ހުސްވި ޑިސެމްބަރުމަސް ނިމުނުއިރު، މަރުކަޒީ ބޭންކްގެ ރިޒާވަށް %10.8 ކުރިއެރުމެއް ލިބިއްޖެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ޢާއްމުކޮށްފައިވާ ޑިސެމްބަރުމަހުގެ މާލީބަޔާނަށް ބަލާއިރު، 2017ވަނަ އަހަރު ނިމުނުއިރު، އެ ބޭންކްގެ ރިޒާވް ވަނީ، 387.4 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
ޑިސެމްބަރުމަހު އެމްއެމްއޭ ރިޒާވަށް ވަނީ، 30 މިލިއަނަށްވުރެ ގިނަ ރުފިޔާ އިތުރުވެފައެވެ.
އެމްއެމްއޭގެ މާލީބަޔާނަށް ބަލާއިރު، ހުސްވިއަހަރުގެ ނޮވެމްބަރުމަސް ނިމުނުއިރު އެ ބޭންކްގެ ރިޒާވް ހުރީ 349.3 މިލިއަން ރުފިޔާގައެވެ.
މިދިޔަ އަހަރު ނިމުނުއިރު އެމްއެމްއޭގެ ރިޒާވް 387.4 މިލިއަން ރުފިޔާއަށް އަރާއިރު، އޭގެ ކުރީ 2016ވަނަ އަހަރު ނިމުނުއިރު އެ ބޭންކްގެ ރިޒާވް ހުރީ، 231.3 މިލިއަން ރުފިޔާގައެވެ.
ޑިސެމްބަރުމަސް ނިމުނުއިރު، އެމްއެމްއޭ ރިޒާވް އިތުރުވެފައިވާއިރު، ދައުލަތުގެ ރިޒާވްއާ ބެހޭގޮތުން އެ ބޭންކުން މީގެކުރިން ބުނެފައިވަނީ، މިދިޔަ އަހަރު ދައުލަތުގެ ރިޒާވް 480.1 މިލިއަން ޑޮލަރަށް އިތުރުވާނެކަމަށް ލަފާކުރެވޭކަމަށެވެ.
އަދި މިހިނގާ 2018 ވަނަ އަހަރު ނިމޭއިރު، މި އަދަދު 593.6 މިލިއަން ޑޮލަރަށް އިތުރުވާނެކަމަށްވެސް އެއޮތޯރިޓީން ވަނީ ލަފާކޮށްފައެވެ.