ދުނިޔެ

ސަޢުދީއާއި ޔޫއޭއީގައި ފުރަތަމަ ފަހަރަށް ޓެކްސް ނަގަން ފަށައިފި


ސަޢުދީ އަރަބިއްޔާއާއި ޔުއޭއީގައި ވިއްކާ މުދަލާއި ދޭ ޚިދުމަތްތަކުން ޓެކްސް ނެގުމަށް ނިންމައިފިއެވެ.

މިއީ ތެލުގެ މުއްސަނދިކަން ލިބިފައިވާ ގަލްފަށް ނިސްބަތްވާ ޤައުމުތަކަކުން ޓެކްސް ނެގުމަށް ނިންމި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ގަލްފަށް ނިސްބަތްވާ އެއްވެސް ޤައުމަކުން ޓެކްސް ނަގާފައެއް ނުވެއެވެ.

ޔޫއޭއީއާއި ސަޢުދީ އަރަބިއްޔާގައި ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން ތަޢާރަފްކުރި ވެލިއު އެޑަޑް ޓެކްސް ނުވަތަ ވެޓްގެ ދަށުން، ބައެއް މުދަލުންނާއި ޚިދުމަތްތަކުން 5 ޕަސަންޓުގެ ޓެކްސްއެއް ނަގާނެއެވެ. މިއީ ތެލަށް ބަރޯސާވެފައި އޮންނަ އޮތުން ނިމުމަކަށް ގެނައުމަށް އެޤައުމުތަކުން ކުރާ މަސައްކަތުގެ ދަށުން ނަގަން ފެށި ޓެކްސްއެކެވެ.

ޔޫއޭއީން އަންދާޒާކުރާ ގޮތުގައި ޓެކްސްގެ ގޮތުގައި މިއަހަރު 3.3 ބިލިއަން ޑޮލަރު ލިބޭނެއެވެ.

img:http://s4.psmnews.mv/images/660x400/15148741871396.jpg|ޔޫއޭއީ / ޔޫއޭއީއާއި ސަޢުދީގައި ޓެކްސް ނެގުމަށް ވަނީ ނިންމާފައި

ޔުއޭއީއާއި ސަޢޫދީގައި ޓެކްސް ނެގުމަށް ހަމަޖެހިފައިވާ ބާވަތްތަކުގެ ތެރޭގައި ޕެޓްރޯލާއި ޑީސަލާއި ކާނާއާއި ހެދުމާއި ހޮޓަލުގެ ކުއްޔާއި ބައެއް ޚިދުމަތްތަކުގެ ބިލުތައް ހިމެނެއެވެ. އަދި ބައެއް ކަންކަމުން ޓެކްސް ނުގެމުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ޞިއްޙީ ޚިދުމަތްތަކާއި ދަތުރުފަތުރާއި މާލީ ޚިދުމަތްތައް ހިމެނެއެވެ.

ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރަން ސަޢުދީއާއި ޔޫއޭއީން މަސައްކަތްކުރާއިރު، އެޤައުމުތަކުގެ ބަޖެޓުގެ 80 އިންސައްތައަށްވުރެ ބޮޑު ބައެއްގެ ޙަރަދު ހަމަޖައްސަނީ ތެލުން ލިބޭ އާމްދަނީންނެވެ. ސަޢުދީއާއި ޔޫއޭއީން ޓެކްސް ނެގުމަށް ނިންމާފައި މިވަނީ، އެކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ވަރަށް ބޮޑަށް ބާރު އަޅަަމުންދަނިކޮށެވެ.

ސަޢުދީއާއި ޔޫއޭއީން ޓެކްސް ނަގަން ފަށާފައިވާއިރު، ގަލްފުގެ އެހެން ޤައުމުތައްކަމަށްވާ ބަޙްރެއިން، ކުވެއިތު، އޮމާން އަދި ޤަަތަރުންވެސް ދަނީ ޓެކްސް ނެގުމަށް ތައްޔާރުވަމުންނެވެ.

ނަމަވެސް އެއްވެސް ޤައުމަކުން އިންކަމް ޓެކްސް، ނުވަތަ އަމިއްލަ ފަރުދުންނަށް ލިބޭ އާމްދަނީން ޓެކްސް ނެގުމުގެ ވިސްނުމެއް އަދި ނުގެންގުޅެއެވެ.