މަތީ ތަޢުލީމްގެ ފުރުސަތުތައް ހޯދައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ދާދިފަހުން ސޮއިކުރި ބޭރުގެ ހަތަރު ޔުނިވަރސިޓީގެ ކޯސްތައް މިމަހުގެ ތެރޭގައި ޢިއުލާން ކުރާނެކަަމަށް ޑިޕާރޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަނުން ބުނެފިއެވެ.
މިޔުނިވަރސިޓީ ތަކުގެ ތެރޭގައި ހިމެނެނީ މެލޭޝިޔާގެ ޔޫ.ސީ.އެސް.އައި ޔުނިވަރސިޓީއާއި މެނޭޖްމަންޓް އެންޑް ސައިންސް ޔުނިވަރސިޓީއާއި އިންޑިއާގެ ލަވްލީ ޕްރޮފެޝަނަލް ޔުނިވަރސިޓީއާއި ސްރީލަންކާގެ އީސޮފްޓް މެޓްރޯ ކެމްޕަސް ޕްރައިވެޓް ލިމިޓެޑްގެ ކޯސްތަކެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.ޢަބްދުﷲ ނަޒީރު ވިދާޅުވީ ބޭރުގެ ޔުނިވަރސިޓީތަކާއެކު އެއްބަސްވުންތައް އެކުލަވާލުމުގެ ބޭނުމަކީ ބޭރުގެ ޔުނިވަރސިޓީތަކަށް ކުރަމުންދާ ޚަރަދުގެ 50 އިންސައްތަ ކުޑަކުރުން ކަމަށެވެ. ސަރުކާރުގެ މެނިފެސްޓޯގައި މަތީ ތަޢުލީމްގެ ފުރުޞަތުތައް ހޯދައިދިނުމަށް ހިމަނާފައިވާއިރު އޭލެވެލް ތިން މާއްދާ އިން ފާސްވާ ނުވަތަ ޔުނިވަރސިޓީއަށް ވަނުމުގެ ޝަރުތު ހަމަވާ ހުރިހާ ކުދިންނަށް އެފުރުޞަތު ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރާކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ނަޒީރު ވިދާޅުވީ މި ޔުނިވަރސިޓީތަކުން ރާއްޖެއަށް ޚާއްސަ ފުރުސަތު ތަކެއްދީ، ކަނޑައެޅޭ ދާއިރާ ރިޒާވްކުރުމުގެ ފުރުޞަތު ލިބިގެންދާނެކެމަށެވެ. އަދި މިހާރުވެސް ރާއްޖެއަށް މަތީ ތަޢުލީމްގެ ފުރުޞަތުތައް ހޯދުމަށް މަސައްކަތް ކުރާކަން ފާހަގަކުރައްވާ ސްޓޭޓް މިނިސްޓަރ ވިދާޅުވީ ކުރިއަށްއޮތް ދުވަސްތަކުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީތަކާއި ކޮލެޖްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކުރާނެކަމަށެވެ.
"ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ރާއްޖެއިން ބޭރުންނާއި ރާއްޖޭގައިވެސް ކޮލެޖް ޔުނިވަރސިޓީ ތަކާއެކު އެއްބަސްވާނެ. މެލޭޝިއާގެ ޔުނިވަރސިޓިންވެސް ރާއްޖެއަށް ޚާއްސަ ކްރައިޓީރިއާގެ ތެރެއިން ކަނޑައެޅޭ ދާއިރާގެ ތެރެއިން ރިޒާވްކުރުމުގައި ފުރުޞަތުތަކެއް ލިބޭނެ. އަންނަ މަހު އެމްބީބީއެސްގެ ކަނޑައެޅޭ ސީޓްތަކެއް ރާއްޖެއަށް ރިޒާވްވެގެންދާނެ. ސްރީލަންކާގެ ޔުނިވަރސިޓީއަކުންވެސް 10 ސީޓް ރިޒާވްކޮށް ސްކޮލަރޝިޕްތަކެއް ލިބިގެންދާނެ. އިންޑިއާގެ ޔުނިވަރސިޓިންވެސް އެމްބީބީއެސް ކިޔެވުމުގެ ފުރުޞަތުތަކެއް ލިބިގެންދާނެ" ޑރ.އަބްދުﷲ ނަޒީރު ވިދާޅުވިއެވެ.
މެލޭޝިޔާގެ ހަޔަރ އެޑިއުކޭޝަންގެ ވަފްދެއް މިމަހުގެ ފަހުކޮޅު ރާއްޖެއަށް އައުމަށްވަނީ ހަމަޖެހިފައެވެ. އަދި މި ދަތުރަށްފަހު އިތުރު ޔުނިވަރސިޓީތަކާއެކު ވާހަކަ ދައްކައި މަތީ ތަޢުލީމްގެ އިތުރު ފުރުޞަތުތައް ރާއްޖެއަށް ލިބިގެންދާނެކަމަށް ހަޔަރ އެޑިއުކޭޝަނުން ލަފާކުރެއެވެ.