ޚަބަރު

"ދިވެހިންގެ ވަހުދަތު ނަގާލުމަށް ސޯޝަލް މީޑިއާގައި މަސައްކަތްކުރޭ"


ދިވެހި ޤައުމުގެ އެއްބައިވަންތަކަމާއި ދިވެހިންގެ ވަހުދަތު ނަގާލުމަށްޓަކައި މަސައްކަތްކުރާ އެތަކެއް އެޖެންޓުންނެއް ސޯޝަލް މީޑިއާގައި ހަރަކާތްތެރިވަމުންދާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ. ޑިފެންސް މިނިސްޓަރު މިހެން ވިދާޅުވީ މި މަހުގެ ދެވަނަ ދުވަހު ހއ. ދިއްދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގަ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްއިން ހިންގާ ސެޓިފިކެޓް ތްރީ އިން މަލްޓި މީޑިއާ އެންޑް ވެބް ޑިޒައިނިންގ ކޯހުގެ ދަރިވަރުންނާ މުޚާތަބުކުރައްވާ ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ މި ޤައުމުގެ މިނިވަންކަމާއި އެއްބައިވަންތަކަން ގެއްލިގެންދާ ފަދަ އެކިއެކި މެސެޖްތައް ދޭފަރާތްތައް މަދު ނޫން ކަމަށެވެ. އެގޮތުން ދިވެހި ބަހުން ތަފާތު އެކި މެސެޖުތައް ލިޔެ، އާންމުކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ މިފަދަ ފަރާތްތަކުން މާތެވެގެންވާ އިސްލާމް ދީނަށް ފުރައްސާކުރުމުގެ ނިޔަތުގައިވެސް ތަފާތު އެކި މެސެޖުތައް ސޯޝަލް މީޑިއާގައި އާންމުކުރަމުންދާ ކަމަށާއި އޭގެ އިތުރަށް ތަފާތު އެހެން ދީންތައް ރާއްޖެއަށް ގެނައުމަށްވެސް އެފަރާތްތަކުން މަސައްކަތް ކުރަމުންދާކަމަށެވެ.

"މާތްވެގެންވާ އިސްލާމް ދީނަކީ އިންތިހާއަށް ސުލްޙަ މަސަލަސްކަން ޤާއިމުކުރުމަށް ގޮވާލާ ދީނެއް. އަޅުގަނޑުމެންގެ ތެރޭގައި ހަމަނުޖެހުމަށް ގޮވާލާ، އިސްލާމް ދީނަކީ ޓެރަރިޒަމަށް މަގުފަހިކުރާ ދީނެއްގެ ގޮތުގައި ސިފަކުރާ ބަޔަކުވެސް އަޅުގަނޑުމެންގެ ތެރޭގައި އެބަތިބި" ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.

މިކަންކަން މިހެން ހުރިކަން ފާހަގަކުރައްވާ މިނިސްޓަރ ޝަރީފް ވަނީ މަލްޓި މީޑިއާ އެންޑް ވެބް ޑިޒައިނިންގ ކޯހުގައި ކިޔަވާ ދަރިވަރުންނަށް ލިބޭ ހުނަރުގެ އަލީގައި މާތްވެގެންވާ އިސްލާމް ދީނުގެ ވަހުދަތު ދެމެހެއްޓުމަށާއި ތަފާތު އެކި ގޮތްގޮތުން ޤައުމަށް ކުރިމަތިވެދާނެ އެކި ގޮންޖެހުންތަކުން ސަލާމަތްވެ ތިބުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ދަރިވަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ސޯޝަލް މީޑިއާގެ އެކި ހަރަކާތްތައް ގޮތްނޭނގޭ އެކި ފަރާތްތަކުން ފަތުރަމުންދާއިރު، އެކަންކަމާއި ދެކޮޅަށް ވާހަކަ ދައްކާ އެކަންކަމާ ގުޅިގެން ރައްޔިތުންނަށް ސާފުކޮށްދެންޖެހޭ މައުލޫމާތާއި އެހެނިހެން ކަންކަން އޮންނަ ގޮތުގެ ހަޤީގަތް ރަނގަޅަށް އޮޅުންފިލުވައިދިނުމަށްޓަކައި ދަރިވަރުންނަށް ދަސްވެފައިހުރި ޚާއްސަ ހުނަރުގެ ބޭނުން ހިފުމަށް މިނިސްޓަރު ވަނީ ގޮވާލާފައެވެ. މިނިސްޓަރ ވިދާޅުވީ މަލްޓި މީޑިއާ އެންޑް ވެބް ޑިޒައިނިންގ ކޯސް ނިމިގެންދާއިރު، ބައިވެރިން ވާންޖެހޭނީ ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާނެ ތަފާތު ހުނަރުތައް ލިބި އޭގެ ސަބަބުން މުޖުތަމަޢަށް ރަނގަޅު މެސެޖުތަކެއް ދޫކުރާނެ ބަޔަކަށް ކަމަށެވެ.