ދުނިޔެ

ދެ ކޮރެޔާއިން މުވާސަލާތުކުރާ ފޯނުގެ ބޭނުންކުރަން ފަށައިފި


ދެކުނު ކޮރެޔާއާއި އުތުރު ކޮރެޔާގެ މަސްޢޫލުވެރިން މުވާސަލާތުކުރުމަށް ބޭނުންކުރާ ހޮޓްލައިން ފޯނު، އުތުރު ކޮރެޔާއިން އަލުން ބޭނުންކުރަން ފަށައިފިއެވެ.

މިއީ 1972 ވަނަ އަހަރު ޤާއިމްކޮށްފައިވާ މި ހޮޓްލައިންގެ ބޭނުން ނުކުރާތާ 2 އަހަރު ފަހުން އުތުރު ކޮރެޔާއިން މިފޯނުގެ ބޭނުންކުރި ފުރަތަމަ ފަހަރެވެ. 2016 ވަނަ އަހަރު ޖެހުނު މައްސަލައަކަށްފަހު އުތުރު ކޮރެޔާއިން މިފޯނުގެ ބޭނުންކޮށްފައެއް ނުވެއެވެ. އަދި ފޯނަށް އަންނަ އެއްވެސް ކޯލަކަށް ޖަވާބުދީފައެއް ނުވެއެވެ.

ދެ ޤައުމުގެ ދެމެދުގައި މުވާސަލާތު ކުރުމަށް ބޭނުންކުރާ ފޯނުގެ ބޭނުން އަލުން ކުރަން ފަށާފައި މިވަނީ، ދެ ކޮރެޔާގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަމަށް ހައްލެއް ގެނައުމަށް މަޝްވަރާކުރުމަށް އުތުރު ކޮރެޔާގެ ޒަޢީމް ކިމް ޖޮންގ އުން ގޮވާލައްވާފައިވަނިކޮށެވެ. އަދި ދެކުނު ކޮރެޔާއިން އެކަމަށް ވަނީ މަރުޙަބާ ކިޔާފައެވެ. 

img:http://s2.psmnews.mv/images/660x400/15058311703083.jpg|އުތުރު ކޮރެޔާގެ ލީޑަރު ކިމް ޖޮންގ އުން އާއި އެޤައުމުގެ އިސްވެރިން / ދެކުނު ކޮރެޔާއާއެކު މަޝްވަރާކުރަން ތައްޔާރަށް ހުންނެވިކަން ވަނީ ހާމަކުރައްވާފައި

އުތުރު ކޮރެޔާގެ ދައުލަތުގެ މީޑިއާއިން ބުނާގޮތުން، ބުދަދުވަހުގެ މެންދުރުފަހު 3 ޖަހާއިރު ހޮޓްލައިންގެ ބޭނުންކުރަން ފަށަން ކިމް އަމުރުކުރެއްވިކަމަށެވެ. އަދި އުތުރު ކޮރެޔާ ގަޑިން 3 ޖެހިއިރު، އެފޯނުން ދެކުނު ކޮރެޔާއަށް ކޯލެއް އައި ކަން ދެކުނު ކޮރެޔާއިންވެސް ވަނީ ޔަޤީންކޮށްދީފައެވެ. 20 މިނެޓް ވަންދެން ކުރިއަށްދިޔަ ކޯލުގައި ދެއްކި ވާހަކަތަކެއް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

އާ އަހަރުގެ މުނާސަބަތުގައި އުތުރު ކޮރެޔާގެ ލީޑަރު ދެއްވި ތަޤްރީރުގައި ދެ ކޮރެޔާގެ ދެމެދުގައި ޖެހިފައިވާ މައްސަލަތައް ހައްލުކުރުމަށް، ވީ އެންމެ އަވަހަކަށް މަޝްވަރާކުރުމަށް ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވިއެވެ. އަދި އަންނަމަހު ދެކުނު ކޮރެޔާގައި ބާއްވާ ވިންޓަރ އޮލިމްޕިކްސްއަށް އުތުރު ކޮރެޔާގެ ޓީމެއް ފޮނުވުމުގެ ޝަޢުޤުވެރިކަންވެސް ކިމް ވަނީ ފާޅުކުރައްވާފައެވެ.

2015 ވަނަ އަހަރުގެ ފަހުން މައްސަލަ ބޮޑު ދެ ކޮރެޔާގެ ދެމެދުގައި އެއްވެސް މަޝްވަރާއެއް ބާއްވާފައެއް ނުވެއެވެ.