ޚަބަރު

"ރައީސް ޔާމީންގެ އިޤްތިސާދީ ސިޔާސަތު ޤައުމުތަކުން ބަލައިގަނޭ"


އެނބޫދޫ ލެގޫން ފަދަ ބިޔަ މަޝްރޫޢުތަކުން ފެނިގެންދަނީ ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އިޤްތިޞާދީ ސިޔާސަތު ބައިނަލްއަޤުވާމީ ފަރާތްތަކުން ބަލައިގަންނަ މިންވަރު ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. އިކޮނިމިކް މިނިސްޓަރ މިހެން ވިދާޅުވީ އެނބޫދޫ މަޝްރޫޢުގައި ރީޓެއިލްކޮށް ނުވަތަ ވަކިވަކިން އިންވެސްޓު ކުރުމަށް ހުރި ފުރުސަތުތަކާބެހޭ މަޢުުލޫމާތު ދިނުމަށް ނެޝަނަލް އާރޓް ގެލަރީގައި ބޭއްވި ރަސްމިއްޔާތުގަ ވާހަކަ ދައްކަވަމުންނެވެ. 

ޕީއެސްއެމް ނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވީ، ރައީސް ޢަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތުމަށްފަހު ރާއްޖޭގެ އިޤްތިޞާދު އެހެން ހަރުފަތަކަށް ގެންދިއުމަށް ކުރެއްވި މަސައްކަތްޕުޅުގެ ނަތީޖާ މިއަދު ފެންނަމުންދާކަމަށެވެ. އެއް ބިލިއަން ޑޮލަރުގެ އެނބޫދޫ މަޝްރޫޢަކީ ރާއްޖޭގެ ޓޫރިޒަމް ތާރީޚުގައި ކުރިއަށްގެންދާ އެންމެ އަގު ބޮޑު މަޝްރޫޢުކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ރައްޖޭގައި ބޮޑެތި އިންވެސްޓްމަންޓްތަކަށް މުސްތަޤްބަލު އެބައޮތްކަން މިފަދަ މަޝްރޫޢުތަކުން އެނގިގެންދާކަމަށެވެ.



"މިއަދު ސިންހާ އެސްޓޭޓް ޕްރޮޖެކްޓުން މި ދައްކަދިނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް އައިސް އިންވެސްޓްކުރުމަށް ބޭނުންވާ އިންޓަރނޭޝަނަލް ފްރެންޗައިސް ނުވަތަ ބްރޭންޑްތައް. އެހެންވީމަ ކުރުގޮތަކަށް ދަންނަވަންޏާ، މި ދޭހަވަނީ ދިވެހިރާއްޖެ އާމެދު ބައިނަލްއަޤްވާމީ ދުނިޔޭގައި މިވަގުތު އޮތް އިންވެސްޓަރ ކޮންފިޑެންސް" އިކޮނޮމިކް މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ. 



މިނިސްޓަރު ސައީދު ވިދާޅުވީ، މިއީ ދިވެހިރާއްޖޭގައި އިންވެސްޓްކުރުމަށް އެންމެ މުނާސަބު ވަގުތުކަމަށެވެ. އަދި މި ދަނޑިވަޅުގައި ޤައުމުތަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް އެކުލަވާލުމަށް މަސައްކަތް ކުރަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ރާއްޖޭގެ އިޤްތިޞާދު އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި ސަރުކާރުން މި ވަގުތު ކުރަމުންދާ އެންމެ މުހިންމު މަސައްކަތަކީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތެވެ. އެއް ބިލިއަން ރުފިޔާގެ މިމަޝްރޫޢުގެ ސަބަބުން ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އިޤްތިޞާދު އިތުރަށް ކުރިއަރާނެކަމަށް ސަރުކާރުން ލަފާކުރެއެވެ.