ވިޔަފާރި

ރާއްޖޭގެ އިޤްތިޞާދުގެ ކޮންޓްރޯލް ޗައިނާއަކަށްވެސް ނުލިބޭނެ!


މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން، ޗައިނާގެ ބޮޑެތި ވިޔަފާރިތަކަށް ރާއްޖޭގެ އިޤްތިޞާދު ކޮންޓްރޯލް ކުރުމުގެ ފުރުޞަތު ނުދޭނެކަމަށް ސަރުކާރުންބުނެފިއެވެ.

ޗައިނާއާއެކު އެކުލަވާލުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭގޮތުން ޙަޤީޤަތާއި ހިލާފު އެކި ކަހަލަ ވާހަކަތައް އިދިކޮޅު ފަރާތްތަކުން ދަނީ ދައްކަމުންނެވެ.

މި އެއްބަސްވުމުގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް މާލީ ބޮޑެތި ގެއްލުންތައް ލިބޭނެ ކަމަށާއި، ދިވެހި ވިޔަފާރިވެރިންނަށް ރާއްޖޭގެ އިޤްތިސާދުގައި ހުރި ފުރުސަތުތައް ހަނިވެގެންދާނެ ކަމަށްވެސް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އެހެން ނަމަވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ އޭގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް ފަހި ފުރުޞަތު ތަކެއް ލިބިގެންދާނެ އެއްބަސްވުމެއްކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް، ވިޔަފާރީގެ ފަހި ފުރުސަތުތަކެއް ފަހިވެގެންދާނެކަމަށް ސަރުކާރުން ބުނެއެވެ. އަދި ދިވެހި ވިޔަފާރިވެރިންގެ ވިޔަފާރިތައް ހިމާޔަތްކޮށްދޭނެ ކަމުގެ ޔަގީންކަންވެސް ސަރުކާރުން ވަނީ ދީފައެވެ.

ޗައިނާގެ މާކެޓަކީ ބޮޑު މާކެޓަކަށް ވެފައި ރާއްޖޭގެ މާކެޓް ކުޑަ ނަމަވެސް މި އެއްބަސްވުމާއެކު ޗައިނާގެ ވިޔަފާރިވެރިންނަށް ރާއްޖޭގެ މަސްވެރިކަމާއި އެކި ވިޔަފާރިތަކުގެ ތެރެއަށް ވަދެ ކޮންޓްރޯލް ކުރުމުގެ ފުރުޞަތު ނުދޭނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ފްރީ ޓްރޭޑް އެއްބަސްވުމުގައިވާ އެންމެ މުޙިއްމު އެއް ނުކުތާ އަކީ ރާއްޖޭން ބޭރު ކުރާ މަހާއި، ސީފުޑުގެ ބާވަތްތައް ޗައިނާއަށް އެތެރެކުރާއިރު އެއްވެސް ވަރެއްގެ ޓެކުހެއް ނަގަން ނުޖެހޭކަމެވެ. އަދި މަސް ބޭނުންކޮށްގެން އުފައްދާ ތަކެތި ތައްޔާރުކުރާއިރު 30 އިންސައްތަ ނުވަތަ 40 އިންސައްތަ ރާއްޖޭގެ ވަސީލަތްތައް ބޭނުންކޮށްފައިވާނަމަ އެތަކެތިން ވެސް ޑިއުޓީ ނުނެގުމަށްވެސް ސަރުކާރުން ވަނީ ހުށަހަޅާފައެވެ. މީގެ ސަބަބުން އަވައްޓެރި ޤައުމުތަކުން ޑިނގާފަދަ މަހުގެ ބާވަތްތައް ގެނެސްގެން ރާއްޖޭގައި އުފައްދައި އެތަކެތި ޑިއުޓީއާ ނުލައި ޗައިނާއަށް އެކްސްޕޯޓް ކުރެވޭނެއެވެ. މިއީ ދިވެހި މަސްވެރިން ބާނާ މަސް ބޭރުގެ މާކެޓްތަކަށް ވިއްކޭނެ ފަސޭހަ މަގެކެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމާއެކު ކުދިވިޔަފާރިތަކަށް ވަންނަން ބޭނުންވާ ދިވެހިންނަށް އަގުހެޔޮކޮށް ފަންޑު ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. އަދި ވިޔަފާރިތައް ފުޅާކުރުމަށް ބޭނުންވާ ލޯނު އަގުހެޔޮކޮށް ލިބޭނެ މަގުވެސް ވިޔަފާރިވެރިންނަށް ލިބިގެންދާނެއެވެ. ނަތީޖާއެއްގެ ގޮތުން ތަކެތީގެ އަގު ހެޔޮވެ، އާއްމު ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ލުއި ފަސޭހަވެގެންދާނެއެވެ.