ޚަބަރު

ފަސިންޖަރުންގެ ޙައްޤުތަކާ ބެހޭ ބިލް މަޖިލީހަށް ހުށަހަޅަނީ


ފަސިންޖަރުންގެ ޙައްޤުތަކާ ބެހޭގޮތުން ތައްޔާރު ކޮށްފައިވާ ބިލު އަންނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ބައިނަލް އަޤުވާމީ މަދަނީ ވައިގެ ދަތުރު ފަތުރުގެ ދުވަހާއި ގުޅުވައިގެން ދެއްވި ޚިޠާބުގައެވެ.

ކޮންމެ އަހަރެއްގެވެސް ޑިސެމްބަރމަހުގެ ހަތްވަނަ ދުވަސް ފާހަގަކުރަނީ 'އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން ޑޭ' ނުވަތަ ބައިނަލް އަޤުވާމީ މަދަނީ ވައިގެ ދަތުރު ފަތުރުގެ ދުވަހުގެ ގޮތުގައެވެ.

ދުވަހުގެ މުނާސަބަތުގައި ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ދެއްވި ޚިޠާބުގައި ވަނީ ފަސިންޖަރުންގެ ޙައްޤުތަކާއި އިތުބާރު ކުރުމުގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން އަބަދުމެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެފައެވެ. އެގޮތުން ފަސިންޖަރުންގެ ޙައްޤުތަކާ ބެހޭގޮތުން ތައްޔާރު ކޮށްފައިވާ ބިލު އަންނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެކަމަށާއި، މި ބިލުގެ ސަބަބުން ރާއްޖޭގެ ސިވިލް އޭވިއޭޝަން ދާއިރާގެ ޤާނޫނީ އޮނިގަނޑަށް އިތުރު ފުރިހަމަކަން ލިބި އިތުބާރު ބޮޑުވެގެން ދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ ސިވިލް އޭވިއޭޝަންގެ ސިނާއަތަށް ގެންނަމުންދާ ތަރައްޤީތަކަށް އަލިއަޅުއްވާލައްވާ މިނިސްޓަރ ވަނީ ސިވިލް އޭވިއޭޝަން އޮތީރިޓީން އަލަށް ޢަމަލު ކުރަން ފެށި އޮޕަރޭޝަންސް ޤަވާޢިދުގެ ދަށުން ރާއްޖޭގައި ތަފާތު ވައްތަރުގެ އުދުހުންތައް ކުރިއަށް ގެންދިއުމުގެ ފުރުޞަތު ހުޅުވާލެވިފައިކަން ފާހަގަކޮށްފައެވެ. އެގޮތުން 2017 ވަނަ އަހަރު މުޅިން އަލަށް ސްކައި ސްޕޯޓްސް ހަރާކާތްތައް ކުރިއަށް ގެންދިއުމަށް "އޭވިއޭޝަން ރެކްރިއޭޝަނަލް އޯގަނައިޒޭޝަން" އެޕްރޫވަލްއެއް ދީފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. މި ހުއްދައިގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ހެލިކޮޕްޓަރ އޮޕަރޭޝަން އާ ބެހޭގޮތުން އިނގިރޭސިވިލާތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއާ އެކު ވެފައިވާ ފްރޭމްވާރކް އެގްރީމެންޓުގެ ދަށުން ކަމާގުޅޭ ރިސްކް އެސެސްމަންޓެއް މިހާރުވަނީ ހަދާ ނިމިފައެވެ. ކަމާބެހޭ ތަޖުރިބާކާރުން ރާއްޖެއަށް ޒިޔާރަތްކޮށް ދިރާސާކުރި މި އެސެސްމަންޓުގެ ޑްރާފްޓް ރިޕޯޓަށް ރާއްޖެއިން ކޮމެންޓުކޮށް ނިމިފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ ފައިނަލް ރިޕޯޓް ތައްޔާރުކުރުމުގެ މަސައްކަތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.މިނިސްޓަރ ޒަމީރު ވިދާޅުވީ ރާއްޖޭގެ އޭވިއޭޝަން ސިނާޢަތަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެކަށީގެންވާ އިންސާނީ ވަޞީލަތްތައް ހޯދުމުގެ މައްސަލަ ކަމަށެވެ. މިއީ ހަމައެކަނި ރާއްޖެއަށް ދިމާވެފައިވާ މައްސަލައެއް ނޫން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިހާރު ޢަމަލު ކުރަން ފަށާފައިވާ ފްލައިޓް ކުރޫ ޤަވާޢިދުތަކުގެ ސަބަބުން ފަޅުވެރީންގެ ފެންވަރު މަތި ކުރެވި ޔޫރަޕާއި ކުރިއަރާފައިވާ އެހެނިހެން ޤައުމުތަކުން މިހާރު ޢަމަލު ކުރަން ފަށާފައިވާ ފެޓީގް ރިސްކް މެނޭޖްމަންޓް ސިސްޓަމްތައް ރާއްޖޭގައިވެސް ޤާއިމުކުރެވިގެންދާނޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއާއެކު ފެޓީގްގެ ސަބަބުން އޮޕަރޭޝަންސް ދާއިރާއަށް ދިވާމާ ގޮންޖެހުންތައް މެނޭޖް ކުރެވޭނޭ ނިޒާމެއް  އުފަންވެ އެދާއިރާއިން ސަލާމަތްތެރިކަމަށް ހުރި ގޮންޖެހުންތަކާމެދު އެކަށީގެންގާ ފިޔަވަޅު އެޅިގެންދާނެ ކަމަށްވެސް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.