އިންޑިއަކީ ރާއްޖެއާ އެންމެ ގާތް އެއްޤައުމުކަމަށާއި އިންޑިއާއަށާއި އެޤައުމުގެ ވެރިންނަށާއި، ސިޔާސީ ބޭފުޅުންނަށް ބަދުބަސްނުބުމަށް ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިލްތިމާސްކުރައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ ނ.ވެލިދޫގެ ބަނދަރު ރަސްމީކޮށް ހުޅުވައިދެއްވުމަށްފަހު އެރަށު ރައްޔިތުންނާ މުޚާތަބުކޮށް ވާހަކަދައްކަވަމުންނެވެ.
ރައީސުލް ޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ވަނީ ރާއްޖެއާއި ޗައިނާއާ ދެޤައުމުގެ ދެމެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމަކުން ރާއްޖެއާ އެހެން ޤައުމުތަކާ ދެމެދު އޮންނަ ގުޅުމަކަށް އެއްވެސް ބަދަލެއް ނާންނާނެކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖެއާއި އިންޑިއާއާ ދެމެދުގައި އޮތީ ޒަމާންވީ ގާތް ގުޅުމެއްކަމަށާ، އިންޑިޔާއެކު ވިޔަފާރިއާއި އެނޫންވެސް ދާއިރާތަކުން ގުޅުން ބަދަހިކުރަމުން ގެންދަވާނެކަމަށްވެސް ރައީސުލް ޖުމްހުރުއްޔާ ވިދާޅުވިއެވެ. އެގޮތުން އިންޑިއާއާ އެކުވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖެއާއި ޗައިނާއާ ދެމެދު ޤާއިމްކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅިގެން ރާއްޖެއާ އިންޑިއާގެ ގުޅުން ހީނަރުވެފައިވާކަމަށް ބުނެ ރާއްޖޭގެ ބައެއް އޮންލައިން ނޫސްތަކުގައި ޝާއިއު ކޮށްފައިވާ ޚަބަރުތަކާ ގުޅިގެން ރައީސް ވިދާޅުވީ މިކަމާ ދޭތެރޭގައި ދިވެހިން ވިސްނަންޖެހޭކަމަށެވެ. އަދި މިކަމާ ގުޅިގެން އިންޑިއާގެ ނޫސްތަކުގައި ލިޔެފައިވާ ޚަބަރުތަކަށް ދިވެހި ނޫސްވެރިން ރައްދުދޭން ނުޖެހޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އިންޑިއާއާއެކު އޮތީ ޒަމާންވީ ގާތް ގުޅުންމެއްކަމަށާ، އެ ގުޅުމަށް އެއްވެސް ކަހަލަ ހީނަރުކަމެއް އަންނަ ފަދަ ކަމެއް އެއްވެސް މީހަކުކޮށްގެން ނުވާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އިންޑިއާއާ އިންޑިއާގެ ވެރިންނަށް ނިސްބަތްވާގޮތަށް އެއްވެސް ފަރާތަކުން އެއްވެސް ބަދުބަހެއް ނުބުނުމަށްވެސް ރައީސް އިލްތިމާސްކުރެއްވިއެވެ. ރައީސް ވިދާޅުވީ އިންޑިއާއާ ރާއްޖެއާ ދެޤައުމުގެ ދެމެދުގައި އެއްވެސް މައްސަލައެއްނެތްކަމަށެވެ.
ރައީސުލް ޖުމްހޫރިއްޔާ ނ.އަތޮޅާއި ޅ.އަތޮޅާއި ބ.އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅަކީ އެ ރަށްތަކުގައި ބައެއް މަޝްރޫތައް ފަށްޓަވާދެއްވުމަށާއި، ބައެއް މަޝްރުޢުތަކުގެ ނިންމުން ފާހަގަކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.