ވިޔަފާރި

އިމްޕޯޓް އެކްސްޕޯޓް އިތުރުވެ ދައުލަތުގެ އާމްދަނީ މައްޗަށް


މިިދިޔަ މަހު އިމްޕޯޓް އެކްސްޕޯޓް އިތުރުވެ ދައުލަތަށް ލިބުނު އާމްދަނީ 286 މިލިއަން ރުފިޔާއަށް އަރައިފިއެވެ. މީ 2016ވަނަ އަހަރުގެ ޑިސެމްބަރު މަހާއި އަޅާ ބަލާއިރު އަށެއް އިންސައްތަ ކުރިއެރުމެކެވެ. 2016 ވަނަ އަހަރުގެ ޑިސެމްބަރުމަހު އިމްޕޯޓު އެކްސްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 265 މިލިއަން ރުފިޔާއެވެ.

ކަސްޓަމްސްއިން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި ޑިސެމްބަރު މަހު ރާއްޖެއަށް އިމްޕޯޓު ކުރެވުނު މުދަލުގެ އަގު 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު 10 އިންސައްތަ ވަނީ އިތުރުވެފައެވެ. 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖެއަށް 3.3 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު މިިދިޔަ ޑިސެމްބަރުމަހު މިޢަދަދުވަނީ 3.7 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އިމްޕޯޓްކުރި މުދަލުގެ އަގުގެގޮތުން 14 އިންސައްތަ މުދާ ރާއްޖެއަށް އެތެރެކޮށްފައިވަނީ ޔޫ.އޭ.އީ އަދި ސިންގަޕޫރުންނެވެ. އިންޑިއާ، ޗައިނާ އަދި މެލޭޝިއާއިން ރާއްޖެ އެތެރެކުރި މުދަލުގެ ނިސްބަތް އުޅެނީ %10 ގައެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުން 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖެއިން މަހުގެ ބާވަތްތައް އެކްސްޕޯޓު ކުރި މިންވަރު ވަނީ މިދިޔަ ޑިސެމްބަރު މަހާ އަޅާބަލާއިރު 96 އިންސައްތަ އިތުރުވެފައެވެ.

2016 ވަނަ އަހަރުގެ ޑިސެމްބަރު މަހު 200 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވާއިރު 2017 ވަނައަހަރުގެ މި މުއްދަތުގައި މިޢަދަދު ވަނީ 391 މިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައެވެ. ރާއްޖެއިން މައިގަނޑުގޮތެއްގައި އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތައްކަމަށްވާއިރު މިދިޔަ ޑިސެމްބަރމަހު އެކްސްޕޯޓްކުރި މުދަލުގެ %61 އެކްސްޕޯޓްކޮށްފައިވަނީ ތައިލެންޑަށެވެ. 8.3 އިންސައްތަ އެކްސްޕޯޓްކޮށްފައިވަނީ އެމެރިކާ އަށެވެ. އަދި ޖަރުމަން ވިލާތަށް 6.1 އިންސައްތަ އެކްސްޕޯޓްކޮށްފައިވާއިރު، ފްރާންސަށް 5.1 އިންސައްތަ އެކްސްޕޯޓްކޮށްފައިވެއެވެ.