ދުނިޔެ

ދެކުނު ކޮރެޔާއާއެކު ވާހަކަ ދައްކަން ތައްޔާރު- ކިމް ޖޮންގ އުން


ދެކުނު ކޮރެޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ހުންނެވިކަމަށް އުތުރު ކޮރެޔާގެ ޒަޢީމް ކިމް ޖޮންގ އުން ވިދާޅުވެއްޖެއެވެ.

އައު އަހަރުގެ މުނާސަބަތުގައި ދެއްވި ތަޤްރީރުގައި ކިމް ޖޮންގ އުން ވިދާޅުވީ، އަންނަމަހު ދެކުނު ކޮރެޔާގައި އޮންނަ ވިންޓަރ އޮލިމްޕިކްސްގެ ތެރެއިން މަޝްވަރާކުރުމަށް އެޤައުމުގެ ވަފުދެއް ދެކުނު ކޮރެޔާއަށް ފޮނުވަން ތައްޔާރަށް ހުންނެވިކަމަށެވެ.

މިއީ މައްސަލަ ބޮޑު ދެ ކޮރެޔާގެ ދެމެދުގައި ސުލްޙައިގެ ވާހަކަތައް ފެށުމަށް ތައްޔާރަށް ހުންނެވިކަން އުތުރު ކޮރެޔާގެ ލީޑަރު މިފަހުން އިޢުލާންކުރެއްވި ފުރަތަމަ ފަހަރެވެ.  

އައު އަހަރުގެ މުނާސަބަތުގައި ކިމް ދެއްވި ތަޤްރީރުގައި ވިދާޅުވީ ދެ ކޮރެޔާގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން ނައްތާލާ، ސުލްޙައާއި ހަމަޖެހުން ޤާއިމްކުރުމަށް ދެޤައުމުންވެސް ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ. އަދި މިކަމާ ގުޅޭ މަޝްވަރާތައް ދެޤައުމުން ވީ އެންމެ އަވަހަކަށް ފަށަންޖެހޭކަމަށްވެސް ކިމް ވިދާޅުވިއެވެ.

ކިމްގެ ތަޤްރީރުގައި ދެކުނު ކޮރެޔާގައި އަންނަމަހު ބާއްވާ ވިންޓަރ އޮލިމްޕިކްސްއަށް ކާމީޔާބީއަށް އެދޭކަމަށްވެސް ވިދާޅުވިއެވެ. ކިމްގެ ވާހަކަފުޅުގައި މަޝްވަރާކުރުމަށް ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވުމުން ގިނަ ބަޔަކަށް ވަނީ ހައިރާންކަން ލިބިފައެވެ. އެއީ އާއްމު ގޮތެއްގައި ކިމް ދެއްވާ ތަޤްރީރުތައް ބިނާކުރަނީ ދެކުނު ކޮރެޔާއަށް ބިރުދެއްކުމަށް ނުވަތަ ރުޅިވެރިކަން އިތުރުވާ ފަދަ ގޮތަކަށެވެ.

ކިމް ތަޤްރީރުގައި ދެކުނު ކޮރެޔާއާއެކު ވާހަކަ ދެއްކުމަށް ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވިޔަސް، އެމެރިކާއަށް ވަނީ ބަހުގެ ޙަމަލާތަކެއް ދީފައެވެ. އެގޮތުން އުތުރު ކޮރެޔާގެ ނިއުކްލިއަރ މިސައިލް ޕްރޮގްރާމް ކާމިޔާބުކަމާއެކީ ކުރިއަށްދާކަމަށާއި ކޮންމެ ވަގުތެއްގައި އެމެރިކާއަށް ހަމަލާ ދިނުމުގެ ޤާބިލްކަން އެޤައުމުގައި އެބަހުރިކަމަށް ކިމް ވިދާޅުވިއެވެ.