ޚަބަރު

ޢިއްޒުއްދީން މަގުގެ މަސައްކަތް މި މަހު ނިމޭނެ


އިއްޒުއްދީން މަގުގައި ތާރު އެޅުމުގެ މަސައްކަތުގެ ދަށުން ފުރަތަމަ ފިޔަވަހީގެ މަސައްކަތް މި މަސްތެރޭ ނިންމާލާނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

ޢިއްޒުއްދީނު މަގުގައި ތާރު އެޅުމުގެ ފުރަތަމ ފިޔަވަހީގައި ހިމެނޭ ސަރަހައްދަކީ ބޮޑު ތަކުރުފާނުމަގު ކަޅުތުއްކަލާ ކޮށީގެ ހުޅަނގު އުތުރު ކަންމަތިން ފެށިގެން އެކޮށީގެ ހުޅަނގު ދެކުނު ކަންމައްޗަށެވެ. 

ބޮޑުތަކުރުފާނު މަގުން ފެށިގެން އަމީނީ މަގާ ހަމައަށް ޢިއްޒުންދީން މަގުގައި ތާރު އެޅުމަށް ހަމަޖެހިފައިވާއިރު، މި ސަރަހައްދަކީ މުދާ އުފުލާ ބަރު އުޅަނދުތައް ދުއްވުމުގެ ސަބަބުން ވަރަށް ބޮޑަށް ހަލާކުވެފައިވާ މަގެކެވެ. އެހެންނަމަވެސް މި މަގު އެއްކޮށް ހަދާ ނިމުމުން ބަރު އުޅަނދުތައް ދުއްވުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. 

ޢިއްޒުންދީން މަގުގެ މަސައްކަތް ކުރިއަށްދާގޮތާއި ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމެންޓްގެ ޖެނެރަލް މެނޭޖަރު މުޙައްމަދު ހުޝާމް ވިދާޅުވީ، ޢިއްޒުއްދީނު މަގުގެ މަސައްކަތް މިހާރު މަޑުޖެހިފައިވަނީ އެ މަގުގައި ހުރި ޖަންގްޝަނެއް އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތް އެމް.ޑަބްލިއު.އެސް.ސީން ކުރަމުންދާތީކަމަށެވެ. އަދި އެ މަސައްކަތް ނިމުމުން ތާރު އެޅުމުގެ މަސައްކަތް ފެށިގެންދާނެކަމަށްވެސް ހުޝާމް ވިދާޅުވިއެވެ.  

ހުޝާމް ވިދާޅުވީ، މިހާރު މަސައްކަތްކުރާ ސަރަޙައްދުގައި ތާރު އެޅުމަށް ބޭނުންވާ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށްދާއިރު، ހަފްތާއެއްގެ ތެރޭގައި އެ ސަރަޙައްދު އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

"އެ މަގުގެ މަސައްްކަތް ލަސްވަނީ އެމްޓީސީސީގެ ސަބަބުންނެއް ނޫން. މިހާރު މަސައްކަތް ލަސްވަނީ ކަޅުތުއްކަލާ ކޮއްޓަށް ވައްދަންޖެހޭ ބައެއް ކޭބަލް ތަކާއި ސްވަރޭޖް ލައިންތަކުގެ ސަބަބުން. ދެން އެކަން ކުރަމުންދާނީ އެމްޑަބްލިއުއެސްސީ އަދި ސްޓެލްކޯއިން. މި އެއްޗިއްސަކީ ކުއްލިއަކަށް ކުރެވޭނެ ވަރުގެ ކަންތައްތަކެއް ނޫން،" މުޙައްމަދު ހުޝާމް ވިދާޅުވިއެވެ.

ޢިއްޒުއްދީން މަގަކީ މާލޭގެ އިންޑަސްޓްރިއަލް ވިލެޖާ ގުޅިފައިވާ މަގަކަށްވާއިރު، މި މަގު ވެގެންދާނީ އެންމެ ގިނަ އަދަދަކަށް ބަރު އުޅަނދުތައް ދުއްވާނެ އެއް މަގަށެވެ. ދެކޮޅަށް ދުއްވާ ގޮތަށް ހެދުމަށް ނިންމާފައިވާ މި މަގު ބައެއް މަސައްކަތްތައް އަންނަ އަހަރުވެސް ކުރިއަށްދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.