މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ގިނަ ރަށްރަށުގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ދާއިރު މުހިއްމު ބޮޑެތި ރަށްރަށުގެ މަގު ހެދުމުގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ. މަސައްކަތް ކުރިއަށް ދާ ބޮޑެތި ރަށްރަށުގެ ތެރެއިން އެމްއާރުޑީސީން މިވަގުތު އެންމެ ބާރަށް މަސައްކަތް ކުރަމުންދާ އެއްރަށަކީ ހދ. ކުޅުދުއްފުށީގެ މަސައްކަތެވެ. ކުޅުދުއްފުށީގެ އަށާރަ މަގެއްގެ ތާރު އަޅާ ޒަމާނީ ފެންވަރަށް ހެދުމަށް ނިންމާފައިވާއިރު، އޭގެ ތެރެއިން ހަތް މަގުގެ މަސައްކަތް މިހާރު ވަނީ ނިންމާފައެވެ.
ބާރަ ހާހަށްވުރެ ބޮޑު އާބާދީއެއް އޮންނަ ކުޅުދުއްފުށީ މަގުތަކުގައި ތާރު އަޅަން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ އެއްތިރީސް ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން ފަހެއް ޕޮއިންޓް އަށެއް ކިލޯމީޓަރުގައި ތާރުއެޅުމަށް ހަމަޖެހިފައިވާކަމަށް އެމްއާރްޑީސީން މަޢުލޫމާތުދެއެވެ. އެހެންކަމުން މިމަގުތައް ހަދާ ނިމުމުން ރައްޔިތުންނަށް ހިނގާބިނގާވެ އުޅުމަށާއި، ވެހިކަލް ދުއްވުމުގައި ލުއި ފަސޭހަ ވެގެންދާނެ ކަމަށް ބެލެވެއެވެ. ޚާއްޞަކޮށް ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމުގައިވާ ވިއްސާރަ މޫސުމުގައި މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.
ކުޅުދުއްފުށީގެ މަގު ހެދުމުގެ މަޝްރޫއާ ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްއާރުޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު މަމްދޫޙު ވިދާޅުވީ، ކުޅުދުއްފުށީގެ ހަތް މަގެއްގައި ތާރުއަޅާ ނިމިފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ އެރަށުގެ މަގުތަކުގެ ސައިޑު ވޯކުގެ މަސައްކަތް ކަމަށެވެ. މަމްދޫހު ވިދާޅުވީ ކުޅުދުއްފުށީގެ މަގުތައް ހަދަމުންދާއިރު، އެރަށުގެ ރައްޔިތުންގެ ފަރާތުން ބައެއް ކަންބޮޑުވުންތައް އެމްއާރުޑީސީއާ ޙިއްސާކޮށްފައިވާ ކަމަށާއި، އެކުންފުނިން ރައްޔިތުންގެ ކަންބޮޑުވުންތައް ހައުސިންގ މިނިސްޓްރީއާ ހިއްސާކޮށް އެކަންކަން ހައްލުކުރަމުން ކަމަށެވެ.
"ދެން މިހާރު އަޅުގަނޑަކަށް އެއްވެސް ވަރަކަށް ކުޅުދުއްފުށީގެ މަސައްކަތަށް އެއްވެސް މައްސަލައެއް އައިސްފައެއް ނެތް. ދެން ތި ފާހަގަކުރެއްވި ގޮތަށް އެއްވެސް އިޝޫއެއް ނޫޅޭނެ އެންމެ ދެ މަގެއްގެ މަސައްކަތް ފިޔަވާ. ދެން އެ މަގުތަކުގެ ސްކޯޕަށް އައި ބަދަލަކާއެކު އަޅުގަނޑުމެން ހައުސިންގ މިނސްޓްރީއާ ދަނީ މަޝްވަރާކުރަމުން." އަޙުމަދު މަމްދޫޙު ވިދާޅުވިއެވެ.
ކުޅުދުއްފުށީ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫޢުއަށް ފަސްދޮޅަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާއިރު، މަގުތައް ހަދާ ނިމުމުން އެރަށަށް ބޮޑުބަދަލެއް އަންނާނެކަމަށް ސަރުކާރުން ލަފާކުރެއެވެ. އެމްއާރްޑީސީން މަޢުލޫމާތުދޭ ގޮތުގައި ވިއްސާރަވުމުގެ ސަބަބުން މަގު ހެދުމުގެ މަސައްކަތް ތާވަލްކުރި ގޮތަށް ކުރިއަށް ނުގެންދެވުނު ނަމަވެސް އެކުންފުނިން ދަނީ ކުޅުދުއްފުށީ މަގުހެދުމުގެ މަޝްރޫޢު މިއަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ނިންމާލުމަށް މަސައްކަތް ކުރަމުންނެވެ. ކުޅުދުއްފުށީގެ އިތުރުންވެސް އެމްއާރްޑީސީންދަނީ އިތުރު ސާދަ ރަށެއްގެ މަގުހެދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މީގެ ތެރެއިން ގިނަ ރަށްރަށުގެ މަގު ހެދުމުގެ މަސައްކަތް މިއަހަރު ނިމުގެ ކުރިން ނިންމާލެވޭނެކަމަށްވެސް އެކުންފުނިން ބުނެއެވެ.