނޫން ގޮތްގޮތުން ލިބޭނެ ކަމުގައި އަންދާޒާ ކުރެވޭ އާމްދަނީ 10 އިންސައްތައަށް އިތުރުވާނެ ކަމަށް ލަފާކޮށްފައެވެ.

ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީ އިތުރުވަނީ ރާއްޖޭގެ ފަތުރުވެރިކަން އޭގެ ކުރީ އަހަރާ އަޅާބަލާއިރު ރަނގަޅުވެފައިވާތީއެވެ. މީގެ ސަބަބުން، ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ، އެއަރޕޯޓް ސަރވިސް ޗާޖް، އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީ ސީދާ ގޮތެއްގައި އިތުރުވެގެންދާނެއެވެ. އަދި ޓޫރިޒަމް ނޫން ދާއިރާތަކުން ނަގާ ޖީއެސްޓީއާއި ބީޕީޓީގެ ގޮތުގައި ލިބޭ އާމްދަނީވެސް އިތުރުވެގެންދާނެކަމަށް ވަނީ ލަފާކޮށްފައެވެ.

ރާއްޖެއަށް ޒަމާނީ ޓެކުހުގެ ނިޒާމެއް ތައާރަފުކުރުމުގެ އިތުރުން އާމްދަނީ އިތުރުކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ސަބަބުން ފާއިތުވި އަހަރުތަކުގައި ދައުލަތުގެ އާމްދަނީ ދަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ.

އިޤްތިސާދަށް ދިމާވާ އެކި ގޮންޖެހުންތަކާ ގުޅިގެން އާމްދަނީ އިތުރުވާ މިންވަރު އެކި އަހަރުތަކުގައި ބަދަލުވި ނަމަވެސް ވޭތުވެދިޔަ 5 އަހަރުގެ އާމްދަނީ އިތުރުވަމުންދާ ރޭޓު އެވްރެޖްކޮށް ހުރީ ފަނަރަ ޕޮއިންޓް ހަތެއް އިންސައްތައިގައެވެ.