ވިޔަފާރި

ކުރިއަށްއޮތް ދެ އަހަރު އިތުރު 27 ރިސޯޓް ހުޅުވަނީ


ކުރިއަށްއޮތް ދެއަހަރުގެ ތެރޭގައި އިތުރު ހަތާވީސް ރިސޯޓް ހުޅުވާނޭކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ބުނެފިއެވެ. މިކަން ޓޫރިޒަމް މިނިސްޓްރީން ހާމަކުރީ ފަތުރުވެރިކަމުގެ ސިނާޢަތާއި ބެހޭގޮތުން އެންމެފަހުން މީޑިޔާއަށް މަޢުލޫމާތު ދެއްވުމަށް ނެރުނު ނޫސްބަޔާނެއްގައެވެ.



ކުރިއަށްއޮތް ދެއަހަރުގެ ތެރޭގައި އިތުރު ހަތާވީސް ރިސޯޓް ހުޅުވާނޭކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ހާމަ ކުރިއިރު ފަތުރުވެރިކަން ތަރައްޤީކޮށް ފުޅާކުރުމަށް މި ސަރުކާރުން ކުރަމުންގެންދާ މަސައްކަތާއެކު ފަތުރުވެރިކަމުގެ ސިނާޢަތް ހަލުވިކަމާއެކު ކުރިއަރަމުންދާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ރައީސް ޢަބުދުﷲ ޔާމީން ސަރުކާރުގެ އަމާޒަކީ މިދައުރު ނިމުމުގެ ކުރިން 50 ރިސޯޓް ހުޅުވުމެވެ. މި އަމާޒަށް ވާސިލްވުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ދަށުން ދެހާސް ތޭރަވަނަ އަހަރުން ފެށިގެން މިހާތަނަށް ހަތާވީސް ރިސޯޓް ހުޅުވާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

އަދި ކުރިއަށް އޮތް ދެހާސް އަށާރަ އަދި ދެހާސް ނަވާރަވަނަ އަހަރު ހަތާވީސް ރިސޯޓް އަލަށް ހުޅުވާނޭކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވާއިރު، މީގެ ތެރޭގައި ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތަކުގެ ރިސޯޓްތައް ހިމެނޭކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ. ކުރިއަށް އޮތް ދެ އަހަރު ފަތުރުވެރި ކަމުގެ ސިނާޢަތަށް އިތުރުވާ ރިސޯޓުތަކުގެ ތެރޭގައިި މާލެ އަތޮޅު އެނބޫދޫފަޅު ހިއްކައިގެން ތަރައްޤީކުރާ ހާޑްރޮކް ހޮޓެލްސް، ހިލްޓަންގެ ވާލްޑޮފް އެސްޓޯރިއާ، މޫވް އެން ޕިކްސްގެ ރިސޯޓްތައް ހިމެނެއެވެ.



ޓޫރިޒަމް މިނިސްޓްރީން ނެރެ ޢާއްމުކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ހުސްވި އަހަރާ އަޅާބަލާއިރު، މިއަހަރުގެ ނޮވެމްބަރުމަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދަށް ހައެއް ޕޮއިންޓް އަށެއް އިންސައްތައިގެ ކުރިއެރުމެއް ވަނީ ލިބިފައެވެ. މިއަހަރުގެ ނޮވެމްބަރުމަހުގެ ނިޔަލަށް ރާއްޖެއަށް އެކެއް ޕޮއިންޓް ދޭއް މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފަވެއެވެ.