ނިމިގެންދިޔަ ޤައުމީ ބެޑްމިންޓަން މުބާރާތާއި އަތޮޅު ލީގަކީ ރާއްޖޭގެ ބެޑްމިންޓަންގައި މިވީ ދިހަ އަހަރުގެ ތެރޭގައި ބޭއްވުނު އެންމެ ފެންވަރު ރަނގަޅު މުބާރާތް ކަމަށް ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު ވިދާޅުވެއްޖެއެވެ.
މޫސަ ވިދާޅުވީ މުބާރާތުގައި ދެ ޑިވިޝަންގައިވެސް ޓީމުތަކުން ގިނަ އަދަދެއްގެ ބިދޭސީ ކުޅުންތެރިން ފެނިއްޖެކަމަށާއި އެއީ ލިބުނު ކުރިއެރުމެއް ކަމަށެވެ. ޚާއްޞަކޮށް މިއަހަރު އޮތޮޅު ލީގު ފެނިގެން ދިޔައީ ފެންވަރުގެ ގޮތުން ވަރަށް މަތީ ލެވަލެއްގައިކަން މޫސާ ފާހަގަކުރެއްވިއެވެ. މޫސާ ނާޝިދު ވިދާޅުވީ ޤައުމީ މުބާރާތުގައި ދުނިޔޭގައި ގަދަ ސަތޭކަ ވަނައިގެ ތެރޭގައި ހިމެނޭ ކުޅުންތެރިން ވާދަކުރުމަކީ ރާއްޖޭގެ ބެޑްމިންޓަނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި، އޭގެ ސަބަބުން ބެޑްމިންޓަންގެ ފެންވަރު މަތިވެއްޖެކަމަށެވެ. އަދި ކުލަބް ޖަމިއްޔާތަކުން ބެޑްމިންޓަނަށް މިސްރާބުހުރި ވަރު ފެނިއްޖެކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ފެންވަރުގެ މޮޅު ކުޅުންތެރިން ބެޑްމިންޓަން ކޯޓުން މިއަދު ފެންނަމުންދާ ކަމަށެވެ.
" މީއީ މިހާތަނަށް ބޭއްވި އެންމެ ފެންވަރު ރަނގަޅު މުބާރާތް. މިއީ ދެހާސް ދިހަވަނަ އަހަރު ބޭއްވި ބެޑްމިންޓަންގެ ބައިނަލް އަޤުވާމީ މުބާރާތަށްފަހު އެންމެ ގިނަ ބިދޭސީ ކުޅުންތެރިން ފެނިގެންދިޔަ މުބާރާތް. ކުލަބް ޖަމިއްޔާތަކުގެ މިސްރާބު ވަރަށް ރަނގަޅަށް މި ކުޅިވަރަށް ހިފައިފި. ކުލަބްތަކުން ބޮޑެތި ހޭދަތަކެއް ކޮއްފި، މިއީ ލިބުނު ވަރަށްބޮޑު ކުރިއެރުމެއް."
ކުރީގެ އެއްވަނަ ކުޅުންތެރިޔާ ވިދާޅުވީ މިފަދަ މުބާރާތްތަކުގައި ޓީމުތަކުން ސުކޫލް ކުދިން ފެނިގެންދިޔުމަކީ ވޭތުވެދިޔަ ދިހަ އަހަރުތެރޭގައި ކުރެވުނު މަސަކަތް ކާމިޔާބުވި ކަމުގެ ހެއްކެއްކަމަށެވެ. އަދި އަންނަ އަހަރު މިއަހަރަށްވުރެ ފެންވަރު ރަނގަޅު މުބާރާތެއް ބާއްވާނެކަމުގެ ޔަޤީންކަން މޫސަ ދެއްވިއެވެ.