ދުނިޔެ

ރަޖްނީކާންތު ސިޔާސީ މައިދާނަށް ނިކުންނަނީ!!


އިންޑިއާގެ މަޝްހޫރު ފިލްމީތަރި ރަޖްނީކާންތު ސިޔާސީ ޕާޓީއެއް އުފައްދައި، ސިޔާސީ މައިދާނަށް ނިކުތުމަށް ނިންމައިފިއެވެ.

އާދީއްތަދުވަހު ޓެމިލްނާޑޫގެ ޗެންނާއީ ސިޓީގައި އޭނާގެ ސަޕޯޓަރުންނާ ވާހަކަދައްކަމުން، ރަޖްނީކާންތު ބުނީ، 2021 ވަނަ އަހަރު އޮންނަ ސްޓޭޓް އެސެމްބްލީ އިންތިޚާބުގައި ޓަމިލްނާޑޫގެ ހުރިހާ ގޮނޑިއަކަށް އޭނާގެ ޕާޓީން ވާދަކުރާނެކަމަށެވެ.

ސަތޭކަ ފަންސާހަށްވުރެ ގިނަ ފިލްމުގައި ހަރަކާތްތެރިވެފައިވާ 67 އަހަރުގެ ރަޖްނީކާންތު ސިޔާސީ މައިދާނަށް ނިކުންނާނެކަން އިޢުލާންކޮށްފައި މިވަނީ، އޭނާ ސިޔާސީ މައިދާނަށް ނިކުތުމާބެހޭ ގޮތުން ތަފާތު ވާހަކަތައް ދައްކަމުންދަނިކޮށެވެ. މީގެ ކުރިން ސިޔާސީ ޕާޓީތަކާއެކު ގުޅުންތައް އޮތް ނަމަވެސް، ސީދާގޮތުން ސިޔާސީ ކަންކަމުގައި އޭނާ ހަރަކާތްތެރިވެފައެއް ނުވެއެވެ. ސިޔާސީ މައިދާނަށް ނިކުތުމާބެހޭ ގޮތުން މީގެ ކުރިން ރަޖްނީކާންތު ބުނީ، އެކަން ކުރާނީ އެންމެ ރަނގަޅު ވަގުތު ޖެހުމުންކަމަށެވެ.  

img:http://s2.psmnews.mv/images/660x400/15148065173507.jpg|އިންޑިއާގެ މަޝްހޫރު ފިލްމީތަރި ރަޖްނީކާންތު / ސިޔާސީ މައިދާނަށް ނިކުތުމަށް ވަނީ ނިންމާފައި

ޓަމިލްނާޑޫގައި ވެރިކަންކުރާ އޭ.އައި.ޑީ.އެމް.ކޭ ޕާޓީގެ ލީޑަރު، އަދި ކުރީގެ ފިލްމީ ތަރި ޖަޔާލަލީތާ 2016 ވަނަ އަހަރު އަވަހާރަވިފަހުން ޓެމިލްނާޑޫ ސްޓޭޓް އޮންނަނީ ސިޔާސީ ހަލަބޮލިކަމެއްގެ ތެރޭގައެވެ. ޖަޔާލަލީތާގެ ޕާޓީވެސް ވަނީ ދެބައިވެފައެވެ.

ރަޖްނީކާންތު ބުނީ ޓެމިލްނާޑޫގެ ހާލަތު އޮތް ގޮތުން އިންޑިއާގެ އެހެން ސްޓޭޓްތަކުން މަލާމަތް ކުރަމުންދާކަމަށެވެ. އަދި ސިޔާސީ މައިދާނަށް ނިކުތުމަށް ނިންމީ، މިވަގުތަކީ މިކަމަށް އެންމެ ރަނގަޅު ވަގުތަށްވުމުންކަމަށް ރަޖްނީކާންތު ބުންޏެވެ. އަދި އޭނާގެ ޕާޓީގެ މޮޓޯއަކީ ތެދު، މަސައްކަތް، އަދި ކުރިއެރުންކަމަށެވެ.

"ޑިމޮކްރަސީގެ ނަމުގައި ސިޔާސީ މީހުން ދަނީ އަހަރުމެންގެ ފައިސާއިން ވައްކަންކުރަމުން.. ބަދަލުތަކެއް ގެންނަން އެބަޖެހޭ.. ނިޒާމަށް ބަދަލުތަކެއް އަންނަން އެބަޖެހޭ.. ޑިމޮކްރަސީ ވަނީ ކޮރަޕްޓްވެފައި.. ސާފުކުރަންޖެހިފައި.." ސަޕޯޓަރުންނާއި ވާހަކަދައްކަމުން ރަޖްނީކާންތު ބުންޏެވެ.

ޙަބަރުތައް ބުނާގޮތުން ރަޖްނީކާންތު އުފައްދާ ސިޔާސީ ޕާޓީގެ ނަމާއި މަޤްޞަދު މިމަހުގެ މެދުތެރޭގައި ހާމަކުރާނެއެވެ.

img:http://s2.psmnews.mv/images/660x400/15148064992672.jpg|އިންޑިއާގެ މަޝްހޫރު ފިލްމީތަރި ރަޖްނީކާންތު އޭނާގެ ސަޕޯޓަރުންނާ ބައްދަލުކުރަނީ / ސިޔާސީ މައިދާނަށް ނިކުތުމަށް ވަނީ ނިންމާފައި

1975 ވަނަ އަހަރު ފިލްމީ ދާއިރާއަށް ވަނުމުގެ ކުރިން ޝިވާޖީ ރާއޯ ނުވަތަ މަޝްހޫރު ނަމުންނަމަ ރަޖްނީކާންތު އަކީ ބަސް ކޮންޑަކްޓަރެކެވެ. ތަމަޅަ ފިލްމުތަކާއި ހިންދީ ފިލްމުތަކުގައި ހަރަކާތްތެރިވެފައިވާ ރަޖްނީކާންތުއަކީ އަމީތާބް ބައްޗަން އަދި ޝާހްރުކް ޚާންއާ އެއްވަރެއްގެ، ނުވަތަ އެއަށްވުރެ ބޮޑު ސަޕޯޓެއް އޮންނަ ތަރިއެކެވެ. މީގެ އިތުރުން އޭނާއަކީ އޭޝިޔާގައި އެންމެ އަގުބޮޑުކޮށް ފިލްމުކުޅޭ އެއް ތަރިއެވެ.

ސިޔާސީ މައިދާނަށް ރަޖްނީކާންތު ނިކުންނާނެކަން އިޢުލާންކުރުމުން އިންޑިއާގެ ބައެއް ފިލްމީ ތަރިންނާއި ސިޔާސީ ބޭފުޅުން ދަނީ އޭނާއަށް މަރުޚަބާ ކިޔަމުންނެވެ.

ރަޖްނީކާންތުގެ އިތުރުން ޓަމިލްނާޑޫއަށް ނިސްބަތްވާ މަޝްހޫރު ފިލްމީ ތަރި ކަމާލް ހަސަންވެސް ވަނީ ސިޔާސީ ޕާޓީއެއް އުފައްދާނެކަން ދާދިފަހުން އިޢުލާންކޮށްފައެވެ. އެހެންކަމުން ކަމާލް ހަސަން އާއި ރަޖްނީކާންތުގެ ތާޢީދު ހޯދުމަށް އިންޑިއާގެ އެންމެ ބޮޑު ސިޔާސީ ޕާޓީތަކުން މިހާރުވެސް މަސައްކަތް ފަށާފައިވާކަމަށް ޙަބަރުތައް ބުނެއެވެ.