ދުނިޔެ

މޫދަށް އެރިއުޅެނިކޮށް ގެއްލުނު އޮސްޓްރޭލިއާގެ ބޮޑުވަޒީރު!


"އޮސްޓްރޭލިއާގެ ބޮޑުވަޒީރު ހެރޯލްޑް ހޯލްޓް ގެއްލިއްޖެ"، މިއީ 1967 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 17 ވަނަ ދުވަހު އޮސްޓްރޭލިއާގެ އޭރުގެ ބޮޑުވަޒީރު ހެރޯލްޑް ހޯލްޓް މޫދަށް އެރިވަޑައިގެން އުޅުއްވަނިކޮށް ގެއްލިވަޑައިގަތުމާ ގުޅިގެން އެޤައުމުގެ ޓީވީތަކުންނާއި ރޭޑިއޯތަކުން ހުއްޓުމެއްނެތި އިވެމުންދިޔަ އަޑެވެ.

އޮސްޓްރޭލިއާގެ ބޮޑުވަޒީރު ހެރޯލްޑް ހޯލްޓް ގެނބުނުކަމަށް ނިންމާ، އޭނާގެ ޖަނާޒާވެސް ބޭއްވިއެވެ. މިޖަނާޒާގައި އިނގިރޭސި ބޮޑުވަޒީރު ހެރޯލްޑް ވިލްސަންއާއި އެމެރިކާގެ ރައީސް ލިންޑަން ޖޯންސަންވެސް ބައިވެރިވެވަޑައިގަތެވެ. ނަމަވެސް ގެނބިގެން މަރުވިކަމަށް ނިންމި ހޯލްޓްގެ ހަށިގަނޑު ދުވަހަކުވެސް ފެންނަ ގޮތެއް ނުވިއެވެ. އެހެންކަމުން އޭނާގެ މަރާ ގުޅޭގޮތުން ތަފާތު ވާހަކަތައް ދެކެވުނެވެ. އެކަމާ ގުޅޭގޮތުން ޝާޢިއުކުރި ފޮތެއްގައި ޗައިނާގެ ސަބްމެރިންއަކުން އޭނާ ގެންދިޔައީ ކަމަށްވެސް ބުނެފައިވެއެވެ. މިއަދު އޭނާގެ މަރަށް 50 އަހަރު ވެފައިވާއިރު، އޮސްޓްރޭލިއާއަށް އިންޤިލާބީ ކުރިއެރުންތަކެއް ގެންނަން މަސައްކަތްކުރެއްވި ބޮޑުވަޒީރުގެ މަރާ ގުޅޭގޮތުން ދައްކާ ވާހަކަތަކުގެ ސަބަބުން އޭނާ ކޮށްދެއްވި ޚިދުމަތްތަކަށް ވަނީ ހިޔަނި އެޅިފައެވެ.

img:http://s3.psmnews.mv/images/660x400/15148181561356.jpg|އޮސްޓްރޭލިއާގެ ކުރީގެ ބޮޑުވަޒީރު ހެރޯލްޑް ހޯލްޓް / އޭނާއަކީ އޮސްޓްރޭލިއާއަށް މުހިއްމު ބަދަލުތަކެއް ގެންނެވި ބޭފުޅެއްަ

އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ މަޤާމަށް ހޯލްޓް ވަޑައިގަތީ 1966 ވަނަ އަހަރުއެވެ. އެއީ އޭނާ ގެއްލުމުގެ ދެ އަހަރު ކުރިންނެވެ. ބޮޑުވަޒީރުކަމުގެ މަޤާމަށް ވަޑައިގަތުމުގެ ކުރިން ހޯލްޓްއަކީ އޮސްޓްރޭލިއާގައި އެންމެ ގިނަ ދުވަހު ވެރިކަންކުރެއްވި ރޮބަޓް މެންޒިއޭޒްގެ ސަރުކާރުގައި ވަފާތެރި މިނިސްޓަރެކެވެ. ބޮޑުވަޒީރުކަމުގެ މަޤާމުގައި ހޭދަކުރެއްވި ދުވަސްތައް މަދު ނަމަވެސް، އޭނާގެ ބޮޑުވަޒީރުކަމުގައި މުހިއްމު ކަންތައްތަކެއް ވަނީ ނިންމަވާފައެވެ. އޭގެ ތެރޭގައި އޮސްޓްރޭލިއާގައި ބޭނުންކުރަމުންދިޔަ ޕައުންޑާއި ޕެންސްގެ ބަދަލުގައި ޑޮލަރާއި ސެންޓު ބޭނުންކުރަން ފެށިއެވެ. މީގެ އިތުރުން ޔޫރަޕް ފިޔަވައި އެހެން ޤައުމުތަކުގެ މީހުން އޮސްޓްރޭލިއާއަށް ހިޖުރަކުރުން މަނާކޮށްފައި އޮތް އޮތުން އޭނާގެ ސަރުކާރުގައި ނިމުމަކަށް ގެންނެވިއެވެ. އަދި އެމެރިކާއާއެކު ގުޅުން ބަދަހިކުރިއެވެ.

ހޯލްޓްއަކީ އޮސްޓްރޭލިއާގެ ގިނަ މީހުންނެކޭ އެއްގޮތަށް ތަފާތު ކުޅިވަރު ކުޅުމާއި ޑައިވްކުރުން ފަދަ ކަންކަމަށް ލޯބި ހުންނަ މީހެކެވެ. ނަމަވެސް ކޮނޑުގެ ސާޖަރީއަކަށްފަހު ޑޮކްޓަރުން ވަނީ އެހާބޮޑަށް ހެލިފެލިވެ ނޫޅުމަށް އޭނާއަށް ނަޞޭހަތްތެރިވެފައެވެ. ނަމަވެސް ޑޮކްޓަރުންގެ ނަޞޭހަތާއި ޚިލާފަށް ކޮންމެ ހޮނިހިރުދުވަހަކު ޓެނިސް ކުޅުއްވައެވެ. އަދި އާދީއްތަދުވަހު މޫދަށް އެެރިވަޑައިގަންނަވައެވެ. މޫދަށް އެރިވަޑައިގެން އުޅުއްވަނިކޮށް ހޯލްޓް ގެއްލިވަޑައިގަތް ދުވަހަކީ، މޫސުން ރީތިކޮށް އޮތް ދުވަހެކެވެ. މެންދުރުގެ ނާސްތާގެ ކުރިން ހޯލްޓް ބޭނުންފުޅުވީ އޮސްޓްރޭލިއާގެ ޕޯޓްސީގައި ހުންނަ އޭނާގެ ޗުއްޓީ ހޭދަކުރާ ގެޔާއި ކައިރީގައި އޮންނަ މޫދަށް އެރުމަށެވެ.

img:http://s4.psmnews.mv/images/660x400/15148181986142.jpg|ހޯލްޓް މޫދަށް ފޭބި ސަރަޙައްދުގައި ބަޔަކު މަޑުކޮށްލައިގެން / އެދުވަހު ރާޅުތައް ބިޔަވެފައި އޮޔެ ގަދަކަމަށްވޭ

މަންޒަރު ދުށް ބައެއް މީހުން ފުލުހުންނަށް ދީފައިވާ މަޢުލޫމާތަށް ބަލާއިރު، އެދުވަހު ބޮޑެތި ރާޅުތައް ނަގަމުންދިޔައެވެ. ބައެއް މީހުން ބުނި ގޮތުގައި އެއީ އެމީހުންނަށް ފެނުނު އެންމެ ބިޔަ ރާޅުތަކެވެ. އަދި އޮޔެވެސް ވަރަށް ގަދައެވެ. ނަމަވެސް ރާޅަށާއި އޮޔަށް ނުބަލައި ހޯލްޓް ފަތަމުން ދިޔައީ އެއްގަމާ ދުރަށްކަމަށް ޕޮލިސް ރިޕޯޓެއްގައިވެއެވެ. މޫދަށް އެރިވަޑައިގަތުމުގެ ކުރިން، މޫދަށް އިޝާރާތްކޮށް، "މިއީ ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ތަނެއްކަމަށް" ހޯލްޓް ވިދާޅުވިކަމަށް އޭނާއާއެކު ތިބި ބައެއް މީހުން ބުނެފައިވެއެވެ. ހޯލްޓް މޫދުގައި ހަރަކާތްތެރިވަމުންދިޔަ މަންޒަރު ދުށް މީހެއް ބުނިގޮތުގައި ކުއްލިއަކަށް ހޯލްޓް އޮތް ސަރަޙައްދުގައި ރާޅުތައް ބޮޑުވެ، އޮއެ ގަދަވާން ފެށިއެވެ. އަދި އެއަށްފަހު ހޯލްޓްގެ ހިލަމެއް ނުވިއެވެ.

މޫދަށް އެރިވަޑައިގެން އުޅުއްވަނިކޮށް ހޯލްޓް ގެއްލިވަޑައިގެން ޚަބަރާއެކު މުޅި އޮސްޓްރޭލިއާއަށް ޝޮކެއް ލިބިގެންދިޔައެވެ. އޭނާ ހޯދުމުގެ މަސައްކަތުގައި އޮސްޓްރޭލިއާގެ ފުލުހުންނާއި ސިފައިންގެ އިތުރުން އަމިއްލަ ފަރާތްތަކުންވެސް ބައިވެރިވިއެވެ. ޑިސެމްބަރު 17 ގައި ފެށި މަސައްކަތުގައި 300 މީހުން ބައިވެރިވި ނަމަވެސް، އޭނާ ހޯދުމުގެ މަސައްކަތް ކާމިޔާބުނުވުމުގެ ސަބަބުން ޖެނުއަރީ 5 ވަނަ ދުވަހު އެމަސައްކަތް ހުއްޓާލިއެވެ. އޭނާގެ އެއްވެސް ނިޝާނެއް ނުފެނުނެވެ. ފެނުނުހާވެސް އެއްޗަކީ މޫދުކައިރީ ގޮނޑުދޮށުގައި ހުރި ހޯލްޓްގެ ހެދުމާއި ބޫޓުކޮޅެވެ.

img:http://s3.psmnews.mv/images/660x400/15148182987536.jpg|ހޯލްޓް މޫދަށް އެރުނު ސަރަޙައްދުގައި އޭނާގެ ހެދުމާއި ބޫޓުކޮޅު، އަދި މަސް މަރާ ބަޑި / އޭނާ ހޯދުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައި

ހޯލްޓްގެ މަރުގެ ވާހަކަ ތަފާތު ގޮތްގޮތަށް ދައްކައެވެ. ބައެއް މީހުން އޭނާ އަމިއްލައަށް މަރުވީކަމަށްވެސް ބުނެއެވެ. ނަމަވެސް ފުލުހުން ބުނަނީ އެއީ ވުމަށްވުރެ ނުވުން ގާތްކަމެކެވެ. ބައެއް މީހުން ބުނާގޮތުގައި އެހެން ޤައުމެއްގެ ބައިވެރިވުން މިކަމުގައިވެއެވެ. އެގޮތުން ޗައިނާ ނުވަތަ ރަޝިޔާ ބަޔަކު ހޯލްޓްގެ ގަދަކަމުން ގެންދިޔައީކަމަށްވެސް ބުނެއެވެ. މީގެ އިތުރުން އޭނާއަކީ ޗައިނާގެ ޖާސޫސެއްކަމަށާއި އޭނައާ ހަވާލުކުރި މަސައްކަތް ނިމުމުން ޗައިނާގެ ސަބްމެރިންއަކަށް އަރައިގެން ދިޔައީކަމަށްވެސް ބައެއް މީހުން މިކަމާ ގުޅޭގޮތުން ލިޔެފައިވާ ފޮތްތަކުގައިވެއެވެ. ނަމަވެސް މީގެން އެއްވެސް ވާހަކައަކަށް ބާރު ލިބިދޭ ވަރުގެ ހެއްކެއް އެއްވެސް ފަރާތަކަށް ނުދެއްކެއެވެ. އެހެންކަމުން ހޯލްޓް ގެނބުނީކަމަށް ނިންމުން ނޫން އެހެން ގޮތެއް ނެތްކަމަށް މިކަން ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ހޯލްޓްގެ މަރަށްފަހު އޮސްޓްރޭލިއާގައި އޭރު ވެރިކަންކުރަމުންދިޔަ ލިބަރެލް ޕާޓީ ހަމަނުޖެހުމެއްގެ ތެެރެއަށް ދިޔައެވެ. މާގިނަ ދުވަހަކު އެޕާޓީއަށް ވެރިކަންކުރެވޭ ގޮތެއްވެސް ނުވިއެވެ. އެންމެފަހުން 23 އަހަރަށްފަހު، 1972 ވަނަ އަހަރު އޮސްޓްރޭލިއާގެ ލޭބަރ ޕާޓީއަށް ވެރިކަންވެސް ލިބިގެންދިޔައެވެ. ހޯލްޓްގެ މަރަށްފަހު ލިބަރެލް ޕާޓީއަށް ކުރިމަތިވި މައްސަލަތައް ހައްލުވީ 1975 ވަނަ އަހަރު މެލްކޮމް ފްރޭސަރއަށް ވެރިކަން ލިބިވަޑައިގަތް ހިސާބުންނެވެ.

ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރާ ގޮތުގައި ހޯލްޓް މަރުވުމަށް ދިމާވި ހާދިސާގެ ސަބަބުން އޭނާ ކޮށްދެއްވި ކަންކަމުގެ މަތިން މީހުން ވަނީ ހަނދާން ނެތިފައެވެ. އެހެންކަމުން އޭނާގެ މަރަށް 50 އަހަރު ފުރޭއިރު، އޭނާ މަރުވި ގޮތާއި ބެހޭގޮތުން ވާހަކަދެއްކުމުގެ ބަދަލުގައި އޭނާގެ ހަޔާތުގައި ކޮށްދެއްވި ކަންކަމަށް އަލިއަޅުވައިލުން މުހިއްމުކަމަށް ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ.