ދުނިޔެ

އިމްތިޚާނުގައި ބައިވެރިވި ހުރިހާ ދަރިވަރުންނަށް "ސުމެއް"


މިސްރުގެ ޔުނިވަރސިޓީއެއްގައި ޑޮކްޓަރުކަން ކިޔަވަމުންދާ 1200 އެއްހާ ދަރިވަރުން ބައިވެރިވި އިމްތިޚާނަކުން ހުރިހާ ދަރިވަރުންނަށް "ސުމެއް" ލިބިއްޖެއެވެ.

މިސްރުގެ މަންސޫރާ ޔުނިވަރސިޓީގައި ކިޔަވަމުންދިޔަ 1200 އެއްހާ ދަރިވަރުންނަށް ސުމެއް ލިބުނީ "ސާޖަރީ" ޓެސްޓަކުންނެވެ. މިކަން ހިނގަން މެދުވެރިވީ "ސާޖަރީ" ޓެސްޓު ހެދުމަށް ހާޒިރުވި ދަރިވަރުން، ޓެސްޓު ހެދުމަށް ދެކޮޅު ހަދާ، އިމްތިޚާނު ހޯލުން ނިކުތުމުންނެވެ.

ދަރިވަރުން ޝަކުވާ ކުރަމުންދިޔައީ، ޓެސްޓުގައި ހިމަނާފައިވާ ސުވާލުތައް މާ އުނދަގޫކަމަށް ބުނެއެވެ. އަދި ޓެސްޓު ޕޭޕަރު އަލުން ތައްޔާރުކުރުމަށް ދަރިވަރުން ގޮވާލިއެވެ. ނަމަވެސް މަންސޫރާ ޔުނިވަރސިޓީންނާއި މިސްރުގެ މަތީ ތަޢުލީމާ ބެހޭ މިނިސްޓްރީންވެސް މިކަމަށް ދެކޮޅު ހެދިއެވެ.

މިމައްސަލަ ބެލުމަށް ނެގި ކޮމިޓީގެ ރިޕޯޓްގައިވާ ގޮތުން ދަރިވަރުންނަށް ދިން ޓެސްޓު ޕޭޕަރު އެހެން 3 ޔުނިވަރސިޓީއަކަށާއި ތަޖުރިބާކާރުންނަށްވެސް ދައްކާފައިވެއެވެ. އަދި ދަރިވަރުންނަށް ދިން ޓެސްޓަކީ ފެންވަރުގެ ގޮތުންވެސް ރަނގަޅު، އަދި ޖަވާބު ދިނުމަށްވެސް އުނދަގޫ ނޫން ޓެސްޓު ޕޭޕަރެއްކަމަށް އެފަރާތްތަކުންވެސް ބުނެފައިވާކަމަށް ރިޕޯޓުގައިވެއެވެ.

މައްސަލަ ބެލި ކޮމިޓީން ނިންމީ، ދަރިވަރުން ޓެސްޓު ހެދުމަށް ދެކޮޅު ހަދާފައިވަނީ ޤަބޫލުކުރެވޭފަދަ އުޒުރެއް ދެއްކުމަކާނުލާކަމަށާއި، އެހެން ކަމުން ހުރިހާ ކުދިން ޓެސްޓުން ފެއިލްވެފައިވާކަމަށެވެ.