ރާއްޖޭގައި އުފެދޭ ކުނީގެ ޙާލަތު ދެނެގަތުމަށް ސަރވޭއެއް ކުރަން ވެމްކޯއިން ނިންމައިފިއެވެ.
ވެމްކޯއިން ބުނީ އަންނަ މަހުގެ އެއްވަނަދުވަހުން ފެށިގެން ދިހަ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ މި ސާރވޭގައި ރާއްޖޭގެ އުފެދޭ ކުނީގެ އަދަދާއި ކުނީގެ ބާވަތްތަކުގެ އިތުރުން ރާއްކާތެރި ގޮތުގައި ކުނި ނަތްތާލުމާއި ގުޅޭ ގޮތުން މައުލޫމާތު އެއްކުރާނެކަމަށެވެ.
މި ސަރވޭ ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހުގެ ހެނދުނު ނުވަޔަކުން އެކަކަށް އަދި މެންދުރުފަހު ތިނަކުން އިރުއޮއްސި ހައެއް ޖެހުމާއި ހަމައަށްއަކަމަށް ވެމްކޯއިން ބުނެއެވެ. މި ސާރވޭގައި މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައި މީހުން ދިރިއުޅޭ ކޮންމެ ގެޔަކަށް ވެމްކޯގެ ޓީމްތައް ޒިޔާރަތްކުރާނެއެވެ.
ސާފު ރާއްޖެ ކެމްޕެއިންގެ ދަށުން ކުރިޔަށް ގެންދާ މި ސާރވޭ މާލޭ ސަރަހައްދުގައި ފެށިނަމަވެސް ކުރިޔަށް އޮތްތާ މި ސަރވޭ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކުރިޔަށް ގެންދާނެކަމަށް ވެމްކޯއިން ބުނެއެވެ. ވެމްކޯގެ އޮޕަރޭޝަން މެނޭޖަރ އަހްމަދު ޝާން ވިދާޅުވީ ގޭބިސީތަކުގައި ދުވާލެއްގެ މައްޗަށް އުފެދޭ ކުނީގެ އަދަދަދާއި ކުނި ވަކި ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭ މައުލޫމާތު މި ސާރވޭ މެދުވެރިކޮށް ރައްޔިތުންނަށް ހިއްސާކުރާނެކަމަށެވެ. އަދި ރައްކާތެރި ގޮތުގައި ކުނި ނަތްތާލުމަށް ކުރެވިދާނެ މަސައްކަތް ބަލާ މި ސަރވޭގައި ލިބޭ މައުލޫމާތުގެ އަލީގައި އެ މަސައްކަތް އިތުރަށް ހަރުދަނާވެގެންދާނެކަމަށްވެސް ޝާން ވިދާޅުވިއެވެ.
"އަޅުގަނޑުމެން ސެގްރިކޭޝަންއާ ހަމަޔަށް ދާކަމުގައި ވަނީނަމަ އެކަންތަކަށް އާއްމު ރައްޔިތުންގެ ފަރާތުން ކޮން އެހީތެރިކަމެއްތޯ ފޯރުކޮށްދެވޭނީ ބަލަންޖެހޭ. މުސްތަޤްބަލުގައި ސާފުރާއްޖެއަކަށް ރާއްޖެހެދުމަށް މަސައްކަތް ކުރާއިރު އަޅުގަނޑުމެން އެބަޖެހޭ ރައްޔިތުންނަށްވެސް އަޅުގަނޑުމެން ކުރާ މަސައްކަތްތައް އިނގޭ މިންވަރަށް އަޅުގަނޑުމެންގެ މަސައްކަތްތައް ރާވަން. ސަރވޭ ޓީމުން ވެމްކޯއިން ކުނިނައްތާލުމަށް ކުރާ މަސައްކަތްތައް ރައްޔިތުންނަށް ފޯރުކޮށްދޭނެ" ޝާން ވިދާޅުވިއެވެ.
ޝާން ވިދާޅުވީ ވެމްކޯގެ މަގްސަދަކީ ރާއްޖޭގައި އުފެދޭ ކުނީގެ މިންވަރު މަދުކުރުންކަމަށެވެ. އަދި ވެމްކޯއިން މަސައްކަތް ކުރަނީ ކުނި އެންދުމުގެ ބަދަލުގައި ކުނި ރިސައިކަލް ކޮށް ބޭނުން ހިފާނެ ގޮތްތަކެއް ހޯދުންކަމަށެވެ.
ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މާލޭން އެކަނިވެސް މަހެއްގެ މައްޗަށް 500 އަށްވުރެ ގިނަ ޓަނުގެ ކުނި އުފައްދައެވެ.