ތިނަދޫ ބަލިކޮށް ޕްރެޒިޑެންޓްސް ކަޕްގެ ތިންވަނަ ސެމީފައިނަލުން މާޒިޔާ ޖާގަހޯދައިފިއެވެ. 
 
ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލަށް ދިޔުމުގެ އުއްމީދު މާޒިޔާއިން އައުކުރީ މުބާރާތުގެ ދެވަނަ ސެމީފައިނަލުގައި ރޭ ގދ.ތިނަދޫ ތިން ލަނޑު ދެ ލަނޑުން ބަލިކޮށްގެންނެވެ. 
 
މެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި މާޒިޔާއަށް ކާމިޔާބުކޮށްދިނީ އައްސަދު އަލީއެވެ. ދެވަނަ ހާފްގައި ތިނަދޫން އެއްވަރު ކުރީ އަހުމަދު ޒުބައިރު ޖެހި ގޯލުންނެވެ. ލިބުނު ޕެނަލްޓީއަކުން ތިނަދޫގެ ފޯވާޑް އެލެކްސެންޑަރ އަވީލަރ މެޗުގައި ފުރަތަމަ ފަހަރަށް ތިނަދޫއަށް ލީޑް ނަގައިދިންނަމަވެސް ފަހު ވަގުތުކޮޅު މާޒިޔާއިންވަނީ ނަތީޖާ ބަދަލްކޮށްލާފައެވެ. މާޒިޔާއިން ނަތީޖާ އެއްވަރުކުރީ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވާން ތިން މިނެޓަށްވެފައިވަނިކޮށެވެ. މި ލަނޑު ޖަހައިދިނީ އެޓީމުގެ ޒުވާން ކުޅުންތެރިޔާ މުހަންމަދު ސަޚާއުއެވެ. މާޒިޔާ މެޗުން މޮޅުވި ލަނޑު އެޓީމަށް ކާމިޔާބުކުރީ މެޗުގެ ނުވަދިހަ މިނިޓްހަމަވެގެން ކުޅުނު އިތުރުވަގުތުގެ ފުރަތަމަ މިނިޓްގެ ތެރޭގައެވެ. މި ލަނޑު ޖަހައިދިނީ ޔަޝްފާދު ހަބީބެވެ. 
 
މި މެޗުން މޮޅުވުމުން މާޒިޔާ މުބާރާތުގެ ތިންވަނަ ސެމީފައިނަލުގައި އަންނަ އަންގާރަދުވަހުގެރޭ ވާދަކުރާނީ މުބާރާތުގެ ފުރަތަމަ ސެމީފައިނަލުން ބަލިވި ޓީސީ ސްޕޯޓްސް ކުލަބާއެވެ. 
 
މާޒިޔާއިން ވަނީ 2015ވަނަ އަހަރު ޕްރެޒިޑެންޓްސް ކަޕްގެ ތަށި ފުރަތަމަ ފަހަރަށް އުފުލާލާފައެވެ. މުބާރާތުގެ އެންމެފަހުގެ ރަނަރަޕް ޓީމަކީ ޓީސީއެވެ.