އެމްޕީއެލުން ހދ. ކުޅުދުއްފުށީގައި ހަދާ ގެސްޓްހައުސް މިއަހަރުގެ މެދުތެރޭ ހުޅުވުމަށް މަސައްކަތް ކުރަމުންދާކަމަށް އެމްޕީއެލްގެ ސީއީއޯ އިބްރާޙިމް އަބްދުއްރައްޒާޤް ހަލީމް ވިދާޅުވެއްޖެއެވެ. ކުޅުދުއްފުށީ ޕޯޓު ލިމިޑެޓުގެ ގޯތި ތެރޭގައި ހަދާ ބާވީސް ކޮޓަރީގެ މި ގެސްޓްހައުސް އިމާރާތް ކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި މޯލްޑިވްސް ޕޯޓު ލިމިޑެޓް، އެމްޕީއެލްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާޤު ހަލީމް ވިދާޅުވީ ގެސްޓްހައުސްގައި މިހާރު ކުރިއަށްދަނީ އެތަނުގެ ފާޚާނާ ނިޒާމް ރަށުގެ ނަރުދަމާ ނިޒާމާއި ގުޅުމުގެ މަސައްކަތާއި އެތަނަށް ބޭނުންވާ ފަރުނީޗަރު ހޯދުމުގެ މަސައްކަތް ކަމަށެވެ.
މި ގެސްޓްހައުސްއަކީ ދިވެހިންނަށާއި ފަތުރުވެރިންނަށް ބޭނުންކުރެވޭނެ ފެންވަރަށް ތަރައްޤީކުރާ ތަނެއް ކަމަށް އެމްޕީއެލްއިން ބުނެއެވެ. އަދި ގެސްޓްހައުސް ހުޅުވުމުން ވަޒީފާގެ އާ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އެމްޕީއެލުން ބުނެއެވެ.