ވިޔަފާރި

ވީއައިއޭއަށް ރެކޯޑް އަދަދަކަށް ޖެޓް ޖައްސައިފި


އާ އަހަރާ ދިމާކޮށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސި ޕްރައިވެޓް ޖެޓްތަކުގެ އަދަދު ރެކޯޑު މިންވަރަކަށް އިތުރުވެއްޖެއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގާ އެމްއޭސީއެލްގެ އޮފިޝަލަކު ވިދާޅުވީ އާ އަހަރާ ދިމާކޮށް މިދިޔަ ދިހަވަރަކަށް ދުވަހު އެއަރޕޯޓަށް ޖެއްސި ޕްރައިވެޓް ޖެޓްތަކުގެ އަދަދު 140 އަށް އަރާފައިވާ ކަމަށެވެ. މިއީ ކުރިން ލަފާކުރި އަދަދަށްވުރެ އިތުރު އަދަދެއް ކަން އޮފިޝަލް ފާހަގަކުރެއްވިއެވެ. އެމްއޭސީއެލްއިން ކުރިން ލަފާކޮށްފައިވަނީ މިއަހަރުގެ އާ އަހަރު ފާހަގަކުރުމަށް އަންނަ ޖެޓްތަކުގެ އަދަދު ސަތޭކަ ތިރީހަށް އަރާނެކަމަށެވެ.

އާ އަހަރާ ދިމާކޮށް ރާއްޖެ އައި ޕްރައިވެޓް ޖެޓްތަކުގެ އަދަދު 140 އަށް އެރިއިރު، ޖުމްލަ ގޮތެއްގައި ކޮންމެ ދުވަހަކު 14 ޖެޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ވަނީ ޖައްސާފައެވެ. ކޮންމެ އަހަރެއްގެވެސް އާ އަހަރުގެ ޗުއްޓީއާ ޓޫރިޒަމް ސީޒަނާ ދިމާކޮށް ރާއްޖެ އަންނަ ޕްރައިވެޓް ޖެޓްތައް އިތުރުވެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާ ޖެޓްތަކުގެ އަދަދު މި ފަހަކަށް އައިސް އިތުރުވާން ފަށާފައިވަނީ، އެއަރޕޯޓުގެ ތަރައްޤީގެ މަސައްކަތްތަކުގެ ތެރެއިން ނޯތު އޭޕްރަންގެ މަސައްކަތް ނިމި އެތަން ބޭނުންކުރަން ފެށުމުންނެވެ. އެއަރޕޯޓްގައި ގިނަ ޢަދަދެއްގެ ޖެޓްތައް ޕާކްކުރުމުގެ އިންތިޒާމް ހަމަޖެހުމާއެކު މިދިޔަ އަހަރުގެ އާ އަހަރާ ދިމާކޮށް އެމްއޭސީއެލްއަށް ލިބުނު އާމްދަނީވެސް ވަނީ އިތުރުވެފައެވެ.