ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޤުރުއާން ހިތުދަސްކޮށްދޭ ޚާއްސަ ޕްރޮގްރާމުގައި ލޯފަން ކުދިންނާއި ޚާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ބައިވެރިވެވޭނެ ގޮތަށް ހަމަޖައްސައިފިއެވެ.
މިކަމާއި ގުޅޭގޮތުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޤުރުއާން ހިތުދަސްކޮށްދޭ ޚާއްސަ ޕްރޮގްރާމަށް މިހާތަނަށް ސަތޭކަ ތޭރަ ފަރާތަކުން ކުރިމަތިލާފަވާކަމަށެވެ. އަދި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ލޯފަން ކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ބައިވެރިވެވޭނެކަމަށް އެނާ ވިދާޅުވިއެވެ. މީގެ އިތުރުން ޕްރޮގްރާމްގައި ބައިވެރިވާ އެހެން ފަރާތްތަކަށް ފަންސާސް ޕަސެންޓްގެ ޑިސްކައުންޓް ދިނުމަށް އިސްލާމިކް ޔުނިވަރސިޓީން ވަނީ ނިންމާފައެވެ.
ތިން އަހަރުން ގުރުޢާން ހިތުދަސްކޮށްދޭ މި ޕްރޮގްރާމަކީ ހާފިޒްކަމުގެ ސަނަދަށްފަހު އެ ދާއިރާގެ ޑިގްރީ ޕްރޮގްރާމަށް ވަދެވޭގޮތަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެއް ކަމަށާއި، ހާފިޒް ކަމުގެ ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ހިފްޒުގެ ބައިތައް ތިން އަހަރަށް ބަހާލައިގެން ކަމަށް އިސްލާމިކް ޔުނިވަރސިޓީން ބުނެއެވެ. އަދި ތަޖުވީދު ޢިލްމާއި ޢަރަބި ބަހާއި ފިގުހުގެ ބައިތައް ހިމަނާފައިވާނެ ކަމަށާއި ކޯސް ފުރިހަމަ ކުރާ ފަރާތްތަކަށް އިމާމުވެ ތަރާވީޚް ނަމާދު ކުރުމުގެ ހުއްދަ ލިބޭނެކަމަށް އިސްލާމީ ޔުނިވަރސިޓީން ބުނެއެވެ.