ދީނާއި އަޅުކަން

ޤުރުއާން ހަތިމުކުރި ދަރިވަރުންގެ އަދަދު 500 ވުރެ މަތި


ގްރޭޑް ފަހެއް ނިންމާއިރު ޤުރުއާން ހަތިމުކޮށްފައިވާ ކުއްޖަކަށް ހެދުމަށް ހިންގާ މަޝްރޫޢުގެ ދަށުން މިހާތަނަށް 500 ވުރެ ގިނަކުދިން ޤުރުއާން ހަތިމުކޮށްފައިވާކަމަށް ޤުރުއާނާއި ބެހޭ މަރުކަޒުން ބުނެފިއެވެ. ދެ އަހަރު ދުވަހަށް ކުރިޔަށް ގެންދާ މި މަޝްރޫއުގައި ޤުރުއާން ހަތިމުކުރާ ކުދިންނަކީ އައްމާފޮތް ހިތުދަސްކުދިންކަމަށްވެސް އެ މަރުކަޒުން ބުނެއެވެ.

ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުން ދެމުންގެންދާ ހިދުމަތް  ފުޅާކޮށް އެ މަރުކަޒުގެ ގޮފިތައް މުޅި ރާއްޖެއަށް ދަނީ ފެތުރެމުންނެވެ.

ސަރުކާރުން ދީނީ ކަންކަމަށް ދެއްވާ ހާއްސަ އަހައްމިއަޔަތުގެ ދަށުން ޤުރުއާން ހިތުދަސް ހާފިޒުން އުފެއްދުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަކަމެކެވެ. މި މަސައްކަތުގެ ދަށުން ހާފިޒުން އުފެއްދުމުގެ އެންމެހާ މަސައްކަތްތައް ދާދީ ފަހުންވަނީ ކީރިތު ޤުރުއާނާއި ބެހޭ މަރުކަޒާ ހަވާލުކޮށްފައެވެ.

ހާފިޒްކަމުގެ ސަނަދަކީ މުޅި ޤްރުއާން ހިތުދަސްކޮށް ވަކިގޮތަކަށް އިމްތިހާންކޮށްގެން ދެވޭ ސަނަދެކެވެ. ހާފިޒްކަމުގެ ސަނަދު ދިނުމުގައި ގުރުއާން ހިތުދަސްވުމުގެ އިތުރުން ތަޖުވީދު ހަމަތަކާއި އެއްގޮތް ކިޔަވަން އެގޭތޯ ބަލައެވެ.

ކީރިތި ޤުރުއާނާބެހޭ މަރުކަޒު އުފެދުނު ފަހުން މިހާތަނަށް 50 މީހުން ހާފިޒްކަމުގެ ސަނަދު ހާސިލްކޮށްފައެވެ. ރާއްޖޭގައި ކީރިތި ޤުރުޢާން ހިތު ދަސްކުރާ މީހުންގެ އަދަދު އަހަރުން އަހަރަށް އަންނަނީ އިތުރުވަމުނެވެ. 2013 ވަނަ އަހަރުން ފެށިގެން މިހާތަނަށް 24 މީހަކު ޙާފިޘްކަމުގެ ސަނަދު ހާސިލްކޮށްފައިވެއެވެ. މިއީ ނިސްބަތުން އަހަރަކު ހަ ހާފިޒުންނެވެ. މީގެ ކުރިން ޙާފިޘްކަމުގެ ސަނަދު ހާސިލްކޮށްފައިވަނީ ނިސްބަތުން އަހަރަކު ތިން ހާފިޒުންކަން ކަން ތަފާސް ހިސާބުތަކުން ދައްކައެވެ.

ކީރިތި ޤްރުއާނާ ބެހޭ މަރުކަޒުގެ ރައީސް އަލްއުސްތާޛް އިބްރާހިމް ރަޝީދު މުސާ ވިދާޅުވީ މިއަހަރުގެ ތެރޭގައި އެ މަރުކަޒުން ހާފިޒުކަމުގެ ސަނަދު 8 މީހަކު ހޯދާފައިވާކަމަށާއި މިހާރުވެސް އެ މަރުކަޒުގައި 2 މީހަކު ހާފިޒުކަމުގެ ސަނަދަށް ކިޔަވަމުންދާކަމަށެވެ. ރާއްޖޭގައި ތިބި ހާފިޒުންގެ އަދަދު 165 އަރާއިރު މީ ސައްތައިން ސައްތަ މުސްލިމް ޤައުމަކާ އަޅަ ބަލާއިރު މަދު އަދަދެއްކަމަށް އިބްރާހިމް ރަޝީދު މުސާ ވިދާޅުވިއެވެ. ބައިނަލް އަޤްވާމީ ޤުރުއާން މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ގިނަ އަދަދަކަށް ރާއްޖެއަށް ލިބެމުންދާއިރު ހާފިޒުންގެ އަދަދު އިތުރުކުރަންޖެހޭކަން އިބްރާހިމް ރަޝީދު މުސާ ފާހަގަކުރެއްވިއެވެ.

"ބައިނަލް އަޤްވާމީ ގިނަ މުބާރާތްތަކަށް ރާއްޖެއަށް  ދައުވަތު ލިބޭއިރު އެ މުބާރަތާތުގައ ބައިވާރިވާއިރު އޭގެ ޝަރުތަކުގަ ތެރޭގައި ކީރިތި ޤްރުއާން ހިތުދަސް މީހަކަށް ވުން ހިމެނޭ. ކީރިތި ޤްރުޢާން ހިދުތަސް މީހުންގެ އަދަދު މަދުވާނަމަ މިފަދަ މުބާރާތްތަކުގައި ރަނގަޅު ނަތީޖާ އެއް ނުހޯދޭނެ" އަލްއުސްތާޛް އިބްރާހިމް ރަޝީދު މުސާ ވިދާޅުވިއެވެ.

ކީރިތި ޤްރުއާނާ ބެހޭ މަރުކަޒުގައާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އެ މަރުކަޒުގެ ގޮފިތަކުގައި ގާތްގަނޑަކަށް 600 ކުދިން މިހާރުވެސް ކީރިތި ޤްރުޢާން ހިތުދަސްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަލްއުސްތާޛް އިބްރާހިމް ރަޝީދު މުސާ ވިދާޅުވި ކީރިތި ޤުރުއާން ހިތުދަސްކުރުމާއި ހާފިޒްކަމަށް ކިޔަވަމުންދާ ދަރިވަރުންނަށް އެ މަރުކަޒުން ކޮށްދޭ މަސައްކަތްތަކުގެ އިތުރުން އެކަމުގައި ބެލެނިވެރިންގެ އެއްބާރުލުންވެސް ވަރަށް މުހިއްމުކަމަށެވެ. އިސްލާމިކް މިނިސްޓްރީއާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ސްކޫލްތަކުގެ ދަރިވަރުންނަށް ހާއްސަކޮށްގެން ގިނަ މަސައްކަތްތަކެއް ކުރާކަން ފާހަގަކުރައްވަމުން އިބްރާހިމް ރަޝީދު މުސާ ވިދާޅުވީ މާލޭ ސްކޫލްތަކުގައި ދިގު ރާގަށް ކިޔެވުމުގެ ޕްރޮގްރާމެއް މިހާރުވެސް ކުރިއަށް ދާކަމަށާއި ، މި ޕްރޮގްރާމް މުޅި ރާއްޖެއަށް ފުޅާކުރެއްވުމުގެ މަސައްކަތް ކުރިޔަށް ގެންދަވާކަމަށެވެ.

" ސްކޫލްތަކުގެ ދަރިވަރުންގެ ތެރެއިން ގްރޭޑް 5 ނިމޭއިރު ޤުރުއާން ޚަތިމް ކޮށްފައިވާ ކުދިންނަށް ހެދުމަށްޓަކައި ޚަތިމްކުރުމުގެ މަޝްރުއެއް ކުރިއަށްގެންދޭ. މިއީ 2އަހަރު ދުވަހުގެ މަޝްރޫއެއް. މިހާރުވެސް ގާތްގަނޑަކަށް 500 ހާ ދަރިވަރުން ޚަތިމް ކޮށްފި.ޚަތިމް ކުރުމުގެ މަޝްރޫއުގެ ތެރެއިން އައްމާފޮތް ހިތުދަސްކޮށްދިނުންވެސް ހިމެނޭ." އަލްއުސްތާޛް އިބްރާހިމް ރަޝީދު މުސާ ވިދާޅުވިއެވެ.

ސްކޫލް ނިންމާ ދަރިވަރުންނަކީ ކީރިތި ޤުރުއާން ހަތިމުކުރާ ބަޔަކަށް ހެދުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން ހުރިހާ ސްކޫލެއްގައި ޤުރުއާން ޓީޗަރުން އުފައްދާ ޤުރުއާން ޓީޗަރުން އަންނަނީ ތަމްރީނުކުރަމުންނެވެ.