ދުނިޔެ

އިތިއޯޕިއާއިން ހުރިހާ ސިޔާސީ ކުށްވެރިން މިނިވަންކުރަނީ!


އިތިއޯޕިއާގެ ޖަލުތަކުގައި ތިބި ހުރިހާ ސިޔާސީ ކުށްވެރިން މިނިވަންކުރުމަށް އެޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.

އިތިއޯޕިއާގެ ބޮޑުވަޒީރު ހައެލިމެރިއަމް ޑެސަލެން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މިކަން އިޢުލާންކުރައްވަމުން، އޭނާ ވިދާޅުވީ ލާއިންސާނީ އަނިޔާ ދޭކަމަށް ތުހުމަތުކުރެވިފައިވާ ޖަލެއްވެސް ބަންދުކުރައްވާނޭކަމަށެވެ. އަދި ޝަރީޢަތުގެ މަރުހަލާގައިވާ މީހުންގެ މައްޗަށް އުފުލާފައިވާ ދަޢުވާތައްވެސް އަނބުރާ ގެންނެވުމަށް ނިންމަވާފައިވާކަމަށްވެސް އިތިއޯޕިއާގެ ބޮޑުވަޒީރު ވިދާޅުވިއެވެ. މިގޮތަށް އަމަލުކުރަން ނިންމެވީ ސިޔާސީ މަޝްވަރާތަކަށް ދޮރު ހުޅުވާލުމަށްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ތުހުމަތުކުރާ ގޮތުގައި، އިދިކޮޅު ފަރާތްތަކުގެ މަސައްކަތަށް ހުރަސް އެޅުމުގެ ގޮތުން، އިތިއޯޕިއާގެ ސަރުކާރުން ދަނީ އިދިކޮޅު ސިޔާސީ ފަރާތްތައް ހައްޔަރުކުރަމުންނެވެ.

2016 ވަނަ އަހަރު ސަރުކާރާއި ދެކޮޅަށް ފެށި މުޒާހަރާތަކެއްގައި ބަޔަކު މަރުވެފައިވާއިރު، އެޤައުމުގައި 10 މަސްދުވަސް ވަންދެން އޮތީ ކުއްލި ޙާލަތު އިޢުލާންކޮށްފައެވެ.

އިތިއޯޕިއާގެ ސަރުކާރުން ސިޔާސީ ކުށްވެރިން ދޫކޮށްލުމަށް ނިންމާ، އިސްލާޙީ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައި މިވަނީ، އެޤައުމުގައި ވެރިކަންކުރާ ކޯލިޝަންގެ ތެރޭގައި ދުވަސްތަކެއް ވަންދެން މަޝްވަރާކުރުމަށްފަހުއެވެ.