ޚަބަރު

ޚިތާނީ ކޭމްޕަށް ރައީސްގެ އަނބިކަބަލުން ޒިޔާރަތްކުރައްވައިފި


ސަދަޤާތު ފައުންޑޭޝަނުން ބާއްވާ މިއަހަރުގެ ޚިތާނީ ފެސްޓިވަލަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ޒިޔާރަތްކުރައްވައިފިއެވެ. ހުޅުމާލޭގައި ކުރިއަށް ގެންދާ ޚިތާނީ ފެސްޓިވަލަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކބަލުން ކުރެއްވި ޒިޔާރަތުގައި، ޚިތާނުކޮށްފައިވާ ކުދިންނާއި އެކުދިންގެ ޢާއިލާތަކާއި ބައްދަލުކުރައްވާ ހާލު ބައްލަވާލެއްވިއެވެ. އަދި ޚިތާނީ ފެސްޓިވަލްގެ އިންތިޒާމްތައް ކުރިއަށްދާގޮތްވެސް އެކަމަނާ ވަނީ ބައްލަވާލެއްވި އެވެ.

ސަދަޤާތު ފައުންޑޭޝަންގެ ޚިތާނީ ފެސްޓިވަލް ކުރިއަށް ގެންދަނީ ހުޅުމާލޭ ރެހެންދީ ސްކޫލާއި، ގޭޓްވޭ އިންޓަރނޭޝަނަލް ސްކޫލްގައެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން ހިލޭ ސާބަހަށް މި ޚިދުމަތް ދޭއިރު އެ ފައުންޑޭޝަނުން ކުރިއަށްގެންދާ ޚިތާނީ ފެސްޓިވަލަށް ވަރަށް ބޮޑު ތަރުޙީބެއް ލިބެމުންދެއެވެ. މިދިޔަ އަހަރު ސަތޭކަ ސާޅީހަށްވުރެގިނަ ކުދިން އެ ފައުންޑޭޝަންގެ ފަރާތުން ޚިތާނުކުރިއިރު މިއަހަރު ހަތަރުސަތޭކަ ކުދިން މި ކޭމްޕްގައި ބައިވެރިކޮށްފައިވާ ކަމަށް އެ ފައުންޑޭޝަނުން ބުނެއެވެ.

މިފަހަރުގެ ޚިތާނީ ކޭމްޕަށް އޮތް ތަރުޙީބު ފާހަގަކުރަމުން އެ ފައުންޑޭޝަންގެ ފަރާތުން ވާހަކަދެއްކި އޮފިޝަލަކު ބުނީ އިޢުލާން ކުރި ސަތޭކަ ފަންސާސް ފޯމު އެއްގަޑިއިރުގެ ތެރޭގައި ހުސްވިކަމަށެވެ. މިފެސްޓިވަލްގައި ޚިތާނުކުރުމުގެ ހުރިހާކަމެއް ހަމަޖައްސާފައިވަނީ މުޅިން ހިލެއެވެ. އަދި ޚިތާނުކުރާ ކުދިންނާއި ބެލެނިވެރިންގެ ހުރުމާއި ކެއުމުގެ ޚަރަދުވެސް ހަމަޖައްސާފައިވަނީ ޞަދަޤާތު ފައުންޑޭޝަނުނެވެ. މިގޮތުން އެކުދިން ޚިތާނުކޮށްފައި ބައިތިއްބާ ހަތަރު ދުވަހު ކުއްޖާގެ ކައިރީގައި ތިބޭ ދެ ބެލެނެވެރިންނަށް ތިން އިރުގެ ކެއުމާއި، ހަވީރުގެ ސައި ހަމަޖައްސާފަވެއެވެ.

މީގެ އިތުރުން ކުދިންނާއި ބެލެނެވެރިންނަށް ޚާއްސަކޮށް މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައްވެސް ކުރިއަށްދާނެކަމަށް ސަދަޤާތު ފައުންޑޭޝަނުން ބުނެއެވެ.

ޞަދަޤާތު ފައުންޑޭޝަނުން ޚިތާނީ ކޭމްޕް ކުރިއަށްގެންދާ މިއީ ދެވަނަ އަހަރުއެވެ. ސަދަޤާތް ފައުންޑޭޝަނަކީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކބަލުން ފާތިމަތު އިބްރާހިމް އިސްނަންގަވައިގެން އުފައްދާފައިވާ ހިލޭ ސާބަހަށް މަސައްކަތްުކުރާ ޖަމިއްޔާއެކެވެ. އަދި މިޖައްމިޔާއިން ދަނީ ތަފާތު ގިނަ އިޖްތިމާޢީ ހަރަކާތްތައް ހިލޭ ސާބަހަށް ހިންގާ، މުޖުތަމަޢުގައި އަޅާލުން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.