ޚަބަރު

އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލުގެ އަގުބޮޑުކޮށްފި


ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، އެސްޓީއޯއިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު ބޮޑުކޮށްފިއެވެ. އެސްޓީއޯއިން ބުނީ މިއަދުން ފެށިގެން ޑީސަލް ލީޓަރަކުން 80 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 54 ލާރި ވަނީ ބޮޑުކޮށްފައެވެ. މި ބަދަލާއި އެކު ޑީސަލް ލީޓަރެއް ގަންނަން ލިބޭނީ 10 ރުފިޔާ 41 ލާރިއަށެވެ. ޕެޓްރޯލް ލީޓަރެއް ގަންނަން ލިބޭނީ 10 ރުފިޔާ 41 ލާރިއަށެވެ.

އެސްޓީއޯއިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގަށް ބަދަލު އައިސްފައިމިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިއުމާއި ގުޅިގެންކަމަށް އެކުންފުނިން ބުނެއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ މިއިން ދުވަހަކުވެސް ނުއުފުލޭވަރަށް އުފުލިފައެވެ. 2014 ވަނަ އަހަރަށްފަހު ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 70 ޑޮލަރަށްވުރެ މައްޗަށް އަރާފައެވެ.

ތެލުގެ އަގު އުފުލެމުންދާ ސަބަބުތަކުގެ ތެރޭގައި އޯޕެކްގެ ޤައުމުތަކުން ތެޔޮ ނަގާ މިންވަރު ކޮންޓްރޯލްކުރުމާއި، ތެލަށް އޮތް ޑިމާންޑް ބޮޑުވުމުން ހިމެނެއެވެ. މީގެ އިތުރުން ރައްކާކޮށްފައި ހުރި ތެލުގެ ސްޓޮކްތައް ބާރު ސްޕީޑެއްގައި މަދުވަމުންދިއުމަކީވެސް ތެލުގެ އަގު ބޮޑުވުމަށް ދިމާވާ ސަބަބެކެވެ. މީގެ އިތުރުން ތެލުގެ މުއްސަނދިކަން ލިބިފައިވާ ސަރަޙައްދުތަކުގައި ހިނގާ ހަމަނުޖެހުންތަކުގެ ސަބަބުން ތެޔޮ ނަގާ މިންވަރަށްވެސް އަސަރުކުރާކަމަށް ތަޖުރިބާކާރުން ދެކެއެވެ.