ސެޕްޓެންބަރު މަހު މަސް އެކްސްފޯޓް ކުރި މިންވަރާއި މަސް އެކްސްޕޯޓް ކޮށްގެން ލިބުނު އާމްދަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު އިތުރުވެއްޖެއެވެ. އެގޮތުން މަސް އެކްސްޕޯޓް ކޮށްގެން ލިބުނު އާމްދަނީ ވަނީ އަށެއް އިންސައްތަ އިތުރުވެފައެވެ. އަދި މަސް އެކްސްޕޯޓްކުރި މިންވަރު ވަނީ ސާދަ އިންސައްތަ އިތުރުވެފައެވެ.
އެމްއެމްއޭއިން ނެރުނު މިއަހަރުގެ ނޮވެމްބަރ މަހުގެ އިޤްތިސާދީ ރިވިއު ރިޕޯޓުގައިވާ ގޮތުން މަސް އެކްސްޕޯޓްކުރި މިންވަރާއި އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީ މައިގަނޑުގޮތެއްގައި އިތުރުވެފައިވަނީ ގަނޑުކުރި ކަންނެލި އަދި ދަޅުގައި ބަންދުކުރި ނުވަތަ ޕެކެޓުގައި ކަނޑުމަހުގެ ބާވަތްތައް އިތުރުވުމާ ގުޅިގެންނެވެ. ނަމަވެސް ގަނޑުކުރި ކަޅުބިލަމަސް އެކްސްޕޯޓް ކުރި މިންވަރާއި އަދި އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީ ވަނީ ދަށްވެފައެވެ. މިއަހަރުގެ ސެޕްޓެމްބަރ މަހު ރާއްޖޭގެ ކުންފުނިތަކަށް އެއްހާސް ފައްސަތޭކަ ސާދަ މެޓްރިކް ޓެނުގެ މަސް ކިރުވާފައިވެއެވެ. މިއީ ދެހާސްހަވަނަ އަހަރުގެ ސެޕްޓެމްބަރ މަހާ އަޅާ ބަލާއިރު ސާޅީސް ހަތެއް އިންސައްތަ ދަށް އަދަދެކެވެ.
މަހުން މަހަށް ބަލާއިރު، މިއަހަރުގެ އޮގަސްޓް މަހާ އަޅާ ބަލާއިރު ފާއިތުވި ސެޕްޓެމްބަރ މަހުގައި މަސް އެކްސްޕޯޓްކުރި މިންވަރު ވަނީ ސާޅީސް ނުވައެއް އިންސައްތަ ދަށްވެފައެެވެ. އަދި އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީ ވަނީ ސާޅީސް ހަތަރެެއް އިންސައްތަ ދަށްވެފައެެވެ. މީގެ މައިގަނޑު ސަބަބަކީ ގަނޑުކުރި ކަޅުބިލަ މަހާއި ތާޒާ ނުވަތަ ފިނިކުރި ކަންނެލި އެކްސްޕޯޓްކުރި މިންވަރާއި އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީ ދަށްވުމުން ކަމަށް އިޤްތިސާދީ ރިވިއު ރިޕޯޓުގައިވެއެވެ.