ވިޔަފާރި

ވަގުތަށް އެންމެ ފަރުވާތެރި އެއަރލައިންތަކާއި އެއަރޕޯޓުތައް


މިދިޔަ އަހަރުގެ ތަފާސް ހިސާބުތަކަށް ބެލުމަށްފަހު ވަގުތަށް އެންމެ ފަރުވާތެރި އެއަރލައިންތަކާއި އެއަރޕޯޓުތަކުގެ ލިސްޓެއް އެކުލަވާލައިފިއެވެ.

އިނގިރޭސިވިލާތުގެ އޯ.އޭ.ޖީ ކުންފުނިން ވަގުތަށް އެންމެ ފަރުވާތެރި އެއަރލައިންތަކާއި އެއަރޕޯޓުތަކުގެ ލިސްޓު އެކުލަވާލާފައިވަނީ، މިދިޔަ އަހަރު ތެރޭގައި އޮޕަރޭޓްކުރި 57 މިލިއަން ފްލައިޓްތަކުގެ ރެކޯޑްތަކަށް ބެލުމަށްފަހުގައެވެ. މިލިސްޓު އެކުލަވާލިއިރު ވަގުތަށް ފަރުވާތެރިވުންކަމަށް ބަލާފައިވަނީ، ފްލައިޓް ޖައްސަން ނުވަތަ ނައްޓާލަންޖެހޭ ވަގުތަށްވުރެ 15 މިނެޓަށްވުރެ ލަސްނުކޮށް، ނައްޓާލުން ނުވަތަ ޖެއްސުމެވެ.

މިގޮތުން އެކުލަވާލި ލިސްޓުން އެއްވަނަ ލިބެނީ ލެޓްވިއާގެ މައި އެއަރލައިން، އެއަރ ބެލްޓިކަށެވެ. 2017 ވަނަ އަހަރު އެއަރބެލްޓިކުން އޮޕަރޭޓްކުރި %90.01 ފްލައިޓް ވަނީ ވަގުތަށް ޖައްސާފައެވެ. ނުވަތަ ނައްޓާލާފައެވެ. ޔޫރަޕާއި އެމެރިކާ އަދި މެދުއިރުމަތީގެ 68 މަންޒިލަކަށް އެއަރ ބެލްޓިކް ދަތުރުކުރެއެވެ.

ވަގުތަށް އެންމެ ފަރުވާތެރި އެއަރލައިންތައް

1- އެއަރ ބެލްޓިކް ( ލެޓްވިއާ )

2- ހޮންގކޮންގ އެއަރލައިންސް ( ހޮންގކޮންގ)

3- ހަވާއިއަން އެއަރލައިންސް ( އެމެރިކާ )

4- ކޮޕަ އެއަރވޭސް ( ޕެނަމާ )

5- ކަންޓަސް އެއަރވޭސް ( އޮސްޓްރޭލިއާ )

6- ޖަޕާން އެއަރލައިންސް ( ޖަޕާނު )

7- ވުއެލިންގ އެއަރލައިންސް ( ސްޕެއިން )

8- ޖެޓް ސްޓަރ އޭޝިޔާ ( ސިންގަޕޯރ )

9- ސްކައި މާކް އެއަރލައިންސް ( ޖަޕާން )

10- އަޔަރލިންގަސް ( އަޔަރލަންޑް )

ވަގުތަށް އެންމެ ފަރުވާތެރި އެއަރލައިންތަކުގެ އިތުރުން، ވަގުތަށް އެންމެ ފަރުވާތެރި އެއަރޕޯޓުތަކުގެ ލިސްޓެއްވެސް އޯ.އޭ.ޖީން އެކުލަވާލިއެވެ. މިގޮތުން އެކުލަވާލި ލިސްޓަކީ، ކޮންމެ އަހަރަކު އެއަރޕޯޓުން ދަތުރުކުރާ ފަސިންޖަރުންގެ އަދަދަށް ބެލުމަށްފަހު އެކުލަވާލި ލިސްޓެކެވެ.

img:http://s3.psmnews.mv/images/660x400/15155041734811.jpg|ވަގުތަށް އެންމެ ފަރުވާތެރި އެއަރޕޯޓުގެ ގޮތުގައި ހޮވުނު ޖަޕާނުގެ ހަނޭޑާ އެއަރޕޯޓު، ނުވަތަ ޓޯކިޔޯ އިންޓަނޭޝަނަލް އެއަރޕޯޓު

އަހަރަކު 30 މިލިއަން ފަސިންޖަރުންނަށްވުރެ ގިނައިން ދަތުރުކުރާ އެއަރޕޯޓުތަކުގެ ތެރެއިން ވަގުތަށް އެންމެ ފަރުވާތެރި އެއަރޕޯޓަކަށް ހޮވިފައިވަނީ ޖަޕާނުގެ ޓޯކިޔޯގެ ހަނޭޑާ އެއަރޕޯޓެވެ. މިއީ މިލިސްޓުގެ އެއްވަނަ ހަނޭޑާ އެއަރޕޯޓުން ވިދިވިދިގެން ހޯދި 3 ވަނަ ފަހަރެވެ.

އަހަރަކު 20 މިލިއަނާއި 30 މިލިއަނާއި ދެމެދުގެ އަދަދަކަށް ފަސިންޖަރުން ދަތުރުކުރާ އެއަރޕޯޓުތަކުގެ ތެރެއިން އެއްވަނަ ހޯދީ، އެމެރިކާގެ އެމް.އެސް.ޕީ އެއަރޕޯޓެވެ.

އަހަރަކު 10 މިލިއަނާއި 20 މިލިއަނާއި ދެމެދުގެ އަދަދަކަށް ފަސިންޖަރުން ދަތުރުކުރާ އެއަރޕޯޓުތަކުގެ ތެރެއިން އެއްވަނަ ހޯދީ، ޖަޕާނުގެ އޮސާކާ އެއަރޕޯޓެވެ.

5 މިލިއަނާއި 10 މިލިއަނާއި ދެމެދުގެ އަދަދަކަށް ފަސިންޖަރުން ދަތުރުކުރާ އެއަރޕޯޓުތަކުގެ ތެރެއިން އެއްވަނަ ލިބުނީ އިނގިރޭސިވިލާތުގެ ބާމިންގހަމް އެއަރޕޯޓަށެވެ. 2.5 މިލިއަނާއި 5 މިލިއަނާއި ދެމެދުގެ އަދަދަކަށް ފަސިންޖަރުން ދަތުރުކުރާ އެއަރޕޯޓުތަކުގެ ތެރެއިން އެއްވަނަ ލިބުނީ ސްޕެއިންގެ ޓެނެރިފްއަށެވެ.

ވަގުތަށް ފަރުވާތެރިވުމުގައި އެއަރލައިންތަކުން މިދިޔަ އަހަރު ކުރިއެރުންތަކެއް ހޯދިއިރު، ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުންވެސް މިދިޔަ އަހަރަކީ އޭވިއޭޝަން ޞިނާޢަތުގައި ފާހަގަކޮށްލެވޭ އަހަރެކެވެ. މިގޮތުން ކޮމާޝަލް އެއްވެސް ފްލައިޓަކަށް ނުރައްކާތެރި ހާދިސާއެއް ދިމާވެފައެއް ނުވެއެވެ.