ޚަބަރު

ރައީސް ޔާމީނަކީ ޙާރިޖީ ދާއިރާގަ އެފަދަ ދެވަނައެއްނެތް ބޭފުޅެއް


ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނަކީ ސިޔާސީ މާހިރަކަށް ވުމުގެ އިތުރުން ޙާރިޖީ ދައިރާގަވެސް އެފަދަ ދެވަނަ އެއްނެތް ބޭފުޅެއްކަމަށް ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

ޕީޕީއެމް "ރުމާލު 2" ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވީ، ރާއްޖޭގައި ވެރިކަންކުރެއްވި ރައީސުންނަށް ބަލާއިރު، ރައީސް ޔާމީނަކީ ދިވެހި ޤައުމާއިމެދު ބޭރުގެ ފަރާތްތައް ދެކޭގޮތް މުޅިން ބަދަލުކޮށްލެއްވި ބޭފުޅެއްކަމަށެވެ. ރާއްޖޭގެ އިތުރުން ބޭރުގެ ފަރާތްތަކުގެ މެދުގައި މީގެކުރިން ތަސައްވަރު ކުރެވިފައިވަނީ ދިވެހިރާއްޖެއަކީ އުފެއްދުންތެރިކަން ނެތް މާބޮޑު މުސްތަޤްބަލެއް ނެތް ޤައުމެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް ރައީސް ޔާމިން ވެރިކަމާއި ހަވާލުވެވަޑައިގެން ރާއްޖެއާ ބެހޭގޮތުން ކުރިން ދެކެމުން އައިގޮތް ބަދަލުކޮށްލެއްވިކަން ފާހަގަކުރައްވަމުން މުޙައްމަދު ހުސެއިން ޝަރީފް ވިދާޅުވީ، ޖަޕާން އަދި ޗައިނާ ފަދަ ދުނިޔޭގެ ކުރިއަރާފައިވާ ބޮޑެތި އިޤްތިޞާދުތަކުން ދެކޭގޮތުގައި މިއަދު ދިވެހިރާއްޖެއަކީ އެޤައުމުތަކުގެ ތެރައްޤީގެ މުހިންމު ބައިވެރިއެއްކަމަށެވެ. އަދި މިއިން ޒަމާނަކު ބޭރުގެ ޤައުމުތަކާއި ގުޅުން ބަދަހި ނުވާވަރަށް ރައީސް ޔާމީނުގެ ވެރިކަމުގައި ބޭރުގެ ޤައުމުތަކާއި ގުޅުން ބަދަހިވެފައިވާކަމަށް ސަފީރު ވިދާޅުވިއެވެ.

ރައީސް ޔާމީނުގެ ޙާރިޖީ ސިޔާސަތާއި ބެހޭގޮތުން ވާހަކަދައްކަވަމުން ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ޙުސައިން ޝަރީފް ވިދާޅުވީ، ތިރީސްހާހަށްވުރެ ގިނަ ދިވެހިން މިއަދު ރާއްޖޭން ބޭރުގައި ދިރިއުޅެމުންދާއިރު، އެފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް އެއްވެސް ދަތިކަމެއްނެތި ފޯރުކޮށްދިނުމަކީ ރައީސް ޔާމީނު ޙާއްޞަ އިސްކަމެއްދެއްވާ ކަމެއް ކަމަށެވެ. މި އަމާޒަށް ވާސިލްވުމަށް އަދުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް އަވައްޓެރި ސްރީލަންކާއަށް އެކަނި ބަލާލުމުންވެސް އެނގިގެންދާކަމަށް އޭނާ ވިދާޅުވިއެވެ.

ދިވެހިރާއްޖެއިން އަވައްޓެރި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް މުޙައްމަދު ޙުސައިން ޝަރީފް އައްޔަނުކުރައްވާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގައެވެ.