ޤަވާއިދާ ޚިލާފަށް ރުއްގަސް ކެނޑުމާއި އުފުރުމާއި ކޮނެގެން ނެގުން އަދި އެއްރަށުން އަނެއްރަށައް ގެންދާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް އެންވަޔަރަންމެންޓް މިނިސްޓްރީން ބުނެފިއެވެ.
އެންވަޔަރަންމެންޓް މިނިސްޓްރީން ބުނީ ފަހަކަށް އައިސް ރުއްގަސް ކެނޑުމާއި އުފުރުމާއި ކޮނެގެން ނެގުމާއި އަދި ރުއްގަސް އެހެން ރަށްރަށް ގެންދިއުން ވަރަށް ބޮޑަށް އާންމުވަމުން ދާކަމަށެވެ. ޤަވާއިދާ ޚިލާފަށް އެއް ރަށުން އަނެއް ރަށަށް ގަސްގަހާގެހި ގެންދިއުމަކީ ދިރޭ ތަކެތީގެ ނަސްލަށް އިއާދަ ނުކުރެވޭފަދަ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެއްކަން މިނިސްޓްރީން ވަނީ ފަހަގަކޮށްފައެވެ. އަދި ރަށްރަށުގެ ފެހިކަން ދެމެހެއްޓުމަކީ އެ ރަށެއްގެ ރައްޔިތުންގެ ޒިންމާ އަކަށް ވާއިރު މާލީ ފައިދާއަކަށް ބިޔަ ގަސްތައް އެހެން ރަށްރަށަށް ވިއްކުމާއި ހޭޅިފަށުގެ މަގޫ ގަސްފަދަ ގަސްގަހާގެހި ވިއްކުމަކީ މުސްތަގުބަލުގައި ރަށަށް ބޮޑެތި ގެއްލުން ލިބިދާނެ ކަމެއް ކަމަށް މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން ރަށް ގިރުމަށް މަގުފަހި ވުމާއި ވިއްސާރަ މޫސުމުގައި ފެން ބޮޑުވުމާއި މިގޮތަށް އެއް ރަށުން އަނެއް ރަށަށް ގެންދާ ގަސްގަހުން ބަލި ފެތުރުން ފަދަ ތިމާވެށީގެ މައްސަލަތައް ފާހަގަކުރެވޭ ކަމަށްވެސް އެންވަޔަރަންމެންޓް މިނިސްޓްރީން ބުނެއެވެ.
އެހެން ކަމުން ރުއްގަސް ގެންދިއުމާއި ވިއްކުމުގެ ވިޔަފާރިއަށް މަގު ފަހި ކުރާނަމަ ޤަވާއިދާ އެއްގޮތަށް ނާސަރީ ހަދައިގެން އެކަން ކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. އަދި ޤަވާއިދާ ޚިލާފަށް އަމަލު ކުރާނަމަ ފިޔަވަޅު އަޅާނެކަން މިނިސްޓްރީން ވަނީ ހަަދާން ކޮށްދީފައެވެ.
ރުއްގަސް ކެނޑުމާއި އުފުރުމާއި ކޮނެގެން ނެގުން އަދި އެއްރަށުން އަނެއްރަށައް ގެންދިޔުމާ ބެހޭ ޤަވާއިދުގަ ވާގޮތުން، ރަށުގެ ހޭޅީގައި އެންމެ ގޮނޑުދޮށަށް ހެދިފައިވާ ގަހުން ފެށިގެން އެއްގަމަށް 15 މީޓަރުގެ ފުޅާ ސަރަޙައްދުގައި ހުރި ރުއްގަހާއި ކަނޑޫފަލާ ކުޅި ފަދަ ތަންތަނާއި އެތަންތަން ވަށައިގެން މީޓަރު ފުޅާ ސަރަޙައްދުގައި ހުރި ރުއްގަސް ކެނޑުމަކީ މާނާކަމެކެވެ. އަދި ސަރުކާރުން ހިމާޔަތް ކޮށްފައިވާ ރުއްގަހާއި އާދަޔާ ޚިލާފު ސިފައެއް ލިބިފައިވާ ރުއްގަސް ކެނޑުމާ ނެގުން އަދި ތަންތަނަށް ގެންދިޔުމަކީ މަނާކަމެކެވެ.