އުނގޫފާރުގައި ކުރިއަށްގެންދިޔަ ޤާރީ ކޯސް 1 ކާއި 2 ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ. މިއީ އިންސްޓިޓީއުޓް އޮފް ހޮލީ ޤުރުއާނާއި ފުނޫނުލް ޤްރުއާން އަދި ޖަމިއްޔަތުއްސައިފް އާއި އުނގޫފާރު ކައުންސިލް ގުޅިގެން ކުރިއަށްގެންދިޔަ ކޯސްތަކެކެވެ. ޤާރީ ކޯސް ލެވެލް 1 ގެ އެއްވަނަ އަށް ހޮވުނީ ޒުލޭހާ އިބްރާހީމްއެވެ. 2 ވަނަ އަމަތުﷲ ލަތީފް ހޯދިއިރު ތިންވަނަ ހޯދީ އަޙްމަދު އަނޫފްއެެވެ. ޤާރީ ކޯސް ލެވެލް 2 ގެ 1 ވަނަ އިބްރާހިމް ފުރުޤާން އަށް ލިބުނުއިރު 2 ވަނަ މަރިޔަމް ސައީދާ އަދި ތިން ވަނަ އަށް ހޮވުނީ އިނާޔާ ސައީދެވެ.
ޖަމިއްޔަތުއްސައިފް ހޯލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން އިސްމެޖިސްޓްރޭޓް އަލްއުސްތާޒް މުޙައްމަދު ސޯދިގު ވިދާޅުވީ އަންހެން ބޭފުޅުން މިކަމަށް ޝައުޤުވެރިވެ މިފަދަ ކޯސްތައް ފުރިހަމަކުރުމަކީ ރަނގަޅު ދަރިފަސްކޮޅެއް ބިނާކުރުމަށް އެޅިގެންދާ ރަނގަޅު ބިންގަލެއްކަމަށެވެ.
އުނގޫފާރުގައި ކުރިއަށްގެންދިޔަ ޤާރީ ކޯސް 1 އަދި 2 ފުރިހަމަކޮށް 43 ބައިވެރިއަކުވަނީ ސަނަދު ހާސިލްކޮށްފައެވެ. މި ކޯސްތަކުގައި ކިޔަވާދިނީ އަލްއުސްތާޛު އަލީ މާހިރު އަދި ޤާރީ ހުސައިން ރަޝީދެވެ.
މުޅި ރ.އަތޮޅަށް ހުޅުވާލައިގެން ކުރިއަށް އޮތްތަނުގައި ޤާރީ ކޯސްތަކާއި އިމާމު ކޯސް ފަދަ ގިނަ ކޯސްތަކެއް ފެށުމަށް ހަމަޖެހިފައިވާކަމަށް ޖަމިއްޔަތުއްސައިފްއިން މައުލޫމާތުދެއެވެ.