ޚަބަރު

ދީނީ މައިދާނުގައި ސޫދާނުން ރާއްޖެއަށް އެހީވާނެ


ރާއްޖޭގައި އައުޤާފުގެ ހަރަކާތްތައް ރާވާ ހިންގުމަށް އެހީވެދޭނެކަމުގެ ޔަގީންކަން ސޫދާން ސަރުކާރުން ދީފިއެވެ. 

ސުދާން ސަރުކާރުން މިކަން ހާމަކޮށްފައިވަނީ ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ ރައީސް އަލްއުސްތާޛް އިބްރާހީމް ރަޝީދު މުސާ މިހާރު އެގައުމަށް ކުރައްވާ ދަތުރުފުޅުގެ ތެރެެއިންކަމަށް ޤުރުއާނާއި ބެހޭ މަރުކަޒުން ބުނެއެވެ. 

އިބްރާހީމް ރަޝީދު މުސާގެ މި ދަތުރުފުޅަކީ ސޫދާންގެ ޔުނިވަރސިޓީ އޮފް ހޯލީ ޤުރުއާން އެންޑް އިސްލާމިކް ސައެންސްގެ ޗާންސްލެރގެ ދަައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އިބްރާހިމް ރަޝީދު މުސާވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ރިލިޖަސް އެފެއަރ އެންޑް އެންޑޯވްމަންޓް ޑރ އަލްކާރޫރީއާ ބައްދަލުކުރައްވަފައެވެ. ދީނީ މައިދާނުގައި ރާއްޖޭ އާއި ސޫދާންގެ ގުޅުން ޤާއިމުކުރުމަށް އެދި ރާއްޖޭގެ އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒިޔާދު ފޮނުއްވި ސިޓީއެއް މި ބައްދަލުކުރެއްވުމުގައި ސުދާންގެ މިނިސްޓަރ އަށް ރައްދުކޮށްފައިވެއެވެ. 

ދީނީ މައިދާނުގައި ރާއްޖެއަށް ބޭނުންވާ އެހީ ދެއްވާނެކަމުގެ ޔަގީންކަން މި ބައްދަލުކުރެއްވުމުގައި ސޫދާނުގެ މިނިސްޓަރ ދެއްވާފައިވާކަމަށް ޤުރުއާނާއި ބެހޭ މަރުކަޒުން ބުނެއެވެ. އަދި މި އަހަރުގެ ރަމަޞާން މަސް އިހްޔާކުރުމުގެ ޕްރޮގްރާމްގައި ސޫދާނު ބައިވެރިވާނެކަމުގެ ޔަގީންކަންވެސް ސޫދާން ސަރުކާރުން ވަނީ ދީފައެވެ.