ދުނިޔެ

ތާޖް މަހަލްއަށް ޒިޔާރަތްކުރާ މީހުންގެ އަދަދު ލިމިޓްކުރަނީ


އިންޑިއާގެ އާގްރާގައި ހުންނަ މަޝްހޫރު ތާޖް މަހަލްއަށް ޒިޔާރަތްކުރާ އިންޑިއާ މީހުންގެ އަދަދު ކޮންމެދުވަހަކު ވަކި ލިމިޓެއްގައި ބެހެއްޓުމަށް ނިންމައިފިއެވެ.

ތާޖް މަހަލް އަށް ޒިޔާރަތްކުރާ އިންޑިއާ މީހުންގެ އަދަދު ދުވާލަކު 40،000 އަށް ލިމިޓް ކުރުމަށް ނިންމީ، އެތަނަށް ޒިޔާރަތްކުރާ މީހުންގެ އަދަދު ގިނަވެ، ތަނަށް ލިބިދާނެ ގެއްލުންތަކުން ރައްކާތެރިކުރުމަށްކަމަށް ތާޖް މަހަލް ބަލަހައްޓާ އާކެއޮލޮޖިކަލް ސާވޭ އޮފް އިންޑިއާ، އޭ.އެސް.އައި އިން ބުނެއެވެ.

އޭ.އައި.އެސް އިން ބުނާގޮތުން ވައިގެ ތަޣައްޔަރުކަމުގެ ސަބަބުން ތާޖްމަހަލްގެ ހުދު މާބުލްތައް ރީނދޫވަމުންދާއިރު، ކޮންމެ ދުވަހަކުވެސް މާބުލްގެ ހުދުކަން ދެމެހެއްޓުމަށްޓަކައި ސާފުކުރަންޖެހޭކަމަށެވެ. އަދި ގިނަ އަދަދެއްގެ މީހުން ކޮންމެ ދުވަހަކުވެސް އެތަނަށް ޒިޔާރަތްކުރާއިރު، މާބުލްގެ ހުދުކަމަށްވެސް ބަދަލުތައް އަންނަމުންދާކަމަށް އޭ.އައި.އެސްއިން ބުނެއެވެ.

ތާޖް މަހަލްއަށް ޒިޔާރަތްކުރާ އިންޑިއާ މީހުންގެ އަދަދު ލިމިޓްކުރި އަނެއް ސަބަބަކީ، މާބޮޑަށް މީހުންގެ ގިނަވެ ތޮށްޖެހުމުގެ ހާދިސާތައް އިތުރުވުމެވެ. މިދިޔަ އަހަރު ފަހުކޮޅުވެސް ތާޖްމަހަލް ތެރޭގައި ހިނގި ތޮށްޖެހުމުގެ ހާދިސާއެއްގައި 4 މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެއެވެ.

img:http://s1.psmnews.mv/images/660x400/15150679358625.jpg|ތާޖް މަހަލް / މިތަނަށް ޒިޔާރަތްކުރާ މީހުންގެ އަދަދު ލިމިޓްކުރުމަށް ވަނީ ނިންމާފައި

ތާޖް މަހަލްއަށް ޒިޔާރަތްކުރާ އިންޑިއާ މީހުންގެ އަދަދު ވަކި މިންވަރެއްގައި ހިފެހެއްޓިޔަސް، އެތަނަށް ޒިޔާރަތްކުރާ އެހެން ޤައުމުތަކުގެ މީހުންނަށް ވަކި ލިމިޓެއް ނެތި ވަދެވޭނެއެވެ. އިންޑިއާ މީހުންނަށް ތާޖް މަހަލްއަށް ވަނުމަށް ނަގަންޖެހެނީ 40 ރުޕީސްގެ ޓިކެޓެވެ. ޤައުމުން ބޭރު މީހުންނަށް އެތަނަށް ވަދެވެނީ 1000 ރުޕީސްގެ ޓިކެޓެއް ނަގައިގެނެވެ.

އެވްރެޖްކޮށް ކޮންމެ ދުވަހަކު ދިހަހާހާއި ފަނަރަ ހާހާއި ދެމެދުގެ އަދަދަކަށް މީހުން ތާޖް މަހަލްއަށް ޒިޔާރަތްކުރެއެވެ. ހަފްތާ ބަންދުގައި މިއަދަދު ހުންނަނީ ހަތްދިހަ ހާހުގައެވެ. 2016 ވަނަ އަހަރު 6.5 މިލިއަން މީހުން ތާޖް މަހަލްއަށް ޒިޔާރަތްކުރިއެވެ.

17 ވަނަ ޤަރުނުގައި ބިނާކޮށްފައިވާ ތާޖްމަހަލްއަކީ، އިންޑިއާގައި 1628 ވަނަ އަހަރުން 1658 ވަނަ އަހަރާ ހަމައަށް ރަސްކަންކުރެއްވީ ޝާހް ޖަހާން ބިނާކުރެއްވި ތަނެކެވެ.