ޚަބަރު

ހައްސާނުގެ އެނބުރި އައުމާއެކު އާ އަހަރުކުލަގަދަކޮށް ފާހަގަކޮށްފި


މަޝްހޫރު ލަވަކިޔުންތެރިޔާ މޭނާ ހައްސާންގެ އެނބުރި އައުމާ ބަޑިބޭހުގެ ކުޅިވަރާއި އެކު އާ އަހަރު ފެށުން ވަރަށް ކުލަގަދަކޮށް ހުޅުމާލޭގައި ފާހަގަކޮށްފިއެވެ. އާ އެޗްޑީސީން އިންތިޒާމް ކޮށްގެން ބޭއްވި މި ޝޯވ ބަލާލުމަށް ގިނަ ބަޔަކު ހުޅުމާލެއަށް ޒިޔާރަތްކޮށްފައިވެއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިންތިޒާމްކޮށްގެން ،އާއަހަރު ފެށުން ފާހަގަކުރުމަށް ހުޅުމާލޭގައި ބޭއްވި މިއުޒިކް ޝޯއަކީ ވަރަށްވެސް ފޯރިގަދަ ޝޯއެކެވެ. ހުޅުމާލެ ސެންޓްރަލް ޕާކްގައި ބޭއްވި މި ޝޯވ ބަލާލުމަށް ހުޅުމާލޭގައި ދިރުއުޅޭ މީހުންގެ އިތުރުން މާލެއިންވެސް ގިނަ އަދަދެއްގެ ބަޔަކު ހުޅުމާލެއަށް ޒިޔާރަތްކޮށްފައިވެއެވެ. މީގެ ތެރޭގައި ހުޅުމާލޭގައި ޗުއްޓީ ހޭދަކުރަމުންދާ ގިނަ އަދަދެއްގެ ފަތުރުވެރިންވެސް ހިމެނެއެވެ.

މި ޝޯވ އެންމެ ފާހަގަވެގެންދިޔައީ ދިވެހިން ގިނަ ބައެއްގެ ހިތުން ޖާގަ ހޯދާފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ މޭނާ ހައްސާނު މިއުޒިކީ ދާއިރާއަށް އެނބުރި އައުމެވެ. މީގެ ތިން އަހަރުކުރިން މާލޭ ރާޅުގަނޑު ސަރަހައްދުގައި "ހައްޔަރުކުރުމުގެ ކުރިން" ނަމުގައި މިއުޒީކީ ދާއިރާއަށް އަލްވަދާއު ކިޔުމަށްފަހު މީ ހައްސާނު ސްޓޭޖަކުން ފެނުނު ފުރަތަމަ ފަހަރުއެވެ.  

ރޭގެ ޝޯވގައިވެސް ހައްސާނު ވަނީ އޭނާގެ މިއުޒިކީ ކެރިއަރުގެ ރަން ޒަމާނުގައި އާއްމުންގެ ހިތްތައް ފަތަހަ ކުރަމުންދިޔަ ފޯރިގަދަ ލަވަތައް ހުށައަޅާދީފައެވެ. މީގެ ތެރޭގައި އާއްމުންގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ އަމިއްލަ ރާގުގެ ގިނަ ލަވަތަކެއް އޭނާ ހުށައަޅާދިނެވެ.

img:http://s3.psmnews.mv/images/660x400/15147803117026.jpg|

އާ އަހަރު ފާހަގަކުރުމަށް ހުޅުމާލޭގައި ބޭއްވި ޝޯވގައި މޭނާ ހައްސާނުގެ އިތުރުން މަޝްހޫރު ހަބޭސް ބޮޑުބެރު ގުރޫޕްގެ ފޯރިގަދަ ފަރި ހުށެއެޅުންތަކެއްވެސް ފެނިގެންގޮސްފައިވެއެވެ. މީގެ އިތުރުން މޯލްޑިވިއަން އައިޑަލް ސީޒަން 2ކުން ގިނަ ބައެއްގެ ހިތުން ޖާގަ ހޯދި ޝަމްވީލް ޤާސިމްގެ ހުށައެޅުމެއްވެސް ވަނީ ފެނިގެންގޮސްފައެވެ.

އާހަރު ފާހަގަކުރުމަށް ބޭއްވި މި ޝޯ ބަލާލުމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދާއި އެޗްޑީސީގެ ބައެއް އިސްވެރިންވެސް ޒިޔާރަތްކޮށްފައިވެއެވެ. އަދި މި ޝޯވް ކުރިއަށް ގޮސްފައިވަނީ ލައިވް ބާބަކިއުއާއި އެކުއެވެ.