ޚަބަރު

މަޝްރޫޢުތަކުގެ ސަބަބުން އިޤްތިޞާދު ކުރިއަރާނެ - އެމްއެމްއޭ


ދައުލަތުގެ ބަޖެޓުން އަންނަ އަހަރު ހިންގުމަށް ނިންމާފައިވާ މަޝްރޫޢުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދު އިތުރަށް ކުރިއަރައިގެންދާނެ ކަމަށް މަރުކަޒީ ބެންކުން ބުނެފިއެވެ.

އަންނަ އަހަރުގެ ބަޖެޓާއި ގުޅޭގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭއިން ދެކޭގޮތް ހާމަކުރުމުގެ ގޮތުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ އަންނަ އަހަރުގެ ބަޖެޓްގައި ހިންގުމަށް ކަނޑައަޅާފައިވާ މަޝްރޫޢުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް އިތުރު ބާރެއް ލިބިގެންދާނޭކަމަށެވެ.

އަންނަ އަހަރުގެ ބަޖެޓާއި ގުޅޭގޮތުން އެމްއެމްއޭއިން ފާހަގަކޮށްފައިވާ މުހިއްމު ކަންތައްތަކުގެ ތެރޭގައި ދައުލަތުގެ ޕަބްލިކް ފައިނޭންސިންގެ ސިޔާސަތު ހަރުދަނާކުރުމަށް ބަޖެޓާ ބެހޭ ޤާނޫނެއް އެކުލަވާލާ އެއަށް އަމަލުކުރުމުގެ މުހިންމުކަން ފާހަގަކޮށްފައިވެއެވެ.

އެމްއެމްއޭއިން ދެކޭގޮތުގައި ބަޖެޓުގައި އަންދާޒާކުރެވިފައިވާ އާމްދަނީ އާއި ޑެފިސިޓް ފައިނޭންސް ކުރުމަށް ކަނޑައަޅާފައިވާ އަދަދު އެއްވެސް ސަބަބަކާ ހެދި ނުލިބިއްޖެ ހާލަތެއްގައި އަމަލު ކުރާނެ ކޮންޓިންޖެންސީ ޕްލޭނެއް އޮތުމަކީ ވަރަށް މުހިންމުކަމެކެވެ. އަދި އެފަދަ ހާލަތެއްގައި ސަރުކާރުން ކުރުމަށް ރޭވިފައިވާ މަޝްރޫއުތަކާއި ޚަރަދުތަކުގެ ތެރެއިން މެދުކަނޑާލެވިދާނެ ކަންތައްތައް ދުރާލާ ކަނޑައެޅުމަށް އެމްއެމްއޭއިން ވަނީ ލަފާއަރުވާފައެވެ.

ޓެކްސްގެ ނިޒާމަށް ގެނައުމަށް ހުށަހަޅާފައިވާ ބަދަލުތަކާ ގުޅޭގޮތުން އެމްއެމްއޭއިން ބުނެފައިވަނީ އެބަދަލުތައް ގެންނަން ޖެހޭނީ ވިޔަފާރިތަކަށް ކުރާ އަސަރު ދެނެގަތުމަށްފަހުކަމަށެވެ.

އަދި ޓެކްސްގެ ނިޒާމް ހަމަހަމަކޮށް އާމްދަނީގެ ފަރަޤް ކުޑަކުރުމަށް އިންކަމް ޓެކްސް ނެގުމުގެ މުހިއްމުކަން އެމްއެމްއޭއިން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން އެމްއެމްއޭއިން ވަނީ، ދައުލަތުގެ މުސާރައިގެ އޮނިގަނޑަށް ބަދަލުގެނެވޭއިރުގައި މުއައްސަސާތަކުގެ މެދުގައި ހަމަހަމަކަން ގާއިމުކުރެވި، މުވައްޒަފުންގެ އުފެއްދުންތެރިކަމާއި މަސައްކަތުގެ ފެންވަރަށް ބަލައި އެލަވަންސް ދެވޭނޭ ނިޒާމެއް ވީހާވެސް އަވަހަށް ގާއިމުކުރުމަށްވެސް ލަފާއަރުވާފައެވެ.

އަންނަ އަހަރަށް ސަރުކާރުން ކަނޑައަޅާފައިވަނީ ހަތާވީސް ޕޮއިންޓް ނުވައެއް ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.