މިދިޔަ އަހަރުގެ ނޮވެމެމްބަރު މަހާ އަޅާ ބަލާއިރު ޑިސެމްބަރު މަހުގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތައް ރިޕޯޓް ކޮށްފައިވާ މިންވަރު މަދުކަމަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމެލީ އިން ހާމަކޮށްފިއެވެ. މިދިޔަ ނޮވެމްބަރު މަހު 124 މައްސަލަ ހުށައެޅިއިރު ޑިސެމްބަރު މަހު ހުށަހަޅާފައިވަނީ 87 މައްސަލައެވެ.
ފާއިތުވި ޑިސެމްބަރު މަހު ޖެންޑަރ މިނިސްޓްރީއަށް ވަނީ 203 މައްސަލައެއް ހުށައަޅާފައެވެ. އެމިނިސްޓްރީން ޢާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ 87 މައްސަލަ ހުށައަޅާފައިވާއިރު މިއީ ޖެންޑަރ މިނިސްޓްރީއަށް މިދިޔަ މަހު ހުށައެޅި މައްސަލަތަކުގެ ސާޅީސް ތިނެއް އިންސައްތަކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
ކުޑަކުދިންނަށްކުރާ އެކި ބާވަތުގެ އަނިޔާތަކުގެ ތެރޭގައި މިދިޔަ މަހު އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ޖިންސީ ހާނިއްކައިގެ މައްސަލަތަކެވެ. ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ ތެރެއިން ޖިންސީ ހާނިއްކައިގެ 29 މައްސަލައާއި ޖިސްމާނީ ހާނިއްކައިގެ 27 މައްސަލައެއް މިނިސްޓްރީއަށް ހުށައަޅާފައިވާއިރު އިހުމާލުވުމުގެ 13 މައްސަލައާއި ނަފްސާނީ ހާނިއްކައިގެ 10 މައްސަލައިގެ އިތުރުން، ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ 5 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.
ކުށް ކުރާ ކުޑަކުދިންގެ މައްސަލަތަކަށް ބަލާއިރު މިދިޔަ މަހު އެފަދަ 10މައްސަލައެއް މިނިސްޓްރީއަށްވަނީ ހުށަހަޅާފައެވެ. މީގެ ތެރޭގައި ވައްކަން ކުރުމާއި މަސްތުވާތަކެތީގެ މައްސަލަތައް ވަނީ ރިޕޯޓުކޮށްފައިވެއެވެ. އަޚުލާގީ 7 މައްސަލައެއް ހުށައަޅާފައިވާއިރު މީގެ ތެރޭގައި ގެއިން ނިކުމެގެން ދިޔުމުގެ 5 މައްސަލައާއި ރުޅި އިސްކުރުމާއި، ގަދަވުމުގެ މައްސަލައަކާއި ސްކޫލަށް ދާން ބޭނުން ނުވުމުގެ މައްސަލައެއް ވަނީ ހުށައަޅާފައެވެ.
މިނިސްޓްރީއަށް ހުށައަޅާފައިވާ ކުޑަކުދިންގެ މައްސަލަތަކުގެ ތެރޭގައި ޙައްޤުތަކުން އެކުދިން މަޙުރޫމް ކުރުމުގެ 8 މައްސަލައެއްވެސް ހިމެނެއެވެ.
ތަޢުލީމަށް ހުރަސްއެޅުމުގެ 5 މައްސަލައަކާއި ޞިއްޙީ ފަރުވާއަށް ހުރަސްއެލުމުގެ އެއް މައްސަލަ ހުށަހަޅާފައިވެއެވެ. މީގެ އިތުރުން އުފަންވުން ރަޖިސްޓްރީ ނުކުރުމާބެހޭ މައްސަލައަކާއި އައި.ޑީ.ކާޑާއި ޕާސްޕޯޓާއި އުފަންދުވަހުގެ ސެޓުފިކެޓު ނުހެއްދުމުގެ އެއް މައްސަލަވެސްވަނީ މިނިސްޓްރީއަށް ރިޕޯޓު ކޮށްފައެވެ.
މިދިޔަ މަހު މިނިސްޓްރީއަށް ހުށައަޅާފައިވާ ޢާއިލީ މައްސަލަތަކަށް ބަލާއިރު 38 މައްސަލައެއް ވަނީ ހުށައަޅާފައެވެ. އޭގެ ތެރޭގައި ޙަޟާނާ ނުވަތަ ކުދިންނާބައްދަލުނުކުރެވޭ 20 މައްސަލައަކާއި ކުދިން ބެލުމުގައި ދިމާވާ 11 މައްސަލައެއްގެތެރެއިން ދަރިންގެ ޚަރަދު ދިނުމުގައިދިމާވާ 7 މައްސަލައެއްވެސް ވަނީ މިނިސްޓްރީއަށް ހުށައަޅަފައެވެ.
ޑިސެމްބަރު މަހުގެ ތެރޭގައި ހުށައެޅި މައްސަލަތަކުގެ، 19 އިންސައްތަ މައްސަލައަކީ ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އާއި ގެވެށި އަނިޔާގެ މައްސަލަތަކެވެ. އެއީ މިބާވަތުގެ 38 މައްސަލައެވެ. ޖެންޑަރ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތަކެވެ.
މިފަދަ 20 މައްސަލައެއް ހުށައެޅާފައިވާއިރު 9 މައްސަލައަކީ ނަފްސާނީ އަނިޔާގެ މައްސަލަތަކެވެ. މީގެ އިތުރުން މިބާވަތުގެ މައްސަލަތަކުގެ ތެރޭގައި ބާރާއި ނުފޫޒް ފޯރުވުމުގެ 6 މައްސަލައަކާއި ބިރު ދެއްކުމަށް ކުރާ އެކިކަންކަމުގެ 1 މައްސަލައާއި މުދާ ހިފެހެއްޓުމާއި މުދަލަށް ގެއްލުން ދިނުމުގެ މައްސަލައެއް ހުށައަޅާފައިވާއިރު ފާރަލުމުގެ މައްސަލައެއްވެސް ވަނީ ހުށައަޅާފައެވެ.
މީގެ އިތުރުން ނުކުޅެދުނެތެރިކަން ހުންނަ މީހުންނަށް އަޅާލުމާއި ބެލެހެއްޓުމާއި ގުޅޭ 6 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާގުޅޭ 8 މައްސަލައެއް ޖެންޑަރ މިނިސްޓްރީއަށްވަނީ ހުށަހަޅާފައެވެ.
މިމައްސަލަތަކުގެ އިތުރަށް އަމިއްލަ ނަފްސަށް އަނިޔާ ދިނުމާގުޅޭ މައްސަލައެއްވެސް މިނިސްޓްރީއަށްވަނީ ރިޕޯޓުކޮށްފައެވެ.