ޚަބަރު

ކައުންސިލުތަކުން ބޭރާއި މުޢާމަލާތްކުމުގެ ކުރިން ހުއްދަ ހޯދަންޖެހޭ


ކައުންސިލްތަކުން ބޭރުގެ އެކިއެކި ފަރާތްތަކާއި ބައްދަލުކުރަންވާނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭ މެދުވެރިކޮށް ހޯމް މިނިސްޓްރީގެ ޚާއްސަ ހުއްދައެއް ލިބިގެންކަމަށް ލޯކަލް ގަވާރމެންޓް އޮތޯރިޓީން ބުނެފިއެވެ. ލެޖީއޭއިން މިގޮތަށް ނިންމެވީ ބައެއް ކައުންސިލްތަކުން ބޭރުގެ އެކިއެކި ދަޢުލަތްތަކާއި، ޖަމިއްޔާ ޖަމާޢަތްތަކާއި އަދި އެފަރާތްތައް ތަމްސީލްކުރާ ފަރާތްތަކާއެކު އެކި ކަންކަމުގައި މުޢާމަލާތްކޮށް ބައްދަލުވުންތައް ބާއްވަމުން އަންނާތީ އެކަން ފާހަގަކުރެވިގެން އެލްޖީއޭއިން ނެރުނު ސަރކިއުލާއެއްގައެވެ. 

ލޯކަލް ގަވާރމެންޓް އޮތޯރިޓީން ނެރުނު ސާކިއުލާގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (މ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ކަނޑައަޅައި، ހިންގައި، އެ ސިޔާސަތު ހިނގާ ނުހިނގާގޮތް ބަލައި، ބޭރުގެ ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއެކު ގުޅުން ޤާއިމްކޮށް ދެމެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭކަމެއް ކަމަށެވެ. 

މީގެ އިތުރުން ދިވެހިރާއްޖޭގެ ޖުމްހުރިއްޔާގެ ޤާނޫނުއަސާސީގެ 2 ވަނަ މާއްދާގައި ދިވެހިރާއްޖެއަކީ ޔުނިޓަރީ ދައުލަތެއްކަމަށް ބަޔާންކޮށްފައިވާއިރު، ޔުނިޓަރީ ދަޢުލަތަކީ އެ ދަޢުލަތެއްގެ އެންމެހާ ދާޚިލީ އަދި ޚާރިޖީ ސިޔާދަތު އެއް ސަރުކާރަކުން ނުވަތަ އެއް ސިޔާސީ ބާރަކުން ތަމްސީލްކުރާ ދައުލަތެއްކަމަށެވެ. އަދި ޔުނިޓަރީ ދައުލަތެއްގެ ވެރިކަން ހިންގުމުގެ ބާރާއި، ޤާނޫނު ހެދުމުގެ ބާރާއި، ޢަދުލު އިންސާފް ޤާއިމުކުރުމުގެ ބާރަކީ މުޅި ދަޢުލަތުގެ ހުރިހާ ސަރަޙައްދަކަށް ހިނގާ އެއްބާރުތަކެއްކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޒިއްޔާއިން ފާހަގަކުރާކަމަށް ވެސް މި ސާކިއުލާގައި ބުނެފައިވެއެވެ. އެހެން ކަމުން ކައުންސިލްތަކުން ބޭރުގެ ފަރާތްކާއި ބައްދަލުކޮށް މުއާމަލާތު ކުރާ ނަމަ ރާއްޖޭގެ ގާނޫނުއަސާސީގައި ބުނެފައިވާ ޔުނިޓަރީ ދައުލަތުގެ ސިފަ ގެއްލި ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް ބުރޫއަރާނެ އެލްޖީއޭއިން ބުނެއެވެ.

އެހެންކަމުން ކައުންސިލްތަކުން އެގޮތަށް ގުޅުން ބަދަހިކޮށް ބައްދަލުވުންތައް ބޭއްވުމުގެ ކުރިން އެލްޖީއޭ މެދުވެރިކޮށް ހޯމް މިނިސްޓްރީގެ ހުއްދަ ހޯދުމަށް ލޯކަލް ގަވާރމެންޓް އޮތޯރިޓީންވަނީ ކައުންސިލްތަކަށް އަންގާފައެވެ.