ޚަބަރު

ޕެންޝަން ސްކީމްގެ ޤަވާއިދާ ޚިލާފުވާ ފަރާތްތައް އިތުރު ވެއްޖެ


ދިވެހިރާއްޖޭގެ ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ ޤަވާއިދާ އެއްގޮތަށް އަމަލުކުރަމުންނުދާ ކުންފުނިތަކުގެ އަދަދު އިތުރުވަމުން އަންނަކަމަށް ޕެންޝަން އޮފީހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން މިމަހުގެ 25 ވަނަ ދުވަހު އަޕްޑޭޓްކޮށްފައިވާ ލިސްޓަށް ބަލާއިރު ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ ޤަވާއިދާ އެއްގޮތަށް އަމަލުނުކޮށްގެން 583 ކުންފުންޏެއްގެ ނަން އާއްމުކޮށްފައިވެއެވެ.

ޕެންޝަން އޮފީހުން އާއްމުކޮށްފައިވާ މި ލިސްޓްގައި ހިމެނެނީ ވަޒީފާ އަދާކުރާ ފަރާތްތައް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި ރަޖިސްޓްރީ ކޮށްފައި މުވައްޒަފުން ޕެންޝަން ސްކީމްގައި ބައިވެރި ނުކުރާފަރާތްތަކުގެ އިތުރަށް ކުންފުނި ރަޖިސްޓްރީކޮށް މުވައްޒަފުންވެސް ބައިވެރިކޮށް މަހުންމަހަށް ފައިސާ ޖަމާނުކުރާ ފަރާތްތަކެވެ. ޕެންޝަން އޮފީހުން ވިދާޅުވީ ރިޓަޔަމެންޓް ޕެންޝަން ސްކީމްގެ ޤަވާއިދާ އެއްގޮތަށް އަމަލުކުރަމުން ނުދާ ފަރާތްތަކާ ދޭތެރޭ ހަމަޖެހިފައިވާ އުސޫލުން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ.

ޕެންޝަން އޮފީހުން ގެންދަނީ ރިޓަޔަމެންޓް ޕެންޝަން ސްކީމްގެ ޤަވާއިދާ އެއްގޮތަށް އަމަލުކުރަމުންނުދާ ފަރާތްތަކުގެ މައްސަލަ ކޯޓަށްވެސް ހުށަހަޅަމުންނެވެ. މިގޮތުން ރިޓަޔަމަންޓް ޕެންޝަން ފަންޑަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ކޯޓު މަރުހަލާގެ ތެރެއިން ހޯދާ ފަންޑަށް ޖަމާކުރަމުންދާކަމަށް ޕެންޝަން އޮފީހުން ބުނެއެވެ.

ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ 14 ވަނަ މާއްދާގެ ހ ގައި ވާގޮތުން ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ ބައިވެރިއަކު ކަމުގައިވާ ކޮންމެ މީހެއްގެ ޕެންޝަނަށް ބަލާ މުސާރައިގެ މަދުވެގެން %7 އެ މުއައްޒަފަކު އަދި މުސާރައިގެ މަދުވެގެން %7 އެ މުއައްޒަފަކަށް ވަޒީފާ ދީފައިވާ ފަރާތުން ސްކީމަށް ދައްކަންޖެހެއެވެ. މިގޮތުން މި ސްކީމަށް ފައިސާ ދައްކަންޖެހެނީ އުމުރުން 16 އަހަރާއި 65 އަހަރާއި ދެމެދުގެ ވަޒީފާ އަދާކުރާ މުއައްޒަފުންނަށެވެ.