ދުނިޔެ

މިމަހުގެ 31 ވަނަދުވަހުގެރޭ ހަނދު ވަރަށް ތަފާތުވާނެ


މިމަހުގެ 31 ވަނަ ދުވަހުގެރޭ އުޑުމަތި ބަލާލުމުން ވަރަށް ތަފާތު، އަދަޔާ ޚިލާފު މަންޒަރެއް ފެނިގެންދާނެއެވެ. އެރޭގެ ހަނދު އެހެން ރޭތަކާ ތަފާތު ވާނެއެވެ. މިއިން ދުވަހަކުވެސް ނުފެންނަ ވަރުގެ ހަނދެއް ފެންނާނެއެވެ.

ތަފާތު ކަންތައްތަކެއް އެރޭ އުޑުމަތިން ފެންނައިރު، ފުރަތަމަ ކަމަކީ ފުރިހަމަ ހަނދުކޭތައެއް ހިފުމެވެ. މިހަނދުކޭތަ ޕެސިފިކް، އިރުމަތީ އޭޝިޔާ އަދި ދެކުނު އެމެރިކާގެ ހުޅަނގުގެ ސަރަޙައްދުތަކަށް ފުރިހަމަކޮށް ފެންނާނެއެވެ. އަދި އިރުގެ އަލި، ދުނިޔޭގެ އެޓްމޮސްފިޔާގެ ފަށަލަތަކުގެ ތެރެއިން ހަނދަށް އެޅިފައި ހުންނައިރު ފެންނަނީ އޮރެންޖު ނުވަތަ ރަތް ކުލައަކުންނެވެ. ބްލަޑް މޫން ކިޔަނީ މިފަދަ ހާލަތްތަކުގައެވެ.

img:http://s2.psmnews.mv/images/660x400/15161793372025.jpg|ފުރިހަމަ ހަނދުކޭތައެއް ހިފާފައި / މިމަހުގެ 31 ވަނަ ދުވަހުގެރޭ ފުރިހަމަ ހަނދުކޭތައެއް ހިފާނެ

މީގެ އިތުރުން އެރޭ ހަނދުކޭތަ ހިފާއިރު ހަނދު ހުންނާނީ ފުރިހަމަވެފައެވެ. ނުވަތަ ފުލް މޫންއެކެވެ. މިއީ މިމަހުގެ ދެވަނަ ފުލް މޫންއެވެ. މަހެއްގައި ދެވަނަ ފަހަރަށް އަންނަ ފުލް މޫންއަށް ބުލޫ މޫންވެސް ކިޔައެވެ.

ދުނިޔެ ވަށައިގެން ހަނދު ދައުރުވާ ގޮތަށް ބަލާއިރު، ފުރިހަމަ ހަނދެއްގައި، ހަނދުކޭތަ އެރޭ ހިފާއިރު، ހަނދު އެވަގުތު ހުންނަނީ ދުނިޔެއާ އެންމެ ކައިރިއަށް އާދެވޭނެ ހިސާބުގައެވެ. އެހެން ކަމުން އެއީ ސުޕަރ މޫނެއްވެސް މެއެވެ.

ސައިންސްވެރިން ބުނާގޮތުން މިއީ މިދިޔަ 150 އަހަރުތެރޭގައިވެސް ނުހިނގާކަމެކެވެ. ބައެއް ސައިންސްވެރިން ބުނާގޮތުން ނަމަ މިއީ "ސުޕަރ ބުލޫ ބްލަޑް މޫން އިކްޕިލްސް"އެކެވެ.