ތަރައްްޤީ

ކޮމާޝަލް ހާބަރާއި ޓީޖެޓީ ތޮށިގަނޑު މާރާމާތުކުރަނީ


މާލޭ ކޮމާޝަލް ހާބަރު ޖެޓީގެ ތޮށިގަނޑާއި ޓީޖެޓީ ޞަރަޙައްދުގެ ތޮށިގަނޑު މަރާމާތުކުރުމަށް އެމްޓީސީސީއާއި ޙަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. 

ނުވަ މިލިޔަން ރުފިޔާގެ މިމަސައްކަތް އެމްޓީސީސީއާއި ހަވާލުކުރީ މަސައްކަތް ފަށާތާ ދެމަސްތެރޭ ނިންމާގޮތަށެވެ. އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތެވެ. އަދި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެމްޕީއެލްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާޤް ހަލީމެވެ. 

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން އެމް.ޕީ.އެލްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާޤު ހަލީމް ވިދާޅުވީ މިހާރު ކޮމާޝަލް ހާބަރު ހަލާކުވެފައިވާތީ އުޅަނދުފަހަރަށް ބޭނުންވާ ހަލުވި މިނުގައި ޚިދުމަތްނުދެވި އޮޕަރޭޝަންތަކަށް ދަތިވާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ޓީ-ޖެޓީ ޞަރަޙައްދަކީ އެކި ރިސޯޓްތަކަށް ސްޕްލައިކުރުމާއި މާލޭގައި ހިންގާ އެކިއެކި މަޝްރޫޢުތަކަށް މާލެ ގެންނަ މުދާ އެތެރެކުރުމުގައި މުހިއްމު މަސައްކަތްތެކެއް ހިންގާ ތަނެއްކަމަށެވެ. އެހެންކަމުން އެތަނުގެ ޖެޓީ ތޮށިގަނޑު ހަލާކުވެފައިވާތީ މަސައްކަތް ކުރުމުގައި ދަތިވާކަމަށެވެ.



"އަޅުގަނޑުމެން އަބަދުވެސް މަސައްކަތް މިކުރަނީ އަޅުގަނޑުމެންނާ އެކީ މަސައްކަތްކުރާ ފަރާތްތަކަށް ކަންކަން ފަސޭހައިން އަވަހަށް ކުރެވޭނެ މަގުފަހިކުރެވޭތޯ. އަންނަ އަހަރަކީ ރާއްޖޭގަ ބޮޑެތި ގިނަ މަޝްރޫޢުތަކެއް ހިގާނެއަހަރެއް. އެގޮތުން ހިޔާ ޕްރޮޖެކްޓާއި އަދި އެމްއައިވީގެ ބޮޑުބަޔެއްގެ މަސައްކަތްވެސް ކުރިއަށްދާނެ އަހަރެއް އަންނަ އަހަރަކީ. ހަމައެހެންމެ އުމްރާނީ ތަރައްޤީއާއި މިފަދަ ގިނަ އޮޕަރޭޝަންތަކެއް ކުރިއަށްދާނެ އަހަރެއް އަންނަ އަހަރަކީ. އެހެންކަމުން ތަރައްޤީގެ މިހުރިހާ ކަމެއް ދިމާވާއިރު އަޅުގަނޑުމެން ކުންފުނީގެ ވަރަށްބޮޑު ދައުރެއް އޮވޭ. މި ގެންނަ ހުރިހާ މުދާ ކްލިއަރ ކުރަން މިޖެހެނީ އަޅުގަނޑުމެންނަށް. ހަމަ ޔަޤީނުންވެސް އަޅުގަނޑު ޔަޤީންކަން ދެނީ މި ޕްރޮޖެކްޓް ނިންމާލެވުނީމަ އަޅުގަނޑުމެންނާ އެކީ މަސައްކަތްކުރާ ފަރާތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެކަމަށް." އެމް.ޕީ.އެލްގެ ސީ.އީ.އޯ އަބްދުއްރައްޒާޤު ހަލީމް ވިދާޅުވިއެވެ.

 

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓިސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވީ މިޕްރޮޖެކްޓްތައް ފަށާއިރު މި ޞަރަޙައްދަކީ މާލޭގެ އެންމެ ބާރުބޮޑު ޞަރަޙައްދު ތަކަށްވެފައި އެތަނުގައި ކުރާ މަސައްކަތަށް ދަތިނުވާނެގޮތަށް މަރާމަތުކުރުމުގެ މަސައްކަތް ކުރަން ރާވާފައިވާކަމަށެވެ.

"އެމްޕީއެލް ސަރަހައްދަކީ ވަރަށް ބިޒީ ވަރަށް ކޮންޖެސްޓެޑް ސަރަހައްދެއް. އެހެންވީމަ އެމުއްދަތުގެ ތެރޭގައި މަސައްކަތަށް ދަތިނުވާނެހެން މި މަސައްކަތް ނިންމާލުން އަޅުގަނޑުމެންގެ އުންމީދަކީ. މޮބިލައިޒްކުރާތާ ފަސްދޮޅަސްތެރޭގައި ނިންމާނެ މަސައްކަތް. މިކަމުގައި އެމްޕީއެލްގެ ވަރަށްބޮޑު އެހީތެރިކަމެއް ލިބޭނެކަން ޔަޤީންކުރަން."  އެމްޓިސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވިއެވެ.



މާލޭ ކޮމާޝަލް ހާބަރު ޖެޓީގެ ތޮށިގަނޑާއި ޓީޖެޓީ ޞަރަޙައްދުގެ ތޮށިގަނޑު މަރާމާތުކުރުމަށް އެމްޓީސީސީއާއި ޙަވާލުކުރުމަށްވީ އެއްބަސްވުމުގެ ދަށުން މާލޭ ކޮމާޝަލް ހާބަރުގެ ތިންސަތޭކަ ސާޅިސް ހަތް މީޓަރު އަދި ޓީޖެޓީ ޞަރަޙައްދުގެ ދުއިސައްތަ ބައްތިރީސް މީޓަރުގެ ޞަރަޙައްދެއް މަރާމާތުކުރާނެއެވެ. މި މަޝްރޫޢުގެ މަސައްކަތް މިމަސްތެރޭގައި ފަށާނެކަމަށް އެމްޓިސީސީން ބުނެއެވެ.