ޚަބަރު

ލަންކާގައި އުޅޭ ދިވެހިންނަށް ހެލްތު ކޭމްޕެއް ބާއްވައިފި


ސްރީލަންކާގައި އުޅޭ ދިވެހިންނަށް އަމާޒުކޮށްގެން ހެލްތު ކޭމްޕެއް ބާއްވައިފިއެވެ. 

މޯލްޑިވްސް އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރ، އެމްސީސީގައި ކުރިއަށް ގެންދިޔަ މިކޭމްޕަކީ އެމްއީސީސީ އާއި ލަންކާ ހޮސްޕިޓަލްސް ގުޅިގެން ބޭއްވި ހެލްތު ކޭމްޕެކެވެ. "އެމްއީސީސީ - ލަންކާ ހޮސްޕިޓަލްސް ފްރެންޑްޝިޕް ޑޭ 2017"ގެ ތެރެއިން ކުރިއަށްގެންދިޔަ މިހަރަކާތުގައި ގިނަ އަދަދެއްގެ ދިވެހިން ބައިވެރިވިކަމަށް ސްރީީލަންކާގައި ހުންނަ ދިވެހި އެމްބަސީން މަޢުލޫމާތުދެއްވައެވެ. ހިލޭ ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ހަމަޖެހިފައި އޮތް މިކޭމްޕުގައި އަންހެނުންގެ ބަލިތަކާއި ލޮލުގެ ބަލިތަކާއި ކުޅިވަރާއި ފިޓްނަސްއާ ބެހޭ ޑޮކްޓަރުން ބައިވެރިވިއެވެ. އަދި ހިލޭ މެޑިކަލް ޗެކްއަޕް ހަދައިދިނުން ކުރިއަށްދިޔައެވެ. 

img:http://s4.psmnews.mv/images/660x400/15117816035481.jpg|ހެލްތު ކޭމްޕް ކުރިއަށްދިޔަ ގޮތް ބައްލަވާލެއްވުމަށް އެޑިއުކޭޝަން މިނިސްޓަރ އައިޝަތު ޝިހާމްއާއި ސަފީރު މުހައްމަދު ހުސައިން ޝަރީފް ކޭމްޕަށް ޒިޔާރަތްކުރައްވަނީ

މިކޭމްޕް ހިނގަމުންދިޔަ ގޮތް ބައްލަވާލެއްވުމަށް އެޑިއުކޭޝަން މިނިސްޓަރ އައިޝަތު ޝިހާމްއާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޒިޔާރަތްކުރެއްވިއެވެ. 

ހެލްތު ކޭމްޕުގެ އިތުރުން، ލަންކާގައި ދިރިއުޅޭ ބެލެނިވެރިންނަށް އަމާޒުކޮށްގެން، ޕޭރަންޓް އެވެއާނަސް ޕްރޮގްރާމެއްވެސް ކުރިއަށްގެންގޮސްފައެވެ. 

img:http://s2.psmnews.mv/images/660x400/15117816411781.jpg|ލަންކާގައި އުޅޭ ބެލެނިވެރިންނަށް ޙާއްސަކޮށްގެން ބޭއްވި ޕޭރަންޓް އެވެއާނަސް ޕްރޮގްރާމްގެ ތެރެއިން

މިޕްރޮގްރާމަކީ ސޮސައިޓީ ފޮރ ވިމެން އެގެއިންސްޓް ޑްރަގްސް، ސްވަޑް ޖަމްއިއްޔާއާއި ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. ތަފާތު މަޢުލޫތަކަށް ޚާއްސަކޮށް ސެޝަންތައް ބޭއްވި މިޕްރޮގްރާމްގައިވެސް ގިނަ އަދަދެއްގެ ބެލެނިވެރިން ބައިވެރިވިއެވެ.